ފަތުރުވެރިކަމުގެ ބޭނުމަށް، އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކުރައްވައިިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިހުތިސާސުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ އެ މަނިކުފާނު އެގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން، އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް މަތިކޮށްފައިވާ ބާރުގެ ދަށުން ކަމަށެވެ. ރައީސް އެކަމާ ގުޅޭ ގަރާރެއް ނެރުއްވާފައިވާއިރު، އެ ގަރާރުގައި ވަނީ އިހުތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، ގެޒެޓުގައި ޝާއިއުކޮށްފައެވެ. ސަވާހެލި އޮންނަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ފޭދުއާއި މަރަދޫފޭދޫގެ މެދަށް ވާ ގޮތަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސަވާހެލި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ގޮތަށް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އޮތީ 2021ގައި ނިންމައިފައެވެ. https://sun.mv/224745 ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫގައި ފަތުރުވެރިކަން އެކަށީގެންވާ މިންވަރަކަށް ކުރިނޭރުވޭ ކަމުގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. އެ އަތޮޅުގައި އޮންނަ ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީކުރުމަށް އެކި ސަރުކާރުތަކުން ވައުދުވި ނަމަވެސް، އެ މަސައްކަތް މިހާތަނަށް އޮތީ ނުނިމިއެވެ. މިދިޔަ ހަފުތާގައި ރައީސް ވަނީ، ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ