ލަންކާގެ އެންމެ ބޮޑު ބްލެކްއައުޓް، ޖުލައި މަހާ ހަމައަށް ކަރަންޓު ކެނޑޭނެ

ވޭތުވެ ދިޔަ 20 އަހަރުގެ އެންމެ ބޮޑު "ބްލެކް އައުޓް" ސްރީލަންކާ އަށް ކުރިމަތި ވެފައިވާ ކަމަށާއި ޖުލައި މަހާ ހަމައަށް ލަންކާއިން ކަރަންޓު ކެނޑެމުން ދާނެކަމަށް ސްރީލަންކާގެ އިލެކްޓްރިސިޓީ ބޯޑުން ބުނެފިއެވެ.
ސްރިލަންކާގެ ރައީސް މައިތިރިޕަލާ ސިރިސޭނާ ވިދާޅުވީ މުޅި ގައުމުން ކަރަންޓު ކެނޑުމުގެ މައްސަލައިގައި އެގައުމުގެ ސެކިއުރިޓީ ވަރުގަދަ ކުރާނެ ކަމަށެވެ.
ސްރީ ލަންކާއިން އެންމެ ފަހުން ވަނީ ހަތް ގަޑިއިރުގެ މުއްދަތައް ކަރަންޓު ގޮސްފައެވެ. އެއީ މި ފަހުން އެންމެ ދިގު މުއްދަތަކަށް އެ ގައުމުން ކަރަންޓު ކެނޑުނު ވަގުތެވެ. އެފަހަރު ކަރަންޓު ކެނޑުމުގެ ސަބަބުން ގަނޑުކޮށްފައިވާ ގިނަ ތަކެއްޗެއް ވަނީ  ހަލާކު ވެ ބޭނުން ނުކުރެވޭ ވަރު ވެފައެވެ.
ލަންކާގެ އިލެކްޓްރިސިޓީ ބޯޑުން ހާމަކުރި ގޮތުގައި މި އަހަރުގެ ޖުލައި މަހާ ހަމައަށް ކޮންމެ ދުވަހަކު އެގައުމުން ކަރަންޓު ކެނޑިގެންދާނެއެވެ.
އެގައުމުގެ ޕަވާ އެންޑް އެނާޖީ މިނިސްޓަރު ރަންޖިތު ސިޔާމްބަލަޕިޓިޔާ ވިދާޅުވީ އަދި އެހާދިސާ ދިމާވި ސަބަބު ނޭނގޭ ކަމަށެވެ. ނަމަވެސް ބައެއް މީޑިއާތަކުގައި ބުނާގޮތުގައި މުޅި ލަންކާއިން ކަރަންޓު ކެނޑެން ދިމާވާ ސަބަބަކީ  އެގައުމުގެ ކަރަންޓު ރިސީވިން ސެންޓަރުގައިވާ ޓްރާންސްފޯމަރެއް ގޮވުމުންނެވެ.
ލަންކާގެ އިލެކްޓްރިސިޓީ ބޯޑުން ބުނިގޮތުގައި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެން އޮތީ ގެއްލުން ލިބުނު ތަކެތި މަރާމާތު ކުރެވުމުންނެވެ. އެހެން ކަމުން އެކަންތައް ރަނގަޅު ނުވާހާ ހިނދަކު މުޅި ލަންކާއިން ކޮންމެ ދުވަހެއްގެ ވަކި ވަގުތެއްގައި ކަރަންޓު ދާނެ ކަމަށް އެ ބޯޑުން ވަނީ ބުނެފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ