ފަހު މެޗުގައި ބިލެއްދޫ ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ދަރަނބޫދޫން ހޯދައިފި

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ އަންހެން ޑިވިޝަންގެ ފަހު މެޗުގައި މިރޭ ބިލެއްދޫ ރައިސިން ސްޓާ (ބީއާރުއެސް) ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ދަރަނބޫދޫ ޕާޕަލް ޕަވާ (ޑީޕީޕީ)އިން ހޯދައިފިއެވެ. މެޗަށް ނިކުތްއިރު މިރޭ ބިލެއްދޫ ބަލިކޮށްގެން ފައިނަލަށް ދިޔުމުގެ ފުރުސަތު ދަރނަބޫދުއަށް އޮތެވެ. އަދި ދަރަނބޫދޫ އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ފައިނަލަށް ދިޔުމުގެ ފުރުސަތު ބިލެއްދޫއަށް އޮތެވެ. ދަރަނބޫދޫން މިރޭގެ މެޗުގައި ބިލެއްދޫ ބަލިކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގެ ފައިނަލްގައި ދަރަނބޫދޫން ނިކުންނާނީ މަގޫދޫ ޒުވާނުންގެ ކުލަބް (އެމްޒެޑްސީ)އާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 20:30 ގައެވެ. މަގޫދޫން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ހަތަރު މެޗުން މޮޅުވެ ލިބުނު 12 ޕޮއިންޓާއެކު އެއް ވަނަ ޓީމުގެ ގޮތުގައެވެ. ދަރަނބޫދޫން ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކުއެވެ. ހަތަރު މެޗުން ބިލެއްދުއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އަދި ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް)އަށް ވެސް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. މިރޭގެ މެޗުގެ ސެޓުތައް ދަރަނބޫދޫން ކާމިޔާބުކޮށްފައިވަނީ 25-18، 25-21 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަރަނބޫދޫގެ ފަޒްލާ މުޙައްމަދެވެ. މި މުބާރާތުގެ ދެ ޑިވިޝަންގެ ފައިނަލް ކުޅޭ ޓީމުތައް ވެސް މިހާރު ވަނީ ކަށަވަރުވެފައެވެ. ފިރިހެން ފައިނަލްގައި ބައްދަލުކުރާނީ މަގޫދޫ ޒުވާނުންގެ ކުލަބް (އެމްޒެޑްސީ) އާއި ބިލެއްދޫ ރައިސިން ސްޓާ (ބީއާރުއެސް) އެވެ. މިއީ ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދިޔުމާއި، އަތޮޅު ތެރޭގައި ވޮލީގެ ފޯރި ގެނުވުމަށް އަދި އަތޮޅު ތެރޭގައި ވޮލީއަށް މޮޅެތި ކުޅުންތެރިން އުފެއްދުމަށް ޔޫތު މިނިސްޓްރީއާއި ވީއޭއެމް އިން ކުރާ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެއްކަމަށް މުބާރާތް ހިންގުމާ ހަވާލުވެ ހުންނެވި ވީއޭއެމްގެ ނައިބު ރައީސް އަލީ އަޝްރަފް ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ