ހަވީރު ނޫހުން ބޭނުންވަނީ މީހުންގެ އަގު ވައްޓާލަން ކަމަށާއި އޭނާގެ ވެސް އަދި އާއިލާގެ ވެސް ހިއްސާވާ އެއްވެސް ވިޔަފާރިއެއް މިހާތަނަށް ހިންގާފައިނުވާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޝެއިޙް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.
ޝަހީމް މިހެން ވިދާޅުވީ ޒަކާތު ފަންޑަށް ފައިސާ ދޭނެ ކަމަށް އިއުލާނުކުރެއްވި އިންޑިއާގެ ވިޔަފާރިވެރިޔާއާ އެކު ޝަހީމްގެ އަނބިކަނބަލުން ހިއްސާވާ ކުންފުންޏެއް ހެދި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި ކަމަށް ބުނެ ހަވީރު ނޫހުގައި މިއަދު ޖެހި ހަބަރާއި ގުޅިގެންނެވެ.
ހަވީރު ނޫހުގައި ބުނެފައިވަނީ ޒަކާތު ފަންޑަށް ކޮންމެ މަހަކު 10،000 ޑޮލަރު ހަދިޔާކުރައްވާނެ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިއުލާނުކުރެއްވި ފީރޯޒް ގުލާމް ހުސައިންއާ އެކު ޝަހީމްގެ އަނބިކަނބަލުން އާފިޔާ ވަހީދު "ޕިޔޯ ގޯލްޑް ޖުވެލާސް މޯލްޑިވްސް" ގެ ނަމުގައި ވަނީ ކުންފުންޏެއް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގައި އާފިޔާގެ 1،500 ހިއްސާ އޮވެ އެވެ. ދެން ހިމެނެނީ ފީރޯޒް ގުލާމްގެ 103،500 ހިއްސާ އާއި ކަރީމް ފީރޯޒްގެ 45،000 ހިއްސާ ކަމަށް ވެސް ހަވީރުގައި މިއަދު ޝާއިއުކުރި ހަބަރުގައިވެ އެވެ.
"ހަވީރު ނޫހުން ހަގީގަތް ރަނގަޅަށް ސާފުކޮށްދޭން ބޭނުންވި ނަމަ އަޅުގަނޑުގެ ބަހެއް ވެސް ހިމެނުން ކީއްތޯ؟ ކަމުގެ ތުހުމަތެއް ކުރެވޭނަމަ އެކަމާއި ގުޅޭ މީހާގެ ބަހެއް ނުހިމަނާ ހަބަރު ހެދީމަ ކޮބައިތޯ އިންސާފަކީ ހަވީރު ނޫހުން ބޭނުންވަނީ މީހުންގެ އަގުވައްޓަން، އަޅުގަނޑުގެ ވެސް އަދި އާއިލާގެ ވެސް ހިއްސާވާ އެއްވެސް ވިޔަފާރިއެއް މިހާތަނަށް ހިންގާފައެއް ނުވާނެ، އެފަދަ ފިހާރައެއް ވެސް ނުހުންނާނެ." ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އޭނާގެ އަނބިކަނބަލުންގެ ހިއްސާ އޮތް ކަމަށް ބުނާ ކުންފުންޏަކީ ވިޔަފާރިކުރުމުގެ ހުއްދަ އޮތް ކުންފުންޏެއް ވެސް ނޫން ކަމަށާއި އެއީ ހުއްދަ ނަގާފައި އޮތް ކުންފުންޏެއް ވެސް ނޫން ކަމަށެވެ. އަދި އެއީ އެއްވެސް ވިޔަފާރިއެއް ކުރާ ކުންފުންޏެއް ވެސް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ހަވީރު ނޫހުން ބޭނުންވަނީ މީހުންގެ އަގު ވައްޓާލަން - ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ