ހުއްދަ ދީފައިނުވާ ކަރަންޓު ނަރު ވިއްކައި ވައިރުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ނިންމައިފި

ފާސްނުކުރާ ނުވަތަ ފާސްކޮށްފައިވާ ސްޕެސިފިކޭޝަންއާ ދިމާނުވާ ކަރަންޓް ނަރާއި ކޭބަލް ރާއްޖޭގެ ބާޒާރުގައި ވިއްކާ ފަރާތްތަކާއި ލައިސެންސް ދޫކޮށްފައިވާ މީހުންގެ ތެރެއިން އެފަދަ ނަރު ބޭނުންކޮށްގެން ވައިރުކުރުމުގެ މަސައްކަތް ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ހައުސިން މިނިސްޓްރީގެ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ނިންމައިފި އެވެ.
މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު އަޖުވަދު މުސްތަފާ ވިދާޅުވީ އެފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް ނިންމެވީ އެ އޮތޯރިޓީން ވައިރުކުރުމަށް ހުއްދަކޮށްފައިވާ ސައިޒުތަކަށް ވުރެ މާ ހިމަ ނަރު ބާޒާރުގައި ވިއްކުން އާއްމުވެ އެފަދަ ނަރު ބޭނުންކޮށްގެން އިމާރާތްތަކުގެ ވެރިފަރާތްތަކަށް ގިނަ ގެއްލުންތަކެއްވަމުން ވަމުން އަންނާތީ ކަމަށެވެ.
"މިގޮތަށް ހިމަނަރު ބޭނުންކުރުމުން އޯވާ ލޯޑްވެ ބައެއްފަހަރު އަލިފާނުގެ ހާދިސާ ވެސް ހިނގަން މެދުވެރިވޭ. އަދި ބައެއް ފަހަރު އެ ވައިރު ކުރާ ފަރާތްތަކުން ބަލާނުލާ ވައިރުކުރުމުން، އެކަން ރަނގަޅު ކުރުމަށް އިމާރާތުގެ ވެރިފަރާތުން ފާރުތައް ތަޅާލައި ބޮޑެތި ގެއްލުންތަކެއް ވަމުންދޭ" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އޮތޯރިޓީގެ ގަވާއިދުގައިވާ ގޮތުން އިމާރާތްތައް ވައިރުކުރުމުގައި ދިއްލުމަށް ބޭނުންކުރަންޖެހެނީ 1.5 ސްކުއާ މިލިމީޓަރު ނަރުކަމަށާއި ސޮކެޓްތަކަށް ބޭނުންކުރަން ޖެހެނީ 2.5 ސްކުއާ މިލިމީޓަރުގެ ނަރުކަމަށާއި ނަމަވެސް އެއަށްވުރެ ހިމަ ނަރުބޭނުން ކުރަމުން އަންނަ ކަމަށެވެ.
އަދި އޮތޯރިޓީން ފާސްކޮށްފައިވާ ސްޕެސިފިކޭޝާން އާ އެއްގޮތަށް ނަރު ވިއްކުމަކީ ވިއްކާ ފަރާތުގެ ޒިންމާއަކަށް ވާއިރު، ވައިރުކުރުމަށް ބޭނުންކުރެ ވޭނީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ނަރުތޯ ބެލުމަކީ ވައިރުކުރުމުގެ ލައިސަންސް އޮންނަ ފަރާތުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގައި އެ ދެ ފަރާތް ވެސް ކުށްވެރިކޮށް ފިޔަވަޅު އެޅޭނެ ކަމަށް އަޖުވަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ