ޝިފާޒުގެ އިންޒާރު: ވެރިކަން ބަދަލުކުރަން ނުކުތުމުގެ ކުރިން މުއިއްޒު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ!

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރަން ނުނިކުންނަނީސް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރޭ ވިދާޅުވެއްޖެ އެވެ. 
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ޝިފާޒު ވިދާޅުވީ މުއިއްޒު ވެރިކަމުގައި ހުންނެވީ އެކަމަށް އެބޭފުޅުން ޖާގަ ދެއްވާތީ ކަމަށެވެ. ނަމަވެސް މުއިއްޒުގެ އަމަލުތައް ހުންނެވި ގޮތުން މިހާރު އެ ޖާގަ ދެއްވަން ބޭނުން ނުވާ ކަމަށެވެ. 
"ޑރ. މުއިއްޒުގެ ރިޔާސީ ދައުރު ވަނީ ގާތްގަނޑަކަށް ނިމިފައި. ބާކީ ދުވަސްކޮޅެއް އޮތީ ގާނޫނުއަސާސީގައި ލާޒިމުކުރާތީވެ، އަދި އަޅުގަނޑުމެން ޖާގަ ދީގެން ތިބީތީވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރޫހާ ހިތްވަރާއި އަޒުމާ މިހާރު މިފެންނަނީ ޖާގަ ދޭން ތިބި ތަނެއް ގޮތަކަށެއް ނޫން،" ޝިފާޒް ވިދާޅުވި އެވެ. 
ޝިފާޒު ވިދާޅުވީ ތިން ބާރު ވަކިވެފައި އޮތް ނިޒާމު ހޯދުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ ކަމަށްވާނަމަ، ވެރިކަން ބަދަލުކުރުމުގެ ސްލޯގަންގައި ނުކުންނަން ޖެހިދާނެ ކަމަށާއި އޭގެ ކުރިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ ކަމަށެވެ. 
"އަޅުގަނޑުމެން މި އެދޭ ގާނޫނުއަސާސީ، މި އެދޭ ތިން ބާރު ވަކިވެފައި އޮތް ދައުލަތް ހިންގުމުގެ ނިޒާމު އަޅުގަނޑުމެން ހޯދުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ ކަމަށްވަނީނަމަ ޖެހޭނީ ވެރިކަން ބަދަލުކުރުމުގެ ސްލޯގަންގައި ނިކުންނަން. އެއަށްވުރެން އައުލާކަންބޮޑީ ސިޔާސީ ޕާޓީތަކާ އެއްކޮށް މަޝްވަރާކޮށްގެން މި ބަދަލު ގެނައުމަށް ރާއްޖޭގެ ރައްޔިތުން އެއްބަސްވާ އެއްބަސްވުމެއް ހޯދުމަށް މަސައްކަތްކުރުން."
ބާރުތައް ވަކިކުރެވި، ހައްގުތައް ކަށަވަރުވާ ގޮތަށް ގާނޫނުއަސާސީން ގެނެސްފައިވާ ދައުލަތް ހިންގުމުގެ ނިޒާމަކީ އެމްޑީޕީން ވަރަށް ބުރަ މަސައްކަތުން ހޯދި ނިޒާމެއްކަން ފާހަގަކުރައްވާ ޝިފާޒު ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ ހައްގުތައް ހޯދަން ރައްޔިތުން ތަހައްމަލުކުރި އެއްވެސް ކަމެއް މުއިއްޒަށް އިހުސާސް ކުރެއްވިފައި ނެތް ކަމަށެވެ. 
މީގެއިތުރުން ޝިފާޒު ވިދާޅުވީ މިއީ ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަކަށް ދައުލަތް ބައްޓަން ކުރަންވީ ވަގުތު ކަމަށާއި ދައުލަތް ބައްޓަން ކުރަން އެމްޑީޕީއަށްވުރެ ރަނގަޅު ބަޔަކު ނުތިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ބަދަލުތައް ގެނައީ އެމްޑީޕީ ކަމަށްވާއިރު، ދެންވެސް އެބަދަލުތައް ގެނެވޭނީ އެ ޕާޓީއަށް ކަމަށެވެ. 
"ބޮޑު ބަދަލު" ގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ނިޒާމީ އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ.  
ނަޝީދާއި ފައްޔާޒު ފަރާތުން ހުށަހެޅުއްވި އެންމެ ބޮޑު ބަދަލަކީ ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލު ކުރުމެވެ.  ގާނޫނުއަސާސީގައި އެކަށައަޅާފައިވާ މައިގަނޑު އުސޫލުތައް ރައްކާތެރި ކުރުމަށާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއަށް މަޖިލީހާއި ވެރިކަން ކުރާ ފަރާތުގެ ބާރު ނުހިންގޭނެ ގޮތަށް ނިޒާމު ބަދަލު ކުރުން ވެސް ބޮޑު ބަދަލު ގެ ތެރޭގައި ހިމެނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބުކުރެއްވީ ބޮޑު ބަދަލު މެންބަރުންނަށް ވިއްކައިގެންނެވެ. މިގޮތުން އެ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ބޮޑު ބަދަލުގެ ނަމުގައި އެމްޑީޕީގައި އޮފީހެއް ވަނީ ގާއިމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ