ޤައުމުގައި ހިނގާ އެއްވެސް ކަމެއްގައި ވާހަކަ ދެއްކުމުގެ ހައްޤެއް އެމްޑީޕީއަކަށް ނޯންނާނެ – އުމަރު

ރާއްޖޭގައި ހިނގާއެއްވެސް ކަމެއްގައި ވާހަކަ ދެއްކުމުގެ ހައްޤު އެމްޑޕީއަށް ލިބިގެން ނުވާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދިޓީވީގެ، ޚަބަރު ތެރެއިން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެމްޑީޕީން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، އެވާހަކައެއް އައިސް އެމްޑީޕީގެ ގައިގައި ޖެހޭނެ ކަމަށެވެ.
"އަނިޔާވެރި ކަމާ ދެކޮޅަށް ކަމަށް ބުނެ ނުކުމެ މި ދެއްކީ އެމްޑީޕީން އާންމުކޮށް ދައްކާ އަނިޔާވެރިކަން. އެމްޑީޕީގެ އަނިޔާވެރިކަން ދައްކަނިކޮށް އަޅުގަނޑުމެން ދުށިން ރައީސް މައުމޫނުގެ ސަރުކާރުގެ ފަހު ކޮޅުގައި. މާލޭގެ މަގުތަކަށް ނުކުމެ އަލިފާން ބޯޅަ މީހުންނާ ދިމާލަށް އުކާ ހެދި މަންޒަރު، ފުލުހުންނާ ކުރިމަތިލާ ފުލުހުންނަށް އަނިޔާކުރި މަންޒަރު އަޅުގަނޑުމެން ދުށިން. އެމްޑީޕީ ވެރިކަމަށް އައުމަށްޓަކައި 2007 2008 ހިސާބުގައި އަޅުގަނޑުމެން ދުށިން ފުލުހުން މަގުމަތިން ދަނިކޮށް ހިފަހައްޓާފައި ފުލުހުންގެ ގަޔަށް ހޫނުފެން ޖަހައި ބިންމައްޗަށް ވައްޓާލައި ތަޅައި ދެއްކި އަނިޔާވެރިކަންވެސް އަޅުގަނޑުމެން ދުށިން. އަދި ޚުދު އެމްޑީޕީގެ ވެރިކަމުގައި ނުކުމެ ސިޔާސީ ލީޑަރުންނަށް ދިން އަނިޔާވެރިކަންވެސް އަޅުގަނޑުމެން ދުށިން." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މި ސަރުކާރުން މީހުން ހައްޔަރުކުރި އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް އެމްޑީޕީ ސަރުކާރުން މީހުން ހައްޔަރު ކުރި ކަމަށާއި، އަދި ކަރުނަ ގޭސް ހުސްވަންދެން ކަރުނަ ގޭސް ވެސް ޖަހާފައި ވާކަމަށެވެ.
މީގެ އިތުރުން 8 ފެބްރުއަރީގައި އެމްޑީޕީން ހިންގި އަނިޔާވެރިކަމަށް އެކަނި ބަލައިލި ނަމަވެސް، އެމްޑީޕީ އަކީ އަނިޔާވެރިކަމުގެ ވާހަކަ ދައްކަން ކުފޫ ހަމަވާ ބައެއް ނޫންކަމަށް އުމަރު ވިދާޅުވުއެވެ.
އެގޮތުން ކޯޓު ތަކައި ޕޮލިސް ސްޓޭޝަންތަކުގެ އިތުރުން ފުލުހުންގެ ވެހިކަލްތަކުގައި ރޯކޮށް ހިންގި އަނިޔާވެރިކަމުން ލިބުނު ގެއްލުން 200 މިލިއަންނަށް އަރާކަމަށާއި، ދިވެހިރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ތަކުރާރުކޮށް އެމްޑީޕީން ގޮވާލަމުން އަންނަ އައުމަކީވެސް ކަނޑައެޅިގެން ރާއްޖެއަށް ދެވޭ އަނިޔާއެއްކަން އުމަރު ވަނީ ފާހަގަ ކުރައްވާފައެވެ.
"މި ހުރިހާ އަނިޔާއެއް އެބައެއްގެ ފަސްބައިގައި ލައްގަނޑު ޖެހިފައި ހުއްޓާ ނުކުމެ، މި ސަރުކާރުގެ އަނިޔާވެރިކަމޭ ބުނަން ލަދުގަންނަން ޖެހޭނެ. މި ސަރުކާރުގެ އަނިޔާވެރިކަން ލިސްޓެއްގައި ލިޔެފައި، އެމްޑީޕީ ސަރުކާރުގެ އަނިޔާވެރިކަން ލިސްޓެއްގައި ލިޔެފިއްޔާ އެމްޑީޕީގެ އަނިޔާވެރިކަން 500 ސަފްހާގެ ފޮތެއް ފުރޭ އިރުވެސް ނުނިމޭނެ." އުމަރު ވިދާޅުވިއެވެ. މިނސްޓަރ ވިދާޅުވީ އެންމެ ފަހުން މޭޑޭގައިވެސް އަނިޔާވެރިކަން ނިންމަން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރީ އަނިޔާ ކަމަށެވެ. އަދި ފުލުހުންނަށް އަނިޔާ ކުރުމުގެ އިތުރުން ތަންތަނުގައި ހުޅު ޖަހަންވެސް އެމްޑީޕީން ރާވާފައި އޮތް ކަމަށާއި، އެހެން ނަމަވެސް އެކަން ނުކުރެވުނީ ފުލުހުންނާއި ސިފައިންގެ ހުޝިޔާރު ކަމުން ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީއަކަށް ނޯންނާނެ މިޤައުމުގެ އެއްވެސް ކަމަކާ ގުޅިގެން ވާހަކަ ދެއްކުމުގެ ހައްޤެއް. ސަބަބަކީ ދައްކާ ކޮންމެ ވާހަކައެއް އަނބުރާ އައިސް އެމީހުންގެ ގައިގައި ޖެހޭނެ. އެއީ އަނިޔާވެރިކަމާ ގުޅޭގޮތުން ވާހަކަ ދެއްކިޔަސް، ޤާނޫނާ ޚިލާފަށް ކަންކަން ކުރުމާ ގުޅޭގޮތުން ވިޔަސް، ޤާނޫނު އަސާސީ އާއި ޚިލާފު ކަންކަން ކުރާ ވާހަކަ ދެއްކިޔަސް، މީހުން ވަގަށް ނެގުމާ ގުޅޭ ވާހަކަ ދެއްކިޔަސް، ގޭންގް ފޮނުވައިގެން މީހުންނަށް ހަމަލާ ދިނުން ކަމަށްވެސް އެ ހުރިހާ ކަމެއް އައިސް ޖެހޭނީ އެމްޑީޕީ ގައިގައި." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އެމްޑީޕީއަށް ދޮގު ވާހަކަ ދައްކައިގެން އޮޅުވާލެވޭނީ އެހެން މީހުންނަށްކަމަށާއި، ދިވެހިންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ. އަދި އެމްޑީޕީ އަކީ "ދޮގު ފެކްޓްރީ" އެއް ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ