މޯލްޑިވިއަންގެ ފްލައިޓް "ސިއެރާ" 14 އަހަރަށްފަހު ހިދުމަތާއި ވަކިވެއްޖެ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ޒަމާނީ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން، ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްދިން ޑި ހެވެލަންޑް ޑޭޝް-8 މަރުކާގެ އިތުރު ފްލައިޓެއް ރިޓަޔާކޮށްފިއެވެ. ރޭޑިއޯ ކޯލް ސައިން "ސިއެރާ" ގެ ނަން ދީފައިވާ ފްލައިޓް ރާއްޖެއިން ކެނެޑާއަށް ފުރާފައި ވަނީ އިއްޔެ އެވެ.
މޯލްޑިވިއަން އިން ހާމަކުރި ގޮތުގައި، 14 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ޚިދުމަތް ކުރުމަށްފަހު، މި ފްލައިޓް މިހާރު ވަނީ ރަސްމީކޮށް ފްލީޓުން ވަކިކޮށްފައެވެ. މޯލްޑިވިއަންގައި ޚިދުމަތްކުރި މުއްދަތުގައި މި ފްލައިޓް ވަނީ 29,000 އަށްވުރެ ގިނަ ފްލައިޓް ގަޑި ފުރިހަމަކޮށް، 37,000 އަށްވުރެ ގިނަ ފަހަރު ފުރައި އަދި ޖައްސާފައެވެ. މި ދަތުރުތަކުގައި ރާއްޖޭގެ އެކި ރަށްތަކަށް އެތައް ހާސް ފަސިންޖަރުންނެއް ވަނީ އުފުލައިދީފައެވެ.
މޯލްޑިވިއަންއިން ބުނި ގޮތުގައި، މި ފްލައިޓް ފްލީޓުން ވަކިވުމަކީ އެއާލައިންގެ ފްލީޓް އައުކުރުމުގެ ސިޔާސަތުގެ ދަށުން ހާސިލުކުރެވުނު އިތުރު ކުރިއެރުމެކެވެ. މި މަސައްކަތުގެ ދަށުން، ދުވަސްވީ ޑޭޝް 8 ޓާބޯޕްރޮޕް ފްލައިޓްތަކުގެ ބަދަލުގައި އައު ޖީލުގެ އޭޓީއާރު ފްލައިޓްތައް ދަނީ ފްލީޓަށް އިތުރުކުރަމުންނެވެ. އެއާލައިނުން ބުނާ ގޮތުގައި، އައު ފްލައިޓްތަކުގެ ސަބަބުން ފަސިންޖަރުންނަށް އިތުރު ފަސޭހަތައް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ތެލަށް ކުރާ ހޭދަ ކުޑަވެ، އޮޕަރޭޝަނަލް އިތުބާރު ބޮޑުވެ، ތިމާވެއްޓާ ރައްޓެހި ޚިދުމަތަކަށް ވެގެންދާނެއެވެ.
އެއާލައިނުން އިތުރަށް ހާމަކުރި ގޮތުގައި، މި ފްލައިޓް ކެނެޑާއަށް ފޮނުވާލާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ރިކުއެސްޓް ފޯ ޕްރޮޕޯސަލް މަރުހަލާއަކަށް ފަހުގައެވެ. މީގެ 26 އަހަރު ކުރިން އުފެއްދި މި ފްލައިޓް އަނބުރާ ގޮސްފައިވަނީ އެ ފްލައިޓް އުފެއްދި ކުންފުނި ކަމަށްވާ ކެނެޑާގެ ޑި ހެވެލަންޑް އަށެވެ.
މި މުއާމަލާތުގެ ވިޔަފާރީގެ ތަފްސީލުތައް މޯލްޑިވިއަންއިން ހާމަނުކުރި ނަމަވެސް، އެ ފްލައިޓް ދާއިމީކޮށް ފްލީޓުން ވަކިވެފައިވާކަން އެއާލައިނުން ވަނީ ކަށަވަރުކޮށްދީފައެވެ.
ގިނަ އަހަރުތަކެއް ވަންދެން މޯލްޑިވިއަންގެ ޑޮމެސްޓިކް އުދުހުންތަކުގެ މައިބަދައިގެ ގޮތުގައި އޮތް ޑޭޝް 8 ފްލީޓް މަޑުމަޑުން އަންނަނީ ރިޓަޔާކުރަމުންނެވެ. މި ފްލައިޓްތަކަކީ ކުރު ރަންވޭތަކުގައި ޖެއްސުމުގެ ގާބިލުކަން ހުރުމާއެކު، ރާއްޖޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި ފްލައިޓްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ