ކޯޗަށް އިތުބާރު ނުކުރެވޭތީ ލެވަންޑޯސްކީ ޕޮލެންޑް ޓީމާ ދުރަށް ކޯޗަށް އިތުބާރު ނުކުރެވޭތީ ލެވަންޑޯސްކީ ޕޮލެންޑް ޓީމާ ދުރަށް

ވޯސޯ، ޕޮލެންޑް (ޖޫން 9) - ޕޮލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، މިޝަލް ޕްރޮބިއާޒް އަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ، އެ ޓީމުގެ ތަރި، ލެވަންޑޯސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެެވެ
ލެވަންޑޯސްކީ، 36، އަތުން ކެޕްޓަން ބޭންޑް ނަގަން، ޕްރޮބިއާޒް ނިންމުމުން އެކަމާ ވަނީ މައްސަލަ ގޯސްވެފަ އެވެ.
އިއްޔެ، ޕޮލެންޑް އެފްއޭ އިން ހާމަކުރި ގޮތުގައި، ލެވަންޑޯސްކީ އަތުން ކެޕްޓަން ބޭންޑް ނަގައި، ޕިއޮޓްރޭ ޒިއެލިންސްކީއާ ހަވާލުކުރަން، ޕްރޮބިއާޒް ވަނީ ނިންމައިފަ އެވެ.
މިކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ބާސެލޯނާ އަށް ކުޅެމުން އަންނަ ލެވަންޑޯސްކީ، ސޯޝަލް މީޑިއާގައި ލިޔެފައިވަނީ، މި ދިމާވި ކަންތައްތަކަށް ފަހު، ކޯޗު ޕްރޮބިއާޒް އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ކޯޗު ޕްރޮބިއާޒް (ކ) އާއި ލެވަންޑޯސްކީ.--- ފޮޓޯ: އޭއެފްޕީ
"އެހެންވެ، އަހަރެން ނިންމައިފިން، އޭނަ (ޕްރޮބިއާޒް) ކޯޗަކަށް ހުރިހާ ދުވަހަކު، ގައުމީ ޓީމަށް ނުކުޅެން. އުންމީދަކީ، އަދިވެސް ގައުމީ ޓީމަށް ކުޅެ، ދުނިޔޭގެ އެންމެ ވަރުގަދަ ސަޕޯޓަރުން ކުރިމަތީގައި ކުޅުމުގެ ފުރުސަތެއް ލިބޭނެ ކަމަށް،" ލެވަންޑޯސްކީ ބުންޏެވެ.
ޕޮލެންޑް ގައުމީ ޓީމަށް 158 މެޗުން 85 ގޯލު ޖަހައި، ރެކޯޑް ހަދާފައި އޮތް ލެވަންޑޯސްކީ، އަކީ ފާއިތުވި ގިނަ އަހަރުތަކުގައި އެ ޓީމުގެ ކެޕްޓަނެވެ. ޕްރޮބިއާޒް، ޕޮލެންޑް ކޯޗުކަމާ ހަވާލުވީ، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެންމެ ފަހުން، މިދިޔަ އަހަރު ބޭއްވި ޔޫރޯގައި ޕޮލެންޑް ކެޓީ ޕްރޮބިއާޒްގެ ކޯޗުކަމުގައި ގްރޫޕް ސްޓޭޖުންނެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އޭނާ ވަނީ ނަތީޖާ ރަނގަޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ