ވޯލްޑް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ސްޕޭނުގެ ކީޕަރު އުނާއީ ސިމޮން އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ސްޕޭނުގެ ޑިފެންޑަރު ޕައު ކުބާސީ ހޯދައިފި އެވެ.
އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި މިރޭ ނިމުނު މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ސިމޮން ބެލެހެއްޓި ގޯލަށް ވަދެފައިވަނީ މުބާރާތުގައި ކުޅުނު އަށް މެޗުގައި ވަދެފައިވަނީ އެންމެ ގޯލެކެވެ. އެއީ ކުއާޓާ ފައިނަލުގައި ބެލްޖިއަމުން ޖެހި ގޯލު އެކަންޏެވެ.
އެތްލެޓިކް ބިލްބާއޯގެ ކީޕަރު ވަނީ ބައިކޮޅަށް ނުވައްދައި 650 މިނިޓް ވޯލްޑް ކަޕުގައި ހަމަކޮށްފަ އެވެ. މިއީ ވޯލްޑް ކަޕުގައި ރެކޯޑެއް ވެސްމެ އެވެ. ކުރިން ބައިކޮޅަށް ގޯލެއް ނުވައްދައި އެންމެ ގިނަ ވަގުތު ހޭދަކުރި ކީޕަރުގެ ރެކޯޑް އޮތީ އިޓަލީގެ ކީޕަރު ވޯލްޓަ ޒެންގާގެ އަތުގަ އެވެ. ޖުމުލަ 518 މިނިޓާއެކު އޭނާ ރެކޯޑް ހެދީ 1990 ވަނަ އަހަރު އެވެ.
ބާސެލޯނާ އަށް ކުޅޭ އުމުރުން 19 އަހަރުގެ ކުބާސީ ވަނީ މި ފަހަރުގެ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ސްޕޭން ތަށި ހޯދިއިރު ކުޅުނު އަށް މެޗުގައި ވެސް އެއް ފެންވަރެއްގައި އޭނާ ކުޅުނެވެ.
މިއާއެކު މި ފަހަރުގެ ވޯލްޑް ކަޕުގެ އެންމެ މުހިންމު ހަތަރު އިނާމުގެ ތެރެއިން ތިން އިނާމް ހާސިލްކުރީ ސްޕޭނުގެ ކުޅުންތެރިންނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސްޕޭނުގެ ކެޕްޓަން ރޮޑްރީގޯ އެވެ. އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ހާސިލްކުރީ ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ އެވެ.
ދެ ވަނަ ފަހަރަށް ސްޕޭން ވޯލްޑް ކަޕް ކާމިޔާބު ކުރީ ދިފާއީ ޗެމްޕިއަން އާޖެންޓީނާ ކޮޅަށް އިތުރު ވަގުތުގެ ފުރަތަމަ 15 މިނިޓް ތެރޭގައި ފެރަން ޓޮރޭޒް ޖެހި ހަމައެކަނި ގޯލުންނެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ސްޕޭން މި ތަށި ހޯދި ފުރަތަމަ ފަހަރެވެ.
މޮޅު ކީޕަރަކަށް ސިމޮން، ޒުވާން ކުޅުންތެރިޔާގެ މަގާމު ކުބާސީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ