މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 150000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ޖުމްލަ 150,797 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިއީ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 15.7 އިންސައްތައެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 981,976 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮތީ ޗައިނާއެވެ.
ދެވަނައިގައި އޮތް ރަޝިއާއިން 133,337 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 82,286 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން އިޓަލީއާއި ޖަރުމަނަކީވެސް ގަދަ ފަހެއްގައި ހިމެނޭ ގައުމުތަކެވެ.
ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 684,182 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި ގެސްޓްހައުސްތަކުގައި 228,938 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު، ހޮޓެލްތަކުގައި 24,095 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1,285 ތަނެއް ހުޅުވާފައިވާއިރު، މި ތަންތަނުގައި ފަތުރުވެރިކަމަށް 67,464 އެނދު ހިންގައެވެ.
ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު 150000 އަށް ވުރެ މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ