އިންޑިއާ އާއި ޔޫއޭއީން ދިފާއީ އަދި ހަކަތައިގެ ޕާޓްނާޝިޕެއް ގާއިމްކޮށްފި

އީރާނު ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، އިންޑިއާ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ދިފާއީ ބައިވެރިކަމެއް ގާއިމުކުރުމުގެ އޮނިގަނޑަކަށް މިދިޔަ ހުކުރު ދުވަހު އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުގައި، ދެ ގައުމުގެ ދެމެދުގައި ތެޔޮ ރައްކާކުރުމާއި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.
"ދިފާއީ ސިނާއަތްތަކުގެ އެއްބާރުލުން އިތުރުކުރުމަށާއި، އާ އީޖާދުތަކާއި ކުރިއަރާފައިވާ ޓެކްނޮލޮޖީ، ތަމްރީނު، އަސްކަރީ ތަމްރީނުތައް، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން، ސައިބާ ޑިފެންސް، ރައްކާތެރި މުއާސަލާތީ ނިޒާމު އަދި މައުލޫމާތު ބަދަލުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައި،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
މި ދަތުރުގެ ކުރިން އިންޑިއާގެ މަސްދަރުތަކުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި، ދިގު މުއްދަތަކަށް ހަކަތަ ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކާ ބެހޭ ގޮތުންނާއި، އިންޑިއާގެ ތެޔޮ ރައްކާކުރާ މިންވަރު އިތުރުކުރުމަށް ޔޫއޭއީގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މޯދީ މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވުނެވެ.
އޯޕެކްއިން ވަކިވުމަށް ޔޫއޭއީން މިދިޔަ މަހު ނިންމި ނިންމުމުގެ ސަބަބުން، އެ ގައުމުން ތެޔޮ އުފައްދާ މިންވަރު އިތުރުވެ، އިންޑިއާ ފަދަ ތެޔޮ އެތެރެކުރާ ގައުމުތަކަށް ފައިދާ ކުރާނެ ކަމަށް ލަފާކުރެވެ އެވެ.
އީރާނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ. ވަކިން ހާއްސަކޮށް ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން މުޅި ސަރަހައްދުގެ ދަތުރުފަތުރަށާއި ވިޔަފާރިއަށް ވަނީ ބުރޫއަރާފަ އެވެ. 
ހުކުރު ދުވަހު އިއުލާންކުރި ތެލުގެ އެއްބަސްވުމުގެ ދަށުން، އިންޑިއާގައި ހުންނަ އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އެޑްނޮކް) ގެ ސާފުނުކުރާ ތެޔޮ ރައްކާކުރާ މިންވަރު 30 މިލިއަން ފީފާއަށް އިތުރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން، އިންޑިއާގެ ރިޒާވްގެ ބައެއްގެ ގޮތުގައި ޔޫއޭއީގެ ފުޖައިރާގައި ތެޔޮ ރައްކާކުރުމާ ގުޅޭ ގޮތުން ވެސް މި އެއްބަސްވުމުގައި މަޝްވަރާކުރެވިފައިވާ ކަމަށް އެޑްނޮކްގެ ބަޔާނުގައިވެ އެވެ.
އެޑްނޮކް އިން ބުނި ގޮތުގައި އިންޑިއަން އޮއިލް ކޯޕަރޭޝަން (އައިއޯސީ) އާއެކު އެލްޕީޖީ ފޯރުކޮށްދިނުމާއި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ވެސް މަސައްކަތް ކުރާނެ އެވެ.
"އިންޑިއާގެ ބޮޑުމިނާއި ކުރިއަރަމުންދާ ދުވެއްޔަށް ބަލާއިރު، އެއީ މި ޒަމާނުގެ ހަކަތައިގެ އެންމެ މުހިންމު އެއް ބާޒާރު. އާބާދީ އިތުރުވެ ހަކަތައަށް އޮތް ޑިމާންޑް ބޮޑުވަމުންދާއިރު، ޔޫއޭއީ އާއި އިންޑިއާގެ ހަކަތައިގެ ބައިވެރިކަން ކުރިއަށްވުރެ މުހިންމުވެއްޖެ،" އެޑްނޮކްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ސުލްތާން އަހުމަދު އަލް ޖާބިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ