ރިސޯޓް ލީގު: ބ. ޒޯން ފައިނަލަށް ދިޔައީ ވައްކަރު އާއި ފިނޮޅު

ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ރިސޯޓް ފުޓްސަލް މުބާރާތްް ކަމަށްވާ ރިސޯޓް ލީގުގެ އެންމެ ފޯރިގަދަ އެއް ޒޯން، ބ. ޒޯންގެ ސެމީ ފައިނަލުން ވައްކަރު މޯލްޑިވްސް، އާއި ފިނޮޅު މޯލްޑިވްސް އިން ދަތުރުކޮށްފި އެވެ. 
އަވާނީ+ފަރެސް މޯލްޑިވްސްގައި މި ޒޯންގެ މެޗުތައް މި ފަހަރު ވެސް ހޯސްޓްކުރާއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އަވާނީ އާއި ފިނޮޅު އެވެ. އެ މެޗުން ފިނޮޅުން ވަނީ 2-1 އިން އަވާނީގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި، ދެ ވަނަ ސެމީ ފައިނަލުގައި އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން، އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް އަތުން 2-1 އިން މޮޅުވެ، ވައްކަރު ވަނީ ފައިނަލަށް ދަތުުރުކޮށްފަ އެވެ. 
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ސެމީ ފައިނަލުގެ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ފިނޮޅުން ވަނީ ލީޑުނަގައިފަ އެެވެ.  ލިބުނު ފުރުސަތެއްގައި، ފިނޮޅަށް މި ލަނޑު ޖަހައިދިނީ، ހަސަން ޝާމް އެވެ. ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، އަވާނީން ވަނީ ނަތީޖާ ހަމަހަަމަކޮށްފަ އެވެ. މިއީ، ހިލޭޖެހުމެއްގައި ތަނަވަސްކުރި ފުރުސަތަކުން، އަވާނީގެ ގުަސައްޔު ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. 
އަލުން ލީޑުނަގައި މެޗުން މޮޅުވާން ފިނޮޅުން ކުރި މަސައްކަތް ކާމިޔާބުކުރި އެވެ. މިއީ، ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލަައިގެން، އަލީ ޝަހީދު ޖެހި ގޯލެކެވެ.  
ދެ ވަނަ ސެމީ ފައިނަލުގައި ވައްކަރުން ވަނީ އަަނަންތަރާ ކިހާވަކުގެ އެޓޭކް ހިފެހެއްޓުމުގައި ފުރަތަމަ ހާފުގައި ތަފާތު ދައްކައިފަ އެވެ. އަދި، ދެ ވަނަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުންހިފައި، ވައްކަރުން ވަނީ ލަނޑުތައް ޖަހައިފަ އެވެ. ވައްކަރަށް މި މެޗުގެ ލަނޑުތައް ޖެހީ، ބަދަލަކަށް ކުޅެން އެރި، މުހައްމަދު ތަހުސީން އެވެ. އޭނާ، ފުރަތަމަ ގޯލު ޖެހީ އޭރިއާ ރޮނގުކައިރިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ދެ ވަނަ ލަނޑު ޖެހީ، އަނަންތަރާ ކިހާވަކުން ކުރިއަށް ޖެހިގެން ކުޅެނިކޮށް، ހުސްކޮށް އޮތް ގޯލަކަށް ހާފުގެ މެދުތެރެއިން ގޯލަށް ބޯޅަ ފޮނުވާލައިގެންނެެވެ. 
ޕަވާޕްލޭގެ ބޭނުންކޮށްގެން ގިނަ އެޓޭކްތަކެއްކޮށް، އަނަންތަރާ ކިހަވަކުން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގައި ކާމިޔާބުކުރެވުނީ އެއް ގޯލެވެ. މިއީ، އަހުމަދު ސާޖިދު ފޮނުވާލި ޝޮޓެއް، ވައްކަރުގެ ކުޅުންތެރިއަކު ފައިގައި ޖެހިފައި ވަން ގޯލެކެވެ. 
މިދިޔަ އަހަރުގެ ފައިނަލުގައި ބަލިވި، ފިނޮޅުން މި ފަހަރުގެ ފައިނަލުގައި ވައްކަރާ ކުޅޭ މެޗު އޮތީ އާދިއްތަ ދުވަހުގެ ހަވީރެވެ. ފިނޮޅުގެ ކޯޗަކީ، މުހުތާރު ނަސީރު (ޓޫކިލޯ) އެވެ. އަދި، ވައްކަރުގެ ކޯޗަކަށް ހުރީ އާދަމް ލަރީފް (ރޮނާ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ