ދިފާއީ ބާރަށް ލިބުނު މައުލޫމާތާއި ގުޅިގެން ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް އަދި ނެތް- ޑިފެންސް މިނިސްޓަރ
ޤައުމު ހަލަބޮލިކޮށް، ޤައުމުގެ އަމާންކަން ނަގާލަން ބަޔަކު މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ދިފާއީ ބާރަށް ލިބިފައި އޮތް ނަމަވެސް، ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް އަދި ނެތް ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ފޭސްބުކް މެދުވެރި ކުރައްވާ ގައުމު ހަލަބޮލި ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ދިފާއީ ބާރަށް ލިބިފައިވާކަން ހިއްސާ ކުރެއްވީ ވީހާވެސް ގިނަ ބަޔަކަށް، އެމައުލޫމާތު ދިނުމުގެ މަޤްސަދުގައި ކަމަށެވެ. " ވީހާވެސް ގިނަ ބަޔަކަށް އެއްފަހަރާ މައުލޫމާތު ދިނުމަށް ފޭސްބުކްގައި ހިއްސާ ކުރީ. ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް އަދި ނެތް. މައުލޫމާތު ހިއްސާ ކުރުމުގައި އެކި ލެވެލްތައް ހުންނާނެ. ރަސްމީ ބަޔާނެއް ނެރުމުގެ ބަދަލުގައި ފޭސްބުކް މެދުވެރިކޮށް ހިއްސާ ކުރީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ގޮތަށް އެކަން އަދި ފާހަގަކުރެވިފައި ނުވާތީ. "މިނިސްޓަރ ވިދާޅުވީ، އެމައުލޫމާތާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ޤައުމީ ދިފާއީ ބާރުން ބަލަމުން އަންނަ ކަމަށާއި، ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް އަދި ނެތް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފޭސްބުކް މެދުވެރިކޮށް އެފަދަ މައުލޫމާތެއް ހިއްސާކުރުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދިޔައިިރު، މިނިސްޓަރ ކުރެއްވި ޕޯސްޓްގައި ޤައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ކަމެއް ކުރިމަތިވާން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަން ފާހަގަ ކުރައްވާފައި ނުވާނެ ކަމަށެވެ.ޑިފެންސް މިނިސްޓަރ ވިދާޅުވީ، ފޭސްބުކް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމުން މަޤްސަދު ހާސިލްވި ކަމަށާއި، ވަރަށް ގިނަ ބަޔަކަށް އެ މައުލޫމާތު ހިއްސާ ކުރެވުނު ކަމަށެވެ. ދިފާއީ ބާރަށް ލިބުނު މައުލޫމާތުގެ ތަފްސީލް އަދި ހާމަކުރެވެން ނެތް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ފޭސްބުކު ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވެފައިވަނީ، ގައުމު ހަލަބޮލިކޮށް ގައުމުގެ އަމަން އަމާންކަން ނަގާލަން ބަޔަކު މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާތީ ފުލުހުންނާއި ސިފައިން އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މިނިސްޓަރގެ އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި މާތްވެގެންދާ އިސްލާމްދީނާއި ޤާނޫނު އަސާސީ ރައްކާތެރި ކުރުމާއެކު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމާއި ސިފައިންގެ ޤާނޫނުގެ ދެވަނަ މާއްދާގައިވާ މަޤްސަދުތަކާއި 08 ވަނަ މާއްދާގައިވާ ޤާނޫނީ ވާޖިބުތައް އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ