މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ހާއަލިފު އުތީމުގެ ތައްޔާރީތައް ބައްލަވާލެއްވުމަށާއި، އެ އަތޮޅުގައި ކުރިއަށްދާ ތަރިކަ ރައްކާތެރިކުރުމުގެ މަޝްރޫއުތައް މޮނިޓަރ ކުރެއްވުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އެ އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ އުތީމު ގަންދޫވަރާއި، އައްސުލްތާން މުހައްމަދު ތަކުރުފާނުގެ ހަނދާންތަކާ ގުޅިފައިވާ ތާރީޚީ ތަންތަން ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ހިންގާ "ގާޒީ ބޮޑުތަކުރުފާނުގެ ތަރިކަ ރައްކާތެރިކުރުމުގެ ގައުމީ މަޝްރޫއު" ގެ މަސައްކަތްތައް ބައްލަވާލެއްވުމެވެ. މި މަޝްރޫއު ކުރިއަށްދަނީ ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ސަރުކާރުން ކަނޑައަޅާފައިވާ އުތީމަށެވެ. އުތީމު ކައުންސިލުން ބުނި ގޮތުގައި، އަންނަ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ގައުމީ ދުވަހަށް އެ ރަށް ޒީނަތްތެރިކުރުމާއި، ސަގާފީ އަދި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ހިމެނޭހެން ވަރަށް ކުލަގަދަ ތައްޔާރީތަކެއް ދަނީ ވަމުންނެވެ.
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ހީނާ ވަލީދު ބާރަށަށާއި ތަކަންދޫއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށްރަށުގައި ހުރި ބޮޑުތަކުރުފާނުގެ ހަނދާންތަކާ ގުޅޭ އާސާރީ ބިނާތަކާއި ތަންތަން މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު އޮޅުންފިލުއްވާނެއެވެ.
މީގެ އިތުރުން، މި ތިން ރަށުގެ ކައުންސިލްތަކާ ވަކިވަކިން ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި، ރައްޔިތުންނަށް އެންމެ މުހިންމުވެފައިވާ ކަންކަމާ ގުޅޭގޮތުން މިނިސްޓަރު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ޤައުމީ ދުވަހުގެ ތައްޔާރީތައް ބެއްލެވުމްށް ހީނާ ހއ. އަތޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ