ގަމު ކައުންސިލް ބައިބަލާ ޗެލެންޖު: ގަދަ 6 ޓީމު ކުއާޓާ ފައިނަލަށް، 3 މޮޅާއެކު ފިނޮޅު އެސްސީ ކުރީގައި!
އަޟްހާ އީދާ ގުޅިގެން ލ. ގަމު ކައުންސިލާއި ބައިބަލާ އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ "ގަމު ކައުންސިލް ބައިބަލާ ޗެލެންޖް 2025"ގެ ކުއާޓާ ފައިނަލަށް ގަދަ ހަ ޓީމު ދަތުރުކޮށްފިއެވެ. އެ ޓީމުތަކަކީ މުކުރިމަގު ނިއު ޖެނަރޭޝަން، ފޮއެމަތި، ގޯޅި ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ފިނޮޅު، މުކުރިމަގު އަންޑަގްރައުންޑް އަދި ފިނޮޅު ސްޕޯޓްސް ކްލަބެވެ. ޖުމުލަ ނުވަ ޓީމު ވާދަކުރި މި މުބާރާތުގައު މިހާތަނަށް 10 މެޗު ކުޅުނުއިރު މިރޭ ކުޅޭނީ ކުއާޓާ ފައިނަލްގެ މެޗުތަކެވެ. އެގޮތުން ހަތަރު މެޗެއް މިރޭ ކުޅޭނެއެވެ. އެއީ މެޗު 11: މުކުރިމަގު ނިއު ޖެނަރޭޝަން - ފޮއެމަތި މެޗު 12: ގޯޅި ސްޕޯޓްސް ކްލަބް - ޔުނައިޓެޑް ފިނޮޅު މެޗު 13: މުކުރިމަގު އަންޑަގްރައުންޑް - ފިނޮޅު ސްޕޯޓްސް ކްލަބް މެޗު 14: މެޗު 11 އިން މޮޅުވާ ޓީމް - މެޗު 12 އިން މޮޅުވާ ޓީމް މި މުބާރާތުގެ ފޯމެޓު ހަމަޖެހިފައިވަނީ ޑަބަލް އެލިމިނޭޝަން އުސޫލުން މެޗުތަށް ކުޅޭ ގޮތަށެވެ. އެ ގޮތުން، މެޗަކުން ބަލިވި ނަމަވެސް އިތުރު މެޗެއް ކުޅުމުގެ ފުރުސަތު ބަލިވާ ޓީމްތަކަށް ވަނީ ލިބިފައެވެ. ނަމަވެސް، ދެ މެޗުން ބަލިވެއްޖެނަމަ އެ ޓީމެއް މުބާރާތުން ކަޓާނެއެވެ. ރޭ ވަނީ ތިން ޓީމެއް ކަޓައިފައެވެ. އެއީ، ބެސްޓް ސްޕޯޓްސް ކްލަބް، މުކުރިމަގު އަންބީޓަން އަދި ތުނޑި ނިއު ޖެނަރޭޝަންއެވެ. ރޭ ޔުނައިޓެޑް ފިނޮޅު އަދި ތުނޑި ނިއު ޖެނަރޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކުރީ ޔުނައިޓެޑް ފިނޮޅުން -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ މި މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ސީދާ ފައިނަލުން ޖާގަ ލިބޭއިރު، ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ދެވަނައާއި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ކުޅޭ ސެމީ މެޗަަށް ފަހު މޮޅުވާ ޓީމެކަށެވެ. މިހާރުގެ ނަތީޖާއަށް ބަލާއިރު: ފިނޮޅު ސްޕޯޓްސް ކްލަބް: 3 މެޗުން 3 މޮޅު ޔުނައިޓެޑް ފިނޮޅު ސްޕޯޓްސް ކްލަބް: 3 މެޗުން 2 މޮޅު މުކުރިމަގު އަންޑަގްރައުންޑް: 2 މެޗުން 2 މޮޅު މުކުރިމަގު ނިއު ޖެނަރޭޝަން: 2 މެޗުން 1 މޮޅު ގޯޅި ސްޕޯޓްސް ކްލަބް: 2 މެޗުން 1 މޮޅު ފޮއެމަތި: 2 މެޗުން 1 މޮޅު ރޭގެ ފުރަތަމަ މެޗުގައި ވާދަކުރީ ޔުނައިޓެޑް ފިނޮޅު ސްޕޯޓްސް ކްލަބާއި ބެސްޓް ސްޕޯޓްސް ކްލަބެވެ. މި މެޗުގެ ފުރަތަމަ ގޭމު ނިމެން ތިން މިނެޓަށް ވިއިރު ބެސްޓް ސްޕޯޓްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. އެ ގޭމް 8-7 އިން ގެންދިޔައީ އެ ކުލަބުންނެވެ. ނަމަވެސް، އެ މެޗުގެ ދެވަނަ ގޭމު 6-6 އިން އެއްވަރުވެ، މިރޭގެ ފުރަތަމަ އަދި މުބާރާތުގެ ދެވަނަ ގަދަހިފުމަކަށް ވަނީ ގޮސްފައެވެ. ރޭ ފޮއެމަތި އަދި މުކުރިމަގު އަންބީޓަން ކުޅުނު މެޗުގެ ތެރެއިން: މެޗު ކާމިޔާބުކުރީ ޓީމް ފޮއެމަތި -- ފޮޓޯ/ ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް ފުރަތަމަ ހިފުމާއި ދެވަނަ ހިފުން ވެސް ކާމިޔާބުކޮށް، އެ މެޗުން މޮޅު ހޯދީ، ޔުނައިޓެޑް ފިނޮޅު ސްޕޯޓްސް ކްލަބެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ ޔުނައިޓެޑް ފިނޮޅު ސްޕޯޓްސް ކްލަބުގެ ޖާޒީ ނަންބަރު 5، ހަސަން ނުއާޒުއެވެ. ރޭގެ ދެވަނައަށް ފޮއެމަތި އަދި މުކުރިމަގު އަންބީޓަން ބައްދަލުކުރި މެޗުގެ ފުރަތަމަ ގޭމުގައި ބޭރުން ކުޅެ، ފުރަތަމަ ގޭމު ގެންގޮސްފައި ވަނީ ފޮއެމަތި ޓީމުންނެވެ. ޒުވާން ކުޅުންތެރިން ހިމެނޭ ފޮއެމަތިން ވަނީ މެޗުގައި ހަލުވި، މޮޅު ކުޅުމެއް ދައްކައި 8-6 އިން އެ ގޭމު ކާމިޔާބުކޮށްފައެވެ. އަދި، އެ މެޗުގެ ދެވަނަ ގޭމު ވެސް އެތެރެއިން ކުޅެ، ފޮއެމަތި ޓީމުން ވަނީ 11-9 އިން ގޭމު ކާމިޔާބުކޮށް އެ މެޗު ގެންގޮސްފައެވެ. އެ މެޗުގެ ދެވަނަ ގޭމު ނިމެން 45 ސިކުންތަށް ވެފައި އޮއްވައި، މުކުރިމަގުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް ލީޑު ނަގައި، ފޮއެމަތިން މެޗު ކާމިޔާބުކުރީއެވެ. ތިންވަނަ މެޗުގައި ވާދަކުރީ މުކުރިމަގު އަންޑަގްރައުންޑް އަދި މުކުރިމަގު ނިއު ޖެނެރޭޝަންއެވެ. ފުރަތަމަ ގޭމު 18-7 އިން ކާމިޔާބުކުރީ މުކުރިމަގު އަންޑަގްރައުންޑްއިންނެވެ. ދެވަނަ ގޭމުގެ 5 މިނެޓު 3 ސިކުންތު ހަމަވިއިރު ދެ ޓީމުން ވެސް ނަތީޖާ ހަމަހަމަކުރިއެވެ. އަދި މެޗުގެ ބާކީ ވަގުތު ވަރަށް ހަމަހަމަކޮށް ދިޔުމަށް ފަހު، 16-0ކުން އެ ގޭމް ވެސް ކާމިޔާބުކުރީ މުކުރިމަގު އަންޑަގްރައުންޑް ޓީމުންނެވެ. ރޭ ފިނޮޅު ސްޕޯޓްސް ކްލަބް އަދި ގޯޅި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން: ފިނޮޅު އެސްސީގެ ހަސަން މާހިރު (ހަންޓޭ) ވަނީ މޮޅު ކުޅުމެއް ދައްކާފައި -- ފޮޓޯ/ ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް ރޭގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ފިނޮޅު ސްޕޯޓްސް ކްލަބް އަދި ގޯޅި ސްޕޯޓްސް ކްލަބެވެ. ދެ ޓިމުން ވެސް މޮޅު ކުޅުމެއް ދެއްކިއިރު ފުރަތަމަ ގޭމު އެތެރެއިން ކުޅެ، 12-4 އިން ގެންދިޔައީ ފިނޮޅު ސްޕޯޓްސް ކްލަބުންނެވެ. އަދި 6-5ކުން ދެވަނަ ގޭމު ވެސް ކާމިޔާބުކޮށް ފިނޮޅު ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުގައި ތިން މޮޅު ހޯދާފައެވެ. ރޭ ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އުންމީދީ ކުޅުމެއް ކުޅެ، އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރާއްޖޭގެ ކައިޓް ސާފް ޗެމްޕިއަން އަދި އުންމީދީ ބައިބަލާ ކުޅުންތެރިޔާ ހަސަން މާހިރު (ހަންޓޭ)އެވެ. މިރޭގެ ފަހު މެޗުގައި ތުނޑި ނިއު ޖެނަރޭޝަނާއެކު ބައްދަލުކުރީ ފުރަތަމަ މެޗުން މޮޅުވި ޔުނައިޓެޑް ފިނޮޅެވެ. ފުރަތަމަ ގޭމު 18-4ކުން ގެންދިޔައީ ޔުނައިޓެޑް ފިނޮޅުން އެތެރެއިން ކުޅެގެންނެވެ. ދެވަނަ ގޭމުގެ ތިންވަނަ މިނެޓުގައި ނަތީޖާ ހަމަހަމަވި ނަމަވެސް 7-5ކުން ނަތީޖާ ފުރޮޅާލައި ޔުނައިޓެޑް ފިނޮޅުން ވަނީ އެ މެޗު ކާމިޔާބުކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާއަކީ ޔުނައިޓެޑް ފިނޮޅުގެ ޖާޒީ ނަންބަރު 13 މުހައްމަދު ޝުހާދު (ސުބާޅު)އެވެ. މި މުބާރާތުގެ ގޯލްޑް ސްޕޮންސަރުންނަކީ ޖީއެމްސީއީ، ބައިސަން މޯލްޑިވްސް އަދި މާޒިޔާ ސާވިސްއެވެ. އަދި ސިލްވާ ސްޕޮންސަރުންނަކީ އޫދު އަލް ސަބާޔާ، އޮޓެކްސް ޕްރައިވެޓް ލިމިޓެޑް، ހޯކްސް އަދި މަވެރިކް މޯލްޑިވްސްއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ