ކަސްރަތަށް ދުވުމަށްވުރެ ކޮންމެ ދުވަހަކު ހިނގުން މާރަނގަޅު ކަސްރަތަށް ދުވުމަށްވުރެ ކޮންމެ ދުވަހަކު ހިނގުން މާރަނގަޅު

ކަސްރަތު ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، ގިނަ މީހުންގެ ވިސްނުމަށް އެންމެ ފުރަތަމަ އަންނަ އެއް ކަމަކީ ދުވުމެވެ. ދުވުމަކީ ހަށިގަނޑުން ވަރުބަލިކޮށް، އަވަހަށް ދާހިއްލުވާލާ، ގިނަ އަދަދެއްގެ ކެލޮރީ އަންދާލާ ކަމެއްކަމަށް ވާތީ، އެއީ އެންމެ "ރަނގަޅު" ކަސްރަތު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް، ފަހުގެ ދިރާސާތަކާއި ސިއްހީ ތަޖުރިބާކާރުންގެ ލަފަޔަށް ބަލާއިރު، ދިގު މުއްދަތެއްގެ ސިއްހީ ފައިދާއަށްޓަކައި، ގަދައަށް ދުވުމަށްވުރެ ކޮންމެ ދުވަހަކު ގަވާއިދުން ހިނގުން މާ ފައިދާ ބޮޑުވެދާނެ އެވެ. މި ލިޔުމުގައި ބަލައިލާނީ ދުވުމުގެ ބަދަލުގައި ހިނގުން އިހުތިޔާރު ކުރުން މާ ރަނގަޅު ކަމަށް ބުނެވޭ ސަބަބުތަކަށެވެ.
ދުވުމަކީ "ހައި-އިމްޕެކްޓް" ކަސްރަތެކެވެ. މާނައަކީ، ދުވާ ކޮންމެ ފަހަރަކު، ހަށިގަނޑުގެ ބަރުދަން، ކަކުލަށާއި، އަދި ފައިގެ އެހެން ހުޅުތަކަށް ބާރާއެކު އެޅެއެވެ. މީގެ ސަބަބުން، ހުޅުތަކަށް އަނިޔާވުމާއި، މަސްތަކަށް ގެއްލުން ލިބުމުގެ ފުރސަތު ބޮޑުވެއެވެ. ހާއްސަކޮށް، ފަލަ މީހުންނާއި، އުމުރުން ދުވަސްވީ މީހުން، އަދި ކަސްރަތު ކުރަން އަލަށް ފަށާ މީހުންނަށް ދުވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ.
މިކަމާ ހިލާފަށް، ހިނގުމަކީ "ލޯ-އިމްޕެކްޓް" ކަސްރަތެކެވެ. ހިނގާއިރު ހުޅުތަކަށް ބާރު އެޅޭލެއް ވަރަށް ބޮޑަށް ކުޑައެވެ. ހާވާޑް ހެލްތް ޕަބްލިޝިންގްގައި ފާހަގަކޮށްފައިވާ ގޮތުގައި، ހިނގުމަކީ ހުޅުތަކަށް ލިބޭ ގެއްލުން ކުޑަކޮށް، ހަށިގަނޑަށް ފައިދާ ލިއްބައިދޭ ވަރަށް ރައްކާތެރި ކަސްރަތެކެވެ.
ސިއްހީ ގޮތުން އެންމެ ބޮޑު ފައިދާއެއް ލިބެނީ އެއް ދުވަހަކު ގަދައަށް ކަސްރަތު ކޮށްލައިފައި ހުއްޓާލުމަކުން ނޫނެވެ. އެކަން މެދުނުކެނޑި، ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުންނެވެ.
ދުވުން: ދުވުމަށްޓަކައި ގަދަ ހިތްވަރަކާއި ވަގުތެއް ބޭނުންވެއެވެ. އަދި ދުވުމަށްފަހު ހަށިގަނޑު ވަރުބަލިވެ، އަނެއް ދުވަހު ދުވަން ފަސްޖެހެވިދާނެއެވެ.
ހިނގުން: ހިނގުމަކީ ކޮންމެ ދުވަހެއްގެ ތާވަލުގެ ތެރެއަށް ފަސޭހައިން ފެއްތޭނެ ކަމެކެވެ. އޮފީހަށް ދާއިރު ނުވަތަ އޮފީހުން އަންނައިރު، މެންދުރު ކެއުމުގެ ފަހުގައި، ނުވަތަ ހަވީރުގެ ވަގުތުގައިވެސް ކުރު ހިނގާލުމެއް ހިނގާލެވިދާނެއެވެ. މި ފަސޭހަކަމުގެ ސަބަބުން، ކޮންމެ ދުވަހަކު ހިނގުމުގެ އާދަ އަށަގަނުވައި، ދިގު މުއްދަތަކަށް އެކަން ކުރެވޭނެއެވެ.
އެކުވެނި ޓްރެކްގައި ދެ މީހަކު ކަސްރަތަށް ހިނގަނީ. -- ފޮޓޯ: އަދަދު
ދުވުމާއި ހިނގުން، މި ދެ ކަސްރަތުން ވެސް ނަފުސާނީ ދުޅަހެޔޮކަމަށް ފައިދާ ކުރެއެވެ. ނަމަވެސް، ގިނަ ފަހަރަށް ހިނގުމަކީ ވިސްނުން ސާފުކޮށް، ހަރުދަނާ ކުރުމަށް މާ އެކަށީގެންވާ ކަމެކެވެ. ބާރަށް ދުވާއިރު، ހަށިގަނޑަށް އަންނަ ބުރައިގެ ސަބަބުން ވިސްނުން އެހެން ކަންކަމަށް ފޯކަސް ކުރުމަށް އުނދަގޫވެދާނެއެވެ. އެކަމަކު، ހިތްގައިމު މާހައުލެއްގައި ލުއި ހިނގާލުމަކުން، ވިސްނުންތައް ތަރުތީބުކޮށް، އާ ހިޔާލުތައް އުފެއްދުމަށް މަގުފަހިވެއެވެ. މަޔޯ ކްލިނިކްގެ ދިރާސާތަކުން ދައްކާ ގޮތުގައި، ހިނގުމަކީ، ފިކުރުބޮޑުވުން، އަދި ހާސްކަން ކުޑަކޮށް، މޫޑު ރަނގަޅުކުރުމަށް އެންމެ ރަނގަޅު އެއް ކަސްރަތެވެ.
ހިނގުމަށްވުރެ ދުވުމުން ގިނަ ކެލޮރީ އަންދާލައެވެ. ނަމަވެސް، މުޅި ހަފުތާއަށް ބަލާއިރު، ކޮންމެ ދުވަހަކު 45 މިނެޓް ހިނގާ މީހަކު، ހަފުތާއަކު ދެ ފަހަރު 30 މިނެޓް ދުވާ މީހަކަށްވުރެ ގިނަ ކެލޮރީ އަންދާނެ އެވެ. މައިގަނޑު ނުކުތާއަކީ މެދުނުކެނޑި ކުރުމެވެ. ހެލްތްލައިންގައި ބަޔާންކޮށްފައިވާ ގޮތުގައި، ހިނގުމުން ހަށިގަނޑުގައި ހުންނަ ފެޓް އަންދާލުމަށް ބާރުއަޅާއިރު، ގަދަޔަށް ދުވުމުން ގިނައިން ބޭނުންކުރަނީ ކާބޯހައިޑްރޭޓްސްގެ ހަކަތައެވެ. އެހެންކަމުން، ދިގު މުއްދަތެއްގައި ފެޓް ވިރުވާލުމަށް، ގަވާއިދުން ހިނގުން މާ ރަނގަޅެވެ.
އެކުވެނި ޓްރެކްގައި ދެ މީހަކު ދުވަނީ. -- ފޮޓޯ: އަދަދު
ދުވުމަކީ ހިތުގެ ސިއްހަތަށް ވަރަށް ފައިދާ ހުރި ކަމެއްކަން އެންމެންވެސް ގަބޫލުކުރެއެވެ. ނަމަވެސް، އެމެރިކަން ހާޓް އެސޯސިއޭޝަނުން ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ދައްކާ ގޮތުން، ހަކަތަ ބޭނުންކުރާ މިންވަރު އެއްވަރެއްގައި ހުރިނަމަ، މެދުމިނެއްގައި ހިނގުމާއި، ގަދައަށް ދުވުމުން ލިބޭ ފައިދާ އެއްވަރެވެ. މި ދިރާސާއިން ހާމަވިގޮތުގައި، ގަވާއިދުން ހިނގާ މީހުންނާއި ދުވާ މީހުންނަށް، ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުމާއި، އަދި ހަކުރު ބަލީގެ ފަރުވާ ކުރުމުގައި ލިބެނީ އެއްވަރުގެ ފައިދާއެކެވެ. މާނައަކީ، ހިތުގެ ދުޅަހެޔޮކަމަށްޓަކައި ގަދައަށް ދުވެ، ހަށިގަނޑަށް ބުރަކުރުމުގެ ބަދަލުގައި، ހިނގުމުންވެސް ހަމަ އެ ފައިދާ ލިބޭނެއެވެ.
ދުވުމަށްޓަކައި ރަނގަޅު ބޫޓެއް، އަދި ބައެއް ފަހަރު ހާއްސަ ހެދުމެއް ބޭނުންވެދާނެ އެވެ. އަދި ދުވާނެ ރަނގަޅު ތަނެއްވެސް ބަލަންޖެހެ އެވެ. އެކަމަކު ހިނގުމަކީ އެފަދަ އެއްވެސް ތަކުލީފެއް ނެތް ކަމެކެވެ. އާލާތްތަކެއް ބޭނުމެއް ނުވެ އެވެ. ހިނގަން ދާން ބޭނުންވަނީ ހަމައެކަނި ފަޔަށް ފަސޭހަ ފައިވާނެކެވެ. އަދި ބޮޑު ހަރަދެއްކޮށްގެން ޖިމްއަށް ދާކަށް ނުވަތަ ޖިމް އިކިއުޕްމެންޓު ހޯދާކަށް ވެސް ނުޖެހެ އެވެ. ކޮންމެ ތަނެއްގައި ވެސް ހިންގަންވީ އެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، ގަވާއިދުން ދުވާ މީހުންނަށް ވެސް ސިއްހީ ގޮތުން އެތައް ފައިދާއެއް ލިބެއެވެ. ހާއްސަކޮށް އެތުލީޓުންނާއި، ހަށިގަނޑު ވަރުގަދަ މީހުންނަށް ދުވުމަކީ ވަރަށް ރަނގަޅު ކަސްރަތެކެވެ. ނަމަވެސް، އާންމު މީހަކަށް، ދިގު މުއްދަތެއްގައި ސިއްހަތު ރަނގަޅުކޮށް، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި، ކޮންމެ ދުވަހަކު ހިނގުމަކީ އެންމެ ރަނގަޅު އަދި އެންމެ ރައްކާތެރި އެއްގޮތެވެ. އެއީ އަނިޔާވުމުގެ ނުރައްކާ ކުޑަ، މެދުނުކެނޑި ކުރަން ފަސޭހަ، ނަފްސާނީ ގޮތުން ހިތްހަމަޖެހުން ގެނެސްދޭ، އަދި އެންމެނަށްވެސް ފަސޭހައިން ކުރެވޭނެ ކަމަކަށް ވާތީއެވެ. އެހެންވީމާ، ކަސްރަތު ކުރަން ފަށަން ގަސްދުކުރާނަމަ، ނުވަތަ މިހާރު ކުރާ ކަސްރަތު މާ ބުރަ ކަމަށް އިހުސާސް ކުރެވޭ ނަމަ، ދުވުމުގެ ބަދަލުގައި ހިނގުން އިޚްތިޔާރުކޮށްލާށެވެ. ކޮންމެ ދުވަހަކު އެންމެ 30 މިނެޓު ހިނގާލުމުންވެސް ތިބާގެ ސިއްޙަތަށް ހީވެސް ނުކުރާހާ ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ނަފުސަށް ދެވޭނެ އެންމެ އަގުހުރި އެއް ހަދިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ