ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 3) - ސްޕޯޓްސް ބެޓިން އިސްތިހާރުތަކުގައި ބައިވެރިނުވާން ނިންމި އެންމެ ބޮޑު ސަބަބަކީ، އޭގެ އަވަައިގައި ޖެހި ގިނަ ބަޔެއްގެ ދިރިއުޅުން ހަލާކުވެފައި ހުރި ކަންކަން ފެނިފައިވާތީ ކަމަށް ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ބުނެފި އެވެ.
އެމްބާޕޭ، 27، އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާ އަންނަނީ ގިނަ ސްޕޮންސަޝިޕް ޑީލްތަކުގެ ތެރެއިން، ފްރާންސާއި ސްޕެއިން އަދި އެމެރިކާގައި ގިނަ ވިޔަފާރިތަކުގެ އިސްތިހާރުތަކުގައި ބައިވެރިވަމުންނެވެ. އެކަަަމަކު، އޭނާ އެއްވެސް ވަރަަކަށް ބައިވެރިނުވާނެ އިސްތިހާރުކުރުމެއްގެ ވާހަކަ އޭނާ ވަނީ އިންޓަވިއުއެއްގައި ހިއްސާކޮށްފަ އެވެ.
'ސްޕޯޓްސް ބެޓިން އަކީ ފަނާކުރަނިވި ކަމެއް. އެކަމާ ހެދި އަަހަރެން ދަންނަ އެތައް ބަޔެއްގެ ދިރިއުޅުން ވަނީ ހަލާކުވެފައި. އެއީ، އަހަރެން ސްޕޯޓްސް ބެޓިން އިސްތިހާރުތަކުން ނުފެންނަން ނިންމި މައިގަނޑު ސަަބަބަކީ،" އެމްބާޕޭ ބުންޏެވެ.
"އަަހަރެމެންނަކީ ދިރިއުޅުމުގައި މިހާރު މި ހިސާބުގައި އާދެވިފައި ހުއްޓަސް، ވަރަށް އާދައިގެ ގޮތަކަށް ފެށި ބައެއް. އަހަރެމެންގެ ތެރެއިން ގުނައި އަދަދު ނުކުރެވޭ ގިނަ ބަޔަކަށް މި ކަމުން (ސްޕޯޓްސް ބެޓިން) އިން އިންތިހާ އަށް ގެއްލުންވެފައި އެބަހުރި،"
އެމްބާޕޭ ބުނީ،. މިހާރު ފްރާންސް ގައުމީ ޓީމުގައި އޮތް ސްކޮޑުގައި ތިބީ ދިރިއުޅުމުގައި އެކިއެކި ކަންތައްތައް ތަޖުރިބާ ކޮށްފައިވާ އެކި ސަގާފަތްތަކާއި ވައްޓަފާޅިތަކުގެ ތެރެއިން އައިސް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނަށް ވެފައި ތިބި ބައެއް ކަމަށެވެ. އަދި، ފްރާންސްގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ އެކި ދަރިފަސްކޮޅުތަކަށް ނިސްބަތްވާ މީހުން ވެސް ފްރާންސަށް ސަޕޯޓްކުރާ މައިގަނޑު ސަބަބަކީ އެއީ ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެެވެ.
ފްރާންސަކީ، މި ފަަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ބަލާ ޓީމެވެ. އެ ގޮތުން، ފްރާންސް އިން ދެން ކުޅޭނީ މުބާރާތުގެ ގަދަ 16 ބުރުގަ އެވެ. އެ ބުރުގައި ފްރާންސާ ކުޅެން ޖެހޭ ޓީމަކީ ޕެރަގުއޭ އެވެ. ޕެރަގުއޭ އިން ވަނީ ނޮކައުޓް ފުރަތަމަ ބުރު، ގަދަ 32 ޓީމު ކުޅުނު ބުުރުގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށްފަ އެވެ.
ސްޕޯޓްސް ބެޓިން އިސްތިހާރުނުކުރަން އެމްބާޕޭ ނިންމީ ދިރިއުޅުންތަކެއް ހަލާކުވެފައި ހުރީމަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ