ގާސިމް މިލަންދޫއަށް ވަޑައިގަތުމުން ބަރުގަނުގެ މަރުހަބާއެއް!

ޖުމްހޫރީ ޕާޓީގެ ފަރާތުން މިހާރު އުތުރުގެ އަތޮޅުތަކަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން އިއްޔެ ހެނދުނު ށ.މިލަންދޫއަށް ވަޑައިގަތުމުން މިލަންދޫ އެމްޑީޕީއަށް ތާއީދުކުރާ ޒުވާނުންގެ ތެރެއިން ބަޔަކު ގާސިމްއަށް ހުރަސް އަޅައި ބަރުގަނުގެ މަރުހަބާއެއް ކިޔައިފި އެވެ.
މިލަންދޫއަށް ގާސިމް ވަޑައިގަތުމުން އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ގާސިމް އެރަށުން ފައިބައިވަޑައިގަންނަވަންދެން ހުރަސް އަޅާފައެވެ. އަދި ގާސިމަށާއި ޖުމްހޫރީ ޕާޓީގެ ޓީމަށް ހުރަސް އަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު ވަނީ ޔޫޓިއުބުގައި ވެސް އާންމުކޮށްފައެވެ.
ގާތް ގަނޑަކަށް 12 މިނެޓުގެ މި ވީޑިއޯ ޔޫޓިއުބުގައި އާންމުކޮށްފައިމިވަނީ މިލަންދޫއިން ޖުމްހޫރީ ޕާޓީއަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެޕާޓީން ހާމަކޮށްފައިވަނިކޮށެވެ.
ޖުމްހޫރީ ޕާޓީގެ ޓީމް މިލަންދޫއަށް އެރުމުން އެރަށުގެ ޒުވާނުންގެ ބަޔަކު ސައިކަލުތަކުގައި އާއި ހިނގާފައި އެޓީމަށް ހުރަސް އެޅިއިރު ގާސިމާއި އޭނާގެ ޓީމު ލޯންޗަށް އަރާވަޑައިގަންނަވަންދެން އެމީހުން ހުރަސް އަޅާފައިވެ އެވެ. އަދި ބައެއް މީހުން ގާސިމާއި ދިމާލަށް އަވަގުރާނަ ގޮވި ނަމަވެސް އެއްވެސް ކަހަލަ ހަމަނުޖެހުން ހިނގާފައެއް ނުވެ އެވެ.
އެ ޒުވާނުން ގާސިމާއި މެދު ނުރުހުންފާޅުކޮށްފައިވަނީ 2008 ވަނަ އަހަރު މިލަންދޫ އަތޮޅުވެރިކަން ބަދަލުކުރުމަށް މަޖިލީހަށް ހުށައެޅި ގާސިމް ވޯޓްދެއްވުމާއި ގުޅިގެންނެވެ. އަދި އެ އަހަރުގެ ރިޔާސީ އިންތިހާބުގައި މިލަންދޫން ގާސިމަށް 500 އަށް ވުރެ ގިނަ ވޯޓް ހޯދައިދިން ކަމަށާއި އެއީ އދ.މާމިގިލިން ލިބުނު ވަރަށް ވުރެ ވެސް އިތުރު އަދަދެއް ކަމަށް ޒުވާނުން ބުނި އެވެ.
މިލަންދޫއަށް ގާސިމާއި އެކު ވަޑައިގެން ބޭފުޅުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އާއި އެފްއޭއެމްގެ ރައީސް އަދި ގެމެނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި އެޕާޓީގެ ބައެއް އިސްވެރިންނާއި ކައުންސިލްގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ގާސިމް ލޯންޗަށް އަރައި ވަޑައިގަތުމުގެ ކުރިން ބައެއް ޒުވާނުންނާއި ސަލާން ވެސް ކުރެއްވިއިރު، އަދި ލޯންޗަށް އަރައި ވަޑައިގަތުމުގެ ކުރިން އޭނާ އެމްޑީޕީ ޒުވާނުންނަށް އަތް ހޫރުވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ