ރެފްރީންނަށް ފާޑުކީ މައްސަލަތައް ބަލާނީ ވޯލްޑްކަޕަށްފަހު

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ރެފްރީންނަށް ފާޑު ކިޔާފައިވާ މައްސަލަތައް ބަލާ އެކަމަށް ފިޔަވަޅު އަޅާނީ މުބާރާތް ނިމުމުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.
މި ފަހަރުގެ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް 48 ޓީމު ވާދަކޮށްފައިވާއިރު, މި މުބާރާތުގައި ޖުމްލަ 104 މެޗު ކުޅޭނެ އެވެ. އޭގެ ތެރެއިން މިހާތަނަށް 102 މެޗު ނިމިފައިވާއިރު ރެފްރީންގެ ނިންމުންތަކަށް ގިނަ ޓީމުތަކެއްގެ ކޯޗުންގެ އިތުރުން ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
ފީފާ ވޯލްޑްކަޕްގައި މި ފަހަރު އެންމެ ބޮޑަށް ފާޑު ކިއުން އަމާޒުވެފައިވަނީ ގަދަ 16 ގައި މިސްރު އަތުން އާޖެންޓީނާ މޮޅުވި މެޗަށްފަހުގަ އެވެ. އެ މެޗުގެ ފަހު ވަގުތު 3-2 ގެ ނަތީޖާއަކުން އާޖެންޓީނާ މޮޅުވިއިރު މިސްރުގެ ކޯޗު ހޮސާމް ހަސަން ވަނީ ފީފާގެ މައްޗަށްވެސް ތުހުމަތުތަކެއް ކޮށްފަ އެވެ.
އެގޮތުން ހޮސާމް ބުނެފައިވަނީ އެ މެޗުން އާޖެންޓީނާ މޮޅުކޮށްދީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ގެންގޮސްދިނުމަށް ފީފާ އިން ރެފްރީ ފްރެންކޮއިސް ލެޓެކްސިއޭ އަށް އަންގާފައިވާ ކަމަށާއި ރެފްރީގެ ނިންމުންތައްވެސް ހުރީ އެ ގޮތަށް ކަމަށެވެ. އަދި އެ މެޗަށްފަހު މިސްރުގެ ބައެއް ކުޅުންތެރިންވެސް ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
މީގެ އިތުރުން މުބާރާތުގެ ގަދަ 16 ގައި މެކްސިކޯ އާއި އިންގްލެންޑް ބައްދަލުކުރި މެޗަށްފަހު އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ އެ މެޗުގެ ރެފްރީއަށް ފާޑު ކިޔާފަ އެވެ. އަދި ސެމީ ފައިނަލުގައި ސްޕެއިން އަތުން ފްރާންސް ބަލިވި މެޗަށްފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ވަނީ އެ މެޗުގެ ރެފްރީގެ ފެންވަރާއިމެދުވެސް ސުވާލުކޮށްފަ އެވެ.
ރެފްރީންނަށް ގިނަ ފާޑު ކިއުންތަކެއް އަމާޒުވެފައިވާއިރު, ފީފާ އިން ވެސްވަނީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އަދި ފީފާގެ ރެފްރީންގެ ކަންތައް ބަލަހައްޓާ އިޓަލީގެ ޕިއާ ލުއިޖީ ކޮލީނާ ވަނީ އެފަދަ ފާޑު ކިއުންތަކަށް ރައްދު ދީ އެއްވެސް ފަރާތަކަށް ރެފްރީންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނޯންނާނެކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ