ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނަޝީދުވެސް ޔާމީނަށް ތާއީދު ކުރައްވައިފި
ރިޔާސީ އިންތިޚާބުގެ ދެވަަނަ ބުރު ބާއްވަން ދެދުވަހަށް ވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެންބަރެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަދި ކުރީގެ ޤާނޫނާ އިސްލާޙާއި ބެހޭ ވަޒީރު މުޙައްމަދު ނަޝީދު, ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ޔާމީން އަބްދުލް ޤައްޔޫމަށް ތާާއީދު ކުރައްވަން ނިންމަވައިފި އެވެ. ދިޓީވީއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލް މުހައްމަދު ނަޝީދު ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ކެނޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވީ، އަމިއްލަ ސަބަބަކާއި ރަސްމީ ސަބަބުތަކެއް ހުރުމުން ކަމަށް އެވެ. މެންބަރު ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ދެ ކެނޑިޑޭޓުންގެ ތެރެއިން އެއް ފަރާތަކީ ކުރިން ވެރިކަން ކުރެއްވި ފަރާތެއްކަމަށާއި، އަދި އިންތިޚާބަށް ކުރިމަތިލައްވާފާއިވާ ދެވަނަ ފަރާތަކީ، މީގެ ކުރިން ރައީސްކަން ނުކުރައްވާ ފަރާތަކަށް ވުމާއެކު، ދެ ބޭފުޅުންގެ ތެެރެއިން ރައީސްކަން ނުކުރައްވާ ކެނޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވީ، ރައީސްކަން ކުރައްވާފައިވާ ފަރާތުގެ ރިޔާސީ ދައުރުގައި ތަޖުރިބާ ކޮށްފައިވާ ކަންތައްތަކަށް ބަލާ، އެއިން ޢިބުރަތް ހާސިލް ކުރެއްވުމަށް ފަހުގައި ކަމަށެވެ. އެހެން ކަމުން ތާޒާ ވިސްނުމަކާއި އެކު ގައުމުގެ ކަންކަން ކުރިޔަށ ްގެންދިޔުމުގެ ފުރުސަތު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގެން ވާކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ފަރާތުގެ ތެެރެއިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއިއެކު މަސައްކަތް ކުރާ ޓީމުން، ގައުމުގެ ހަމަޖެހުމަށް މަސައްކަތް ކޮށްދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މެންބަރު ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް ގާއިމް ކުރުމާއި، ޤާނޫނީ ނިޒާމާއި ޝަރުޢީ ނިޒާމްގައި ހުރި މައްސަލަތައް ހައްލުކޮށްދިނުމަށް ގައުމީ ފެންވަރުގައި ހުރިހާ ޕާޓީތަކުގެ ފަރާތްތަކުން މަސައްކަތް ކޮއްދިނުމަށްވެސް ނަޝީދު އެދިވަޑައި ގެންނެވި އެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް މަދު ދުވަސް ކޮޅަކަށް ވެފައިވަނިކޮށް ވަކި ބޭފުޅަކަށް ތާޢީދު ކުރައްވަން ނިންމެވީ، މިދަނޑިވަޅުގައި އެއްވެސް ބޭފުޅަކަށް ތާޢީދު ނުކޮށް ހަނު ހުރުމަކީ އެންމެ ރަގަޅު ގޮތްކަމަށް ދެކެވަޑައި ނުގަންނަވާތީ ކަމަށްވެސް މެންބަރު ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ