ޕީޕީއެމް އުފެއްދީ ގައުމަށް ހެވާއި ލާބަ ހޯދައިދިނުމުގެ ބޭނުމުގައި - މައުމޫން

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވސް އުފައްދާފައިވަނީ ދިވެހި ގައުމަށް ހެވާއި ލާބަ ހޯދައި ދިނުމުގެ ބޭނުމުގެ އިތުރުން ގައުމަށް އިޙްލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އަށް ތ. ވިލުފުށީ ބަޔަކު ސޮއިކުރުމަށް ޝީބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ރޭ ވިދާޅުވީ ޕީޕީއެމް އުފެއްދީ އެއްވެސް މީހެއްގެ އަމިއްލަ ފައިދާއަކަށް ނުވަތަ އަމިއްލަ ކުރިއެރުމަކަށް ބަލައިގެން ނޫން ކަމަށެވެ.
"މިއީ ވަރަށް ބޮޑު ހަގީގަތެއް، އިރާދަކުރެއްވިއްޔާ މި ހަގީގަތް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދޭނަން، އަދި އަޅުގަނޑުމެން މިއަންނަ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރަން ބޭނުންވަނީ ވެސް ވަކި މީހަކަށް ވަކި މީހަކަށް، ވަކި ބަޔަކަށް ގޮތްތަކެއް ހޯދައިދޭކަން ނޫން، ފުރުސަތުތަކެއް ހޯދައިދޭކަށް ނޫން، ވަކި ބަޔަކު މުއްސަނދި ކުރުވާކަށް ނޫން." ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މި ވޭތުވެދިޔަ 3 އަހަރު ތެރޭގައި މި ގައުމަށް އައިސްފައިވާ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ޕީޕީއެމްއިން ނިކުތީ އެހުރިހާ ކަމެއް ރަގަޅުކޮށް އަލުން ތަރައްގީގެ މަގުގައި އާ އަޒުމަކާއި އެކު ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.އަދި އެމަނިކުފާނުގެ 30 އަހަރުގެ ވެރިކުގައި ރާއްޖެއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަން އެމަނިކުފާނު ރޭ ފާހަގަކުރެއްވި އެވެ.
"އިޖުތިމާއީ ގޮތުން، އިގުތިސޯދީ ގޮތުން، ތައުލީމީ ގޮތުން، ސިއްހީ ގޮތުން، މިހެން ކިޔާފައި ނުކިޔާނެ އެއްވެސް ދާއިރާއެއް ނޯންނާނެ، އެއީ ހަގީގަތް، އެ ހަގީގަތް އެހުރީ އަޅުގަނޑުމެންގެ ލިޔުންތަކުގައި ފެންނަން، ސާބިތުވާން، އޭގެ ނަންބަރުތައް ވެސް އެހުރީ ފެންނަން، ތަރައްގީގެ ނަންބަރުތަކެއް ހުރޭ، އުފެއްދުންތެރިކަމުގެ އަދަދު ބޮލަކަށް ޖެހޭ މިންވަރު، ކުޑަ ކުދިން ޅަފަތުގައި މަރުވާ އަދަދު، މީހަކު ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރެވޭ އުމުރު، މިކަހަލަ ވަރަށް ގިނަ އަދަދުތަކެއް ހުރޭ ގައުމުގެ ކުރިއެރުން ދައްކައި ދޭން، އެކަންތައްތަކަށް ބައްލަވާލެއްވީމަ އެނިގިވަޑައިގަންނަވާނެ އެ 30 އަހަރު ތެރޭގައި އައިސްފައިހުރި ބަދަލު." މައުމޫން ވިދާޅުވި އެވެ.
މިސާލު ދައްކަވަމުން މައުމޫން ވިދާޅުވީ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވިއިރު މުޅި ރާއްޖޭގައި ހުރީ 4 ސްކޫލް ކަމަށާއި ނަމަވެސް 30 އަހަރަށްފަހު ރާއްޖޭގެ ސަރުކާރުގެ ޙަރަދުގައި ހިނގާ 200 އަށް ވުރެން ގިނަ މަދަރުސާ ހުރިކަން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން 1978 ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު ދިވެހި ރައްޔިތުންގެ ފުދުންތެރިކަން ހުރި ވަރުން، އާމްދަނީއަށް ބޮލަކަށް ޖެހޭ މިންވަރު އެމެރިކާ ޑޮލަރުން 200 އަށް ވުރެން ދަށް ކަމަށާއި އެހެންނަމަވެސް 30 އަހަރަށްފަހު ހުރީ 4000 ކޮންމެވެސް ވަރެއްގައި ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
1 އަހަރަށް ވުރެން ދަށް އުމުރުގައި މަރުވާ ކުޑަކުދިންގެ އަދަދު ރައީސް ކަމާއި ހަވާލުވި އިރު އޮތީ ކޮންމެ 1000 އަކުން 120 ކަމަށާއި 30 އަހަރުގެ ވެރިކަމަށްފަހު އެ އަދަދު 15 އަށް ތިރިކޮށްފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ދިވެހި ރައްޔިތަކު ދުނިޔޭގައި ހުންނާނެ ކަމަށް ބެލެވޭ އުމުރު އެމަނިކުފާނު ހަވާލުވިއިރު 46 އަހަރުގައި ހުރި ކަމަށާއި 30 އަހަރަށްފަހު 76 އަހަރުގައި ހުރި ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަދި ބައްލަވާ، ރާއްޖޭގެ ފަތުރުވެރިކަން، ރާއްޖޭގެ ތިމާވެށީގެ ހާލަތު، ރާއްޖޭގެ މުވާސަލާތު، މިހެން ކިޔާފަ ނުކިޔާނެ ކަމެއް ނެތް، އަޅުގަނޑު ފަހަރެއްގައި ވެސް ނުދަންނަވަން އަޅުގަނޑު ކުރި މަސައްކަތަކުންނޭ، މިކަމުގެ ހަގީގީ ތައުރީފް ހައްގުވާ ފަރާތަކީ އަޅުގަނޑެކޭ ނުދަންނަވަން، އެހެން ނަމަވެސް އަޅުގަނޑު އިސް މީހަކަށް ހުރެ ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުން، ސަރުކާރުގެ މިނިސްޓްރީތަކުން ކުރި މަސައްކަތްތަކުގެ ސަބަބުން، ދިވެހި ރައްޔިތުން ކުރި މަސައްކަތްކުން." ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މިއަދު އަނެއްކާވެސް ފެންނަން ބޭނުންވަނީ މިދުވަސް ކަމަށާއި ނަމަވެސް އަނބުރާ މާޒީތެރެއަށް ދާން ބޭނުން ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ހިސާބުން ކުރިއަށް ދިއުމަށްޓަކައި ޕީޕީއެމްއިން 2013 ގެ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ