ފްލައިދުބާއީގެ ފްލައިޓް ވެއްޓުނީ މޫސުން ގޯސްވުމުން ނޫނީ ޓެކްނިކަލް މައްސަލައަކުން – ރިޕޯޓް

ރަޝިއާގެ ރޮސްޓޯވް އަށް ފްލައިދުބާއީގެ ފްލައިޓެއް ވެއްޓި އެއިން ދަތުރުކުރި 62 މީހުން މަރުވި ހާދިސާ ހިނގީ މޫސުން ގޯސްވުމުގެ ސަބަބުން ނޫނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށް ހާދިސާ ތަޙުޤީޤް ކުރަމުންދާ ރަޝިއާގެ ތަޙްޤީޤީ ކޮމެޓީ އިން ބުނެފިއެވެ.
ހާދިސާ ތަޙުޤީޤް ކުރަމުންދާ ޓީމުން ބުނެފައި ވަނީ މިހާރު ތަޙުޤީޤް ކުރިއަށް ދަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ލަފާ ކޮށްގެން ކަމަށާއި ސީދާ ވަކިއެއްޗެއް ބުނަން އެނގޭނީ ފްލައިޓްގެ ކަޅު ފޮށި އިތުރަށް ތަޙުޤީޤް ކޮށްގެން ކަމަށެވެ.
ފްލައިޓްގެ ކަޅުފޮށި ތަޙުޤީޤް ކުރުމަށްޓަކައި މިހާރު މޮސްކޯ އަށް ފޮނުވާފައިވާ ކަމަށް ރަޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެއެވެ.
"ލިބިފައި ހުރި މައުލޫމާތައް ބަލާފައި އަދި ފެންނަން ހުރި ހެކިތަކަށް ބަލާފައި ފުރަތަމަ މިކުރެވެނީ ލަފާ. ހާދިސާ ހިނގަން މެދުވެރީ ކްރޫ އިންނަށް ހެދުނު ގޯހަކުންތޯ ނޫނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންތޯ ނޫނީ މޫސުން ގޯސްވުމުގެ ސަބަބުންތޯ ނޫނީ އެހެން ކަމެއްގެ ސަބަބުންތޯ މިދަނީ ތަޙުޤީޤް ކުރަމުން" ތަޙުޤީޤް ޓީމްގައި އިސްކޮށް ހަރަކާތްތެރިވާ ވްލަޑިމިއާ މާކިން ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް ޖެއްސުމަށް ފުރަތަމަ އެއާޕޯޓަށް ތިރިކުރަން އުޅުމަށް ފަހު ވަނީ އަނބުރާލާފައި ގޮސްފައެވެ. އޭގެ ފަހުން ދެވަނަ ފަހަރު ފްލައިޓް ޖެއްސުމަށް މަސައްކަތް ކުރުމުގެ ކުރިން އެއާޕޯޓް މަތިން ދިހަވަރަކަށް ބުރު ވަނީ ޖަހާފައެވެ. ފްލައިޓް ވެއްޓުނީ ފްލައިޓް ޖައްސަން ދެވަނަ ފަހަރަށް ތިރިކުރި ވަގުތުއެވެ.
ފްލައިޓް ވެއްޓުނު ވަގުތަކީ މޫސުން ރަނގަޅު ވަގުތެއް ނޫނެވެ. ނަމަވެސް މޫސުން މާބޮޑަށް ގޯސް ނޫންކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް ޖައްސަން އުޅުނު ވަގުތު ދުންފިނީގެ ސަބަބުން ރަންވޭ ނުފެނުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ