މެދުތެރޭ އޭޝިޔާގެ އިސްލާމީ ޖުމްހޫރިއްޔާއެއް ކަމަށްވާ އުޒްބަކިސްތާނުގެ އަވަސް ރިޔާސީ އިންތިޚާބުގައި އެގައުމުގެ ރައްޔިތުން މިއަދު ވޯޓްލަމުން އެބަގެންދެއެވެ.
އުޒްބަކިސްތާނުގައި އަވަސް ރިޔާސީ އިންތިޚާބެއް މިބާއްވަނީ ސޯވިއެޓް އިއްތިހާދުގެ ކިބައިން 1991 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެ އެގައުމުގައި ރައީސްކަން ކުރައްވަމުން ގެންދެވި އިސްލާމް ކަރީމޯވް މި އަހަރުގެ ސެޕްޓެމްބަރުމަހުގެ 2 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
ވެރިކަމުގެ 5 ވަނަ ދައުރަކަށް އުޒްބަކިސްތާނުގެ ރައްޔިތުން އިސްލާމް ކަރީމޯވް އިންތިޚާބު ކުރީ 2015 ވަނަ އަހަރުއެވެ. ސްޓްރޯކެއް ޖެހިވަޑައިގެން ކަރީމޯވް އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.
މިއަދުގެ ރިޔާސީ އިންތިޚާބަކީ އުޒްބަކިސްތާނަށް މިނިވަންކަން ލިބުނުފަހުން އެގައުމުގެ ތާރީޚްގައިވެސް ދެވަނަ ރައީސަކު ކަނޑައެޅިގެންދާނެ ފުރަތަމަ އިންތިޚާބެވެ.
މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވަނީ ކުރީގެ ރައީސް އިސްލާމް ކަރީމޯވް 2003 ވަނަ އަހަރު ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރެއްވި ޝައުކަތު މީރްޒިޔޮޔޭވްއެވެ. ރައީސް ކަރީމޯވް ސެޕްޓެމްބަރު އަވަހާރަވުމުން އުޒްބަކިސްތާނުގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީވެސް އޭނާއެވެ.
ކުރީގެ ރައީސްގެ ލިބެރަލް ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ޝައުކަތު މީރްޒިޔޮޔޭވް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާއިރު، ރިޔާސީ އިންތިޚާބުގައި އިތުރު 3 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ބޮޑުވަޒީރުގެ ނާއިބް ރުސްތަމް އަޒީމޯވްވެސް ހިމެނިވަޑައި ގަންނަވައެވެ.
އެހެންނަމަވެސް، މިއަދުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނީ ޝައުކަތު މީރްޒިޔޮޔޭވް ކަމަށް މީޑިއާއިން ބުނެއެވެ. އޭނާއަށް އެއްވެސް ގޮންޖެހުމެއް ނެތްކަމަށްވެސް ބުނެއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ ފަރާތުންވެސް ޝައުކަތުއަށް އެއްވެސް ދެކޮޅުވެރިކަމެއް ނެތެވެ.
އުޒްބަކިސްތާނުގެ ސެންޓްރަލް އިލެކްޓޯރަލް ކޮމިޝަނުން ބުނެފައިވަނީ، ވޯޓްލާން ހުޅުވާލުމާއެކު، ވޯޓްލުމުގެ ހައްގު ލިބިފައިވާ 20 މިލިއަން މީހުންގެ ތެރެއިން %33.73 މީހުން ފުރަތަމަ 5 ގަޑިއިރުގެ ތެރޭގައި ވޯޓްލާފައިވާ ކަމަށެވެ. މިއީ، ވޯޓްގެ ސައްހަކަން ކަނޑައެޅުމަށް ވޯޓްލާން ނުކުންނަ މީހުންގެ އެންމެ މަދު ނިސްބަތަށްވުރެ މަތީ އަދަދެކެވެ.
އުޒްބަކިސްތާންގެ ރިޔާސީ އިންތިޚާބުގައި އެގައުމުގެ ރައްޔިތުން ވޯޓްލާން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ