ގާސިމް އަނެއްކާވެސް ކުޑަކަކޫ މައްޗަށް!

ގާސިމް އިބްރާހިމް އަކީ ރާއްޖޭގައި ނެތް ވަރުގެ ބޮޑު މަހުޖަނެއް ކަމަށް ވީނަމަވެސް ފައިސާ އާއި ތަނަވަސްކަމުގެ ބޭނުން ހިފައިގެން ސިޔާސީ މައިދާނުގެ ރާޒުވާ ގޮނޑި މަތީގައި ބޭނުން ކުޅިއެއް ކުޅެލުމުގެ ގާބިލްކަން ގާސިމްގެ ކިބަޔަކު ނެތެވެ.
ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅަށް ގާސިމް ކުރި ކަމެއް ވެސް ކުރީ ވަރަށް ސިއްރުން ދެފަޅިން ވެސް ކަމުންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ކަންވީ އެހެންނެވެ. ޕޯޑިއަމްތަކާއި ސިޔާސީ މައިދާންތަކުގައި ރައީސް ނަޝީދަށް ކިތަންމެ ފާޑެއްކީ ނަމަވެސް ގާސިމް އެކަން ކުރީ ރައީސް ނަޝީދުގެ ކުރިމަތީގައި ސައިޒް ވާން ޖެހޭ ހާލަތްތަކުގައި ސައިޒް ވެގެންނެވެ. ރައީސް ވަޙީދުގެ ވެރިކަމުގައި ރައީސް ވަޙީދު އަށް ބައެއް ފަހަރު ފާޑުކީ ނަމަވެސް ގާސިމް ވަނީ ގާސިމް ބޭނުންވާ ކަންތައްތަކެއް އެވެރިކަމުގެ ތެރެއިން ވެސް ކޮށްފައެވެ.
ރައީސް ޔާމީން އަށް ވެރިކަން ހޯއްދަވައި ދިނުމަށް ގާސިމް ކުރި މަސައްކަތް އެއޮތީ ފެންނާށެވެ. ދެފަހަރު ރިޔާސީ އިންތިޙާބުގައި ވާދަކޮށް ވެސް 3 ވަނަ އަށްވުރެ މައްޗަށް ގާސިމްގެ ނަމްބަރު ހިއްލާ ނުލެވުނީ ރައްޔިތުންގެ ތާއިދު ނެތިގެން ކަމަކަށް ގާސިމް ގަބޫލެއް ނުކުރެއެވެ. އަދި އެއީ ގާސިމްގެ ސިޔާސަތުތައް ރައްޔިތުން ބަލައި ނުގަންނަނީ ކަމަކަށް ވެސް ގާސިމް ގަބޫލެއް ނުކުރެއެވެ.
ކޮންމެއަކަސް ގާސިމްގެ މަދަދާއި އެހީތެރިކަމާއި އެކު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ސަރުކާރާއި ވިލާ ކުންފުންޏާއި އެކުވި އެއްބަސްވުމެއްގެ ކަންތައްތައް މިވަނީ ހޫނު ބަހުސް އަކަށް ވެފައެވެ. އެއެއްބަސްވުން އުވާލުމުން ވިލާ އިން މިވަނީ ކޯޓަށް ގޮސްފައެވެ. ގާސިމް މިވަނީ އިދިކޮޅު ފަރާތްތަކާއި އެކު ކުރަމުންދިޔަ ސިޔާސީ މަސައްކަތްތަކުގެ ކުރީ ސަފުން ގެއްލިފައެވެ.
ގާސިމްގެ ވާހަކަ އަނެއްކާވެސް ދައްކަން މިޖެހުނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ދެއްކި ވާހަކަތަކުގެ ސަބަބުންނެވެ. ގާސިމް ވިދާޅުވީ އޭނާގެ ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ސިޔާސީ މަސްރަހުގައި މަސައްކަތް ކުރަމުންދަނީ ވަކިއަތަކަށް ޖެހިގެން ނޫން ކަމަށެވެ. ޖޭޕީގެ އިސް ބޭފުޅުން މުޒާހަރާ ގައި ބައިވެރިވަނީ ގާސިމް ބުނެގެން ނޫންކަމަށް ދޭހަވާ ގޮތައް ގާސިމް މިއަދު ވެސް ވަނީ ވާހަކަދައްކާފައެވެ.
ނަމަވެސް ޙަޤީޤަތަކީ ޖޭޕީގެ ދެޑެޕިއުޓީ ލީޑަރުން ކަމަށްވާ އަމީން އިބްރާޙިމް އާއި ޑރ.ހުސެއިން ރަޝީދު ހަސަން އަދި އަދި އެކްޓިވިސްޓެއް ކަމަށްވާ ޖޭޕީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަލް އެގްޒެކެޓިވް ސޮބާހް ރަޝީދު (ސޮބާ) އަކީ ގާސިމް ބުނިހާ ގޮތެއް ހަދާނެ އަދި ހަދަމުން ގެންދާ ބޭފުޅުންކަމެވެ. ޗާބި ދީފައި ހުރި ބުދެއް މީހަކު ކޮންޓްރޯލް ކުރާ ގޮތައް ގާސިމް އެބޭފުޅުން ކޮންޓްރޯލް ކުރާނެ އެވެ.
މިހާރު އެމްޑީޕީ އާއި އަދާލަތު އަދި ޖޭޕީ އިން އިންތިޒާމު ކޮށްގެން ބާއްވަމުންދާ މުޒާހަރާތައް ކުރިއަށް ގެންދިއުމުގެ މޭސްތިރިންނަކީ ވެސް ޖޭޕީ އާއި އަދާލަތުގެ ބޭފުޅުންނެވެ. މިކަމުގެ ހެއްކަކީ އެމްޑީޕީ އިން މީގެ ކުރިން މުޒާހަރާތައް ކުރިއަށް ގެންދާ ގޮތައް މިހާރު މުޒާހަރާތައް ކުރިއަށް ނުދިއުމެވެ. މިކަމުން އެނގެނީ މުޒާހަރާތައް ކުރިއަށް ގެންދަނީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި އެއްގޮތައް ނޫން ކަމެވެ.
ސިޔާސީ މަސްރަހު މިއޮތްގޮތުން ވެރިކަން ބަދަލުވެދާނެ ކަމަށް ގާސިމް ހީކުރަނީ ކަމަށް ވެދާނެއެވެ. އެހެންވެއްޖެ ނަމަ ދެން ވެރިކަމާއި ހަވާލުވާނެ ކަމަށް ގާސިމް އަށް އަވާމެންދުރަކުން އެފެންނަ ބޭފުޅުންގެ ފަހަތުގައި ގާސިމްގެ އައުވާނުން ތިބުމަކީ ވެރިކަން ބަދަލުވާ ހާލަތުގައި ގާސިމް ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ހާސިލް ކުރުމަށް ލިބޭނެ އެހީއެއް ކަމަށް ގާސިމް ހީކުރަނީ އެވެ.
ގާސިމް މިއަދު ދިން އިންޓަވިއު ވަރަށް ޖަޒުބާތުގައި ފަށާ ނިންމާލިއިރު އޮނަރަބަލް އާއި އެކްސެލެންސީ އަށް ރާގު ބަދަލުވެ ބަސް މަގު މައިތިރިވެގެން ދިޔަ މަންޒަރު ފެނުވެ. އެހެންކަމުން ގާސިމް މިހާރު ކުޅެން އެއުޅޭ ގޭމަކީ ރައީސް މައުމޫންގެ ވެރިކަމުގައި ވެސް އަދި ރައީސް ނަޝީދު އާއި ރައީސް ވަޙީދުގެ ވެރިކަމުގައި ވެސް ގާސިމް ކުޅުނު ގޭމެވެ. ގާސިމްގެ ޓީމް އެކުލަވާލާފައި އެވަނީ އާފޯމޭޝަނަކަށް ނޫނެވެ. އަދި ކުޅުމުގެ ރޭވުންތެރިކަމާއި ކުޅުމަށް ގެންނަމުންދާ ބަދަލުތައް ވެސް ވަކި ތަފާތެއް ނޫނެވެ. އެހެންކަމުން ގާސިމް އަމިއްލައަށް ބައިކޮޅަށް ގޯލް ޖަހާނެ ގޮތައް ގާސިމް އާއި އިދިކޮޅަށް ކުޅޭ ޓީމު ރޭވިލުމުން ގާސިމް ބަލިކުރުން މިއީ އެއްވެސް ކަމަކަށް ނުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ