ދިވެހި ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއްގައި ވެސް ނުޖެހޭނަން - އިބޫ

ދިވެހި ދައުލަތުގެ ހަޒާނާގެ އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިވަައިނުގަންނަވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ތާއިދު ހޯދުމަށް ފަށްޓަވާފައިވާ ދަތުރުގައި ތ.އަތޮޅު ކިނބިދޫ އަށް ވަޑައިގެން އިބޫ ވިދާޅުވީ ގޮތުގައި އިދިކޮޅު އިއްތިހާދުގެ ވެރިކަމެއް އަތުވެއްޖެނަމަ ދިވެހި ހަޒާނާގެ އެންމެ ފައިސާ ފޮއްޗެއްގައި ވެސް އެމަނިކުފާނު ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ރަށް ރަށަށް ބޭނުންވާ ކަންކަން ރަށާއި ގާތުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
ކިނބިދޫ ގައި އިދުކޮޅު އިއްތިހާދަށް ތާއިދުކުރައްވާ ފަރާތްތަކާއި ބައްދަލު ކުރައްވާ އިބޫ ވަނީ އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިވަގުތު ޖަލުގައި ހުންނަވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.
"މި ބައްދަލުވުން ކުރިއަށް ދާއިރުގައި އަޅުގަނޑު ހިތްދަތިވާ އެއްކަމެއް އެބައޮތް. މިދާއިރާ ތަމްސީލު ކުރުމަށްޓަކާ ތިބޭފުޅުން ހޮއްވަވާފައިވާ މެންބަރު އަޅުގަނޑުމެންނާއެކު މިއަދު މިތަނުގައި ނެތްް. އެއީ މިއަދު އަދުލު އިންސާފު ގެ ހާލަތު ހުރިގޮތް" އިބޫ ވިދާޅުވިއެވެ.
"މި ދާއިރާގެ މެންބަރު އަަބުދުﷲ ރިޔާޒް ޖަލުގައި ނުހައްގުން އަނިޔާ ލިބެމުންދާތާ މިއަދަށް 150 އެއްހާ ދުވަސް މިވަނީ ފާއިތުވެގެން ގޮސްފައި. ކުރި ކުށެއްނެތް. ނުކުރާ ކުށަކަށް އެންމެ ފަހުން އަދަބު ލިބިގެންދަނީ" އިބޫ ވިދާޅުވިއެވެ.
މީގެއިތުރުން އިބޫ ވަނީ ޖަޒީރާވަންތަ ދިރިއުޅުމެއް ހޯދުމަށް އިދުކޮޅު އިއްތިހާދުން ކުރާ މި މަސައްކަތުގައި ކިނބިދޫ އުނިވެގެން ނުދާނެކަމަށް ވެސް ވިދާޅުވެފައެވެ.
"ކިނބިދޫގެ އާބާދީގައި ސާދަސަތޭކަ އެއްހާ މީހުން ދިރިއުޅެމުން އެބަދޭ. ނަމަވެސް މި ރަށުގެ ފެނެއް، ނަރުދަމާއެއް މަގުތަކެއް ހެދިފައެއް ނެތް. މި ރަށުގެ ބަނދަރަކީވެސް އެމްޑީޕީގެ ވެރިކަމުގަ ހަދާދެވުން ބަނދަރެއްް. އަދި ރަށް ގިރުމާއި ސިއްހީ ދާއިރާ ވެސް މިރަށުގަ މިވަނީ ކުރިމަތިވެފައި. ރަށަށް ބޭނުންވާ ކަންތައްތައް ރަށާއި ގާތުން ކުރެވޭނެ އިންތިޒާމް އަޅުގަނޑުމެންގެ ސަރުކާރެއްގައި ގާއިމް ކުރާނަން" އިބޫ ވިދާޅުވިއެވެ.
ރައީސް ޔާމިންގެ ސަރުކާރުން އިދިކޮޅު އިއްތިހާދުން ރަށްރަށަށް މިކުރާ ދަތުރުގައި އެމަނިކުފާނު ވާ ވައުދުތަށް ފުއްދަމުންދާކަން ވެސް އިބޫ ވަނީ ފާހަގަ ކުރައްވާފައެވެ.
"އަޅުގަނޑުމެން ރަށްރަށަށް މިކުރާ ޒިޔާރަތުގައި ވައުދުތަކެއް އެބަވަން. އިއްޔެ އަޅުގަނޑު ތ.އަތޮޅު ރަަށެއްގައި ދެއްކެވި ވާހަކައެއް އެއީ ކަނޑު ދަތުރުކުރާ ދަތުރު ފަހަރު ގެ ފީތައް ބޮޑުވާ ވާހަކަ. މިއަދު އަޅުގަނޑަށް ފެނިގެން މި ދިޔައީ ރައީސް ޔާމިންގެ ސަރުކާރުން އެވައުދު ފުއްދެވިތަން." އިބޫ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް އިބޫ ތ.އަތޮޅަށް ކުރައްވަމުންދާ ދަތުރު ގެ ފަހު މަންޒިލެއްގެ ގޮތުން މިރޭ އެއަތޮޅު ތިމަރަފުށި އަށް ވަޑައިގަންނަވާނެ ކަމަށް އިދުކޮޅު އިއްތިހާދުން މައުލޫމާތު ދެއެވެ. އަދި އެ ރަށުގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ