އުނގޫފާރު ރޯދަ ހަދިޔާ މާ ފައްކާ: ކަރަންޓު މުޅިން ހިލޭ!

މި ފެށޭ ރޯދަ މަހު ރައްޔިތުންނަށް ތަފާތު ހަދިޔާތައް ދިނުމަށް ރަށްްރަށުގެ ކައުންސިލްތަކުން ވަނީ ނިންމާފަ އެވެ. ބައެއް ރަށްރަށުގައި ރޯދަ މަހުގެ ކަރަންޓު ބިލުގެ އެއްބައި ދައްކައިދޭނެ ކަމަށް ބުނާއިރު ކޭބަލް ފީ ވެސް ދައްކައިދޭން ވަނީ ވައުދުވެފަ އެވެ. ބައެއް ރަށްރަށުގެ ކައުންސިލްގެ ބަޖެޓުން ކޮންމެ މީހަކަށް 100-200 ރުފިޔާ ދޭން ވަނީ ނިންމާފަ އެވެ. އެކަމަކު އުނގޫފާރު ރައްޔިތުންނަށް ކައުންސިލުން ދޭ ހަދިޔާ މާ ބޮޑެވެ. އެ ކައުންސިލުން ވަނީ ރޯދަ މަހުގެ ކަރަންޓު ފީ އެއްކޮށް ދައްކައިދޭން އެއްބަސްވެފަ އެވެ.
"ރޯދަ މަސް ނިންމާފައި އީދު ދުވަހުގެ ރީޑިން ނަގާ ގޮތަށް އެއްކޮށް ފްރީކޮށްލީ. މިއީ ރައްޔިތުންނަށް އަޅުގަނޑުމެން ދޭ ހަދިޔާއެއް،" ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ "މިހާރު" އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށުގައި މީހުން ދިރިއުޅޭ 224 ގެ އަށް ކަރަންޓު ދިނުމަށް 480،000 ރުފިޔާ އަށް ވުރެ ގިނައިން ހަރަދުވާނެ އެވެ. އެކަމަކު އެ އަދަދު ކަނޑައަޅާފައިވަނީ އާއްމު މަހަކާ އެއްވަރަށް ކަމުން، ރޯދަމަހު އެ އަށް ވުރެ ގިނަ އިން ހަރަދު ވާނެ ކަމަށް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 1،600 މީހުން ދިރިއުޅޭ އުނގޫފާރަށް ކަރަންޓުގެ ހިދުމަތް ދެނީ ކައުންސިލުންނެވެ. އެކަމަކު އެ މަސައްކަތް ދެން ހަވާލު ކުރަނީ ފެނަކަ ކުންފުންޏާ ކަމުން މިއީ ރައްޔިތުންނަށް އެ ކައުންސިލުން ދޭ ވަދާއީ ހަދިޔާއެކެވެ.
ނާސިރު ވިދާޅުވީ އެ ރަށުގެ އިންޖީނުގެ އަށް ލިބޭ އާމްދަނީ ރަނގަޅު ކަމަށާއި އެއީ ހަމަ ރައްޔިތުންގެ ފައިސާ ކަމަށެވެ. އެހެންވެ، ރޯދަ މަހު އިނާޔާތެއްގެ ގޮތުން ފައިދާ އިން ބައެއް ރައްޔިތުންނަށް ދޭން ނިންމީ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ކޮންމެ ރޯދަ މަހަކު އެ ރަށު ކައުންސިލުން ދޭ ހަދިޔާއެއްގެ ގޮތުން ކަރަންޓު ބިލް ކުޑަ ކުރެ އެވެ.
އެ ރަށު އެހެން ކައުންސިލަރަކު ވިދާޅުވި ގޮތުގައި ކައުންސިލްގެ މި ހަދިޔާއާ މެދު ރައްޔިތުން ތިބީ ވަރަށް އުފާވެފަ އެވެ.
"އެންމެން ވެސް ވަރަށް އުފާވެފައި ތިބީ. މިއީ ހުރިހާ އެންމެންނަށް ވެސް ލިބުނު ބޮޑު ފަސޭހައެއް،" ކައުންސިލް މެމްބަރު ތޯހާ ހުސެއިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ