އެމްއެޗު 370 ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުގެ މޫސުން އަނެއްކާ ވެސް ގޯސްވަނީ

ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް 370 ވެއްޓިފައިވާ ކަމަށް ބެލެވޭ ސަރަހައްދުގެ މޫސުން އަނެއްކާވެސް ގޯސްވާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ޗައިނާއިން ބުނެފި އެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ މިއަދުގެ ފަހުގެ ވަގުތެއްގައި މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ލިބިފައި ވިޔަސް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ.
އޮސްޓްރޭލިއާގެ މެރިޓައިމް ސޭފްޓީ އޮތޯރިޓީ (އޭއެމްއެސްއޭ) އާ ހަވާލާދީ ޒިންހުއާ ބުނީ ހޯދުމުގެ މަސައްކަތުގައި 11 މަތިންދާ ބޯޓާއި ފަސް ކަނޑުބޯޓް ބައިވެރިވާނެ ކަމަށެވެ. އަދި ބުނީ އެއުޅަނދުތަކުން ބަލާނީ ދެސަރަހައްދެއް ކަމަށެވެ.
މިއަދުގެ އޮޕަރޭޝަނުގައި ބައިވެރިވާ އުޅަނދުތަކުގެ ތެރޭގައި ރޯޔަލް އޮސްޓްރޭލިއަން އެއާފޯސްގެ އޭޕީ3ސީ އޯރިއަން މަރުކާގެ ދެމަތިންދާބޯޓާއި ޗައިނީޒް އެއާފޯސްގެ އިޔޫޝިން އައިއެލް 76 މަރުކާގެ މަތިންދާބޯޓަކާއި ޖަޕާނުގެ ގަލްފްސްޓްރީމް ޖެޓަކާއި އެމެރިކާގެ ކަނޑުގެ ސިފައިންގެ ޕީ-8 ޕޮޒީޑަން މަރުކާގެ މަތިންދާބޯޓަކާއި ޖަޕާނުގެ ޕީ-3 އޯރިއަން މަރުކާގެ މަތިންދާބޯޓެއް ހިމެނެ އެވެ.
ހޯދުމުގެ މަސަކަތް މިއަދު ކުރިއަށްދާ އިރު މަތިންދާބޯޓްގެ ބައިތަކެއް ކަމަށް ބެލެވޭ 122 އެތިކޮޅެއް ސެޓެލައިޓް އިމޭޖަރީ އަށް ފެނިފައިވާ ކަމަށް މެލޭޝިއާ އިން އިއްޔެ ވަނީ ބުނެފަ އެވެ.
މެލޭޝިއާ އެއާލައިންގެ ބޯޓް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާ ކަމަށާއި އެބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށް މެލޭޝިއާ ސަރުކާރުން ވަނީ ނިންމާފަ އެވެ.
ހޯމަ ދުވަހު ބޭއްވެވި ޕްރެސްކޮންފަރެއްންސެއްގައި ބޮޑުވަޒީރު ނަޖީބު އަބްދުއްރައްޒާގު، ވިދާޅުވެފައި ވަނީ ބޯޓު ހޯދުމަށް އެންމެ ފަހުން ކުރި މަސައްކަތްތަކުގެ އަލީގައި، އެ ބޯޓު ވަނީ، އިންޑިއާ ކަނޑުގެ ދެކުނުން އޮސްޓްރޭލިޔާގެ ޕާތާ ވީ ސަރަހައްދަށް ވެއްޓިފައިވާކަން ކަށަވަރުވެފައި ކަމަށެވެ.
ނަޖީބު ވިދާޅުވެފައި ވަނީ ބޯޓު ކަނޑަށް ވެއްޓިފައިވާ ކަމަށް ނިންމާފައި ވަނީ، ސެޓެލައިޓް މެދުވެރިކޮށް ހޯދިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ޔޫކޭ އެއާ އެކްސިޑެންޓް އިންވެސްޓިގޭޝަން ބްރާންޗުން ސެޓެލައިޓްގެ އެހީގައި އެ ބޯޓު އެންމެފަހުން ދަތުރުކުރި މަގު ދެނެގެންފައި ވާކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. ވިދާޅުވީ، ބޯޓު ދަތުރުކުރަމުން ގޮސް ގެއްލިފައި ވަނީ، ކައިރީގައި ހިކިފަސް އެއްވެސް ތަނެއް ނެތް އެކަހެރި ހިސާބަކަށް ކަމަށެވެ.
އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިމަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގައި ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ