މަސްވެރިންގެ ދުވަހަށް ގެމަނަފުށި ރައްޔިތުން ތައްޔާރުވެއްޖެ

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ ގއ. ގެމަނަފުށީ ގައެވެ. ސަރުކާރުން އެގޮތަށް ނިންމުމާ ގުޅިގެން ގެމަނަފުށި ރައްޔިތުންނާއި ކައުންސިލުން މިދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މިއަހަރު ފެށުނީއްސުރެ ގިނަ މަަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން މިމަހުގެ 10 ވަނަ ދުވަހު މަސްވެރިންގެ ދުވަހުގެ ހަރަކާތްތަށް ރަަސްމީކޮށް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން ގެމަނަފުށީ ކައުންސިލްގެ ޑިރެކްޓަރު އަބްދުﷲ ޝިޔާން ވިދާޅުވީ މަސްވެރިންގެ ދުވަސް ވީހާވެސް ކުލަގަދަކޮށް ފާހަގަކުރުމަށް މުޅި ރަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ބެލުމެއް ނެތި އެންމެން އެއްރޫހެއްގައި މިދުވަސް ވީހާވެސް ކުލަގަދަކޮށް ފާހަގަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ޝިޔާން ވިދާޅުވީ ރަށުގެ ދެކުނު ފަރާތާއި އުތުރު ފަރާތު ތުނޑީގައި މެހެމާނުންނަށް މަރްހަބާ ދެންނެވުމަށްޓަކައި ހަދާފައިވާ ގިޑިގޭގެ މަސައްކަތް ނިމި އެތަނަށް މިހާރު ނަން ވެސް ދީފައިވާ ކަަމަށެވެ. އެގޮތުން "މާރެހާ" އާއި "ޒީރޯ"ގެ ނަމުން އެ ގިޑިގެ ތަކުގެ ނަންދެވި މިހާރު އެތަން ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އެންމެ ހާއްސަ ކަމަކަށް އޮތީ މަސްވެރިންގެ ދުވަހުގެ ޖަލްސާ އެވެ. މިޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލް ޖުމްހޫރިއްޔާ އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ގެމަނަފުށި ކައުންސިލް އިދާރާއިން ބުނެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގެމަނަފުށީގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ފަރުމަސް ބޭނުމުގެ މުބާރާތަކާއި، މަސްކެނޑުމުގެ މުބާރާތަކާއި، ސްޓޭޖް ޝޯވއެއް ހިމެނެ އެވެ. އަދި ސްކޫލް ކުދިންގެ ކުއިޒް މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. މީގެއިތުރުން މަސްވެރިންގެ މަހާސިންތާއަކާއި މަސްވެރިންގެ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޝިޔާން ވިދާޅުވީ ރަށުގައި ހަދާފައި ހުރި ސްޓޭޖް ނެގުމަށްފަހު މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިހާރު މުޅިން އަލަށް ބޮޑު ސްޓޭޖެއް ވެސް ހަދާފައިވާ ކަމަށެވެ. އަދި މި ސްޓޭޖުގެ އިތުރުން ގެމަނަފުށި މަސްވެރިން ކުރާ ބުރަ މަސައްކަތް ރަމްޒުކޮށްދޭ ގޮތަށް އެރަށުގައި ހަދަން ނިންމާފައިވާ ދާއިމީ ގިޑިގޭގެ މަސައްކަތްވެސް ނިމިފައިވާ ކަަމަށް ވިދާޅުވި އެވެ.
"މަސްވެރިންގެ ދުވަސް މިރަށުގައި ފާހަގަކުރަން ސަރުކާރުން ނިންމި ހިސާބުން ރަށުން ތަރައްގީގެ އާ ކަންތައްތައް ފެންނަން ފަށައިފި. އަދި ގެމަނަފުށި ކަހަލަ މަސްވެރި ރަށެއްގައި މި ދުވަސް ފާހަގަކުރުމަކީ އަޅުގަނޑުމެން ހުރިހާ ރައްޔިތުން ދެކެމުން އައި ހުވަފެނެއް. އެހެންވީމަ މިދުވަސް ފާހަގަކުރަން ވާންޖެހޭ ތައްޔާރީތައް އެންމެ ފުރިހަމަ ކުރުމަށް އަޅުގަނޑުމެން ހުރިހާ ރައްޔިތުންވެސް ތިބީ ތައްޔާރަށް. އަދި މިކަމަށް ފުރިހަމަ އެއްބާރުލުން ދޭނަން،" ޝިޔާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅިގެން އެހެން ބައެއް ރަށްރަށުންނާއި މާލެ އިން ވެސް ބައެއް މީހުން ގެމަނަފުއްޓަށް ޒިޔާރާތްކުރާނެ ކަމަށް ބެލެވޭތީ އެކަމަށްވެސް ބައެއް ކަހަލަ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށާއި އަދި މެހްމާނުންނަށް ހާއްސަކޮށްފައިވާ ގިނަ ތަންތަން މިހާރު ވެސް ފުރިފައިވާ ކަމަށެވެ.
"މިހާރު ރަށަށް އަންނަ މެހްމާނުން ތިބޭނެ ތަނެއް ނުލިބި ދަތިވާ ކަންވެސް އެބަ ފާހަގަކުރެވޭ. އަދި ކުރިން ކައުންސިލުން ކުއްޔަށް ނަގަން ހަމަޖެހިފައިވާ ރޫމްތަކާއި ގެތަށް ރަށު މީހުންގެ ރައްޓެހިންނާއި އާއިލާ މީހުން އަންނާތީ ލިބުން ވެސް އެބަ ދަތިވޭ،" ޝިޔާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށުތެރޭގައި ހަދާފައިވާ ގިޑިގެ ތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އަދި އެއްކޮށް މަސައްކަތް ނިމިފައިވާ ތަންތަން ޒީނަތްތެރިކޮށް ފިނިޝިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ގެމަނަފުށި ރައްޔިތުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވަމުން ޝިޔާން ވިދާޅުވީ މަސްވެރިންގެ ދުވަހަށް ރަށު ތެރެ ޒީނަތްތެރިކުރުމާ އެެހެން މަސައްކަތްތައް ކުރުމުގައިވެސް ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އެއްބައިވަންތަ ކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.
މަސްވެރިންގެ ދުވަސް ސަރުކާރުން ފާހަަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް މިއަހަރު މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އަދި ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން ނިންމާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ.
ގއ. ގެމަނަފުއްޓަކީ ރާއްޖޭގެ ދެކުނުގައި މަސްވެރިކަން ކުރާ ރަށްތަކުގެ ތެރެއިން އެންމެ ވަރުގަދައަށް މަސްވެރިކަމުގެ މަސައްކަތްތައް ހިނގާ އެއް ރަށެކެވެ. އެރަށުގައި މަސްވެރިކަމުގެ ތަފާތު އުފެއްދުންތައް އުފައްދައިގެން ރަނގަޅު އާމްދަނީއެއް ހޯދަމުންދާ މަސްވެރިކަމުގެ ކޯޕަރޭޓިވްސްއެއް ވެސް ހަރަކާތްތެރިވަމުންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ