ޖޭޕީގެ މެންބަރަކު ދީނާ ހިލާފުވެއްޖެނަމަ ދިއްކޮށްލާނެ އެހީތެރިކަމުގެ އަތެއް ނޯންނާނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ މެންބަރަކު އިސްލާމް ދީނާއި ގާނޫނުތަކާއި ހިލާފުވެއްޖެނަމަ އެމީހަކަށްޓަކައި ދިއްކޮށްލާނެ އެހީތެރިކަމުގެ އަތެއް ނޯންނާނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ މެންބަރަކު އިސްލާމް ދީނާއި ގާނޫނުތަކާ ހިލާފަށް އެއްވެސް އަމަލެއް ހިންގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގި ނަމަވެސް ޕާޓީގެ ފަރާތުން ދިއްކޮށްލާނެ އެހީތެރިކަމުގެ އަތެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
''މިޕާޓީގައި ދިވެހި ރާއްޖޭގައި އޮތް ގާނޫނު އަސާސީއާއި އިސްލާމް ދީނާއި އަޅުގަނޑުމެންގެ ގައުމިއްޔަތަށް އެއްވެސް ބާވަތެއްގެ އުނިކަމެއް ލިބޭނެ ކަމެއް މި ޕާޓީގެ ތެރޭގައި ނުހިނގާނެ. އެޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް އަރުވަން. އެއްވެސް ބޭފުޅަކަށް އަޅުގަނޑުމެން އަމުރެއް ނުކުރާނަން އެއްވެސް ރައްޔިތަކު ނިކަމެތިވާނެ، ރައްޔިތަކަށް އުނިކަމެއް ލިބޭނެ ކަމެއް ކުރުމަކަށް. އެއާ ހިލާފަށް ގާނޫނާ ހިލާފުވެއްޖެއްޔާ ދީނާ ހިލާފުވެއްޖެއްޔާ ދެން އަޅުގަނޑުމެން ދަންނަވާކަށް އެއްޗެއް ނޯންނާނެ. އަޅުގަނޑުމެންގެ އެހީތެރިކަމުގެ އަތެއް ދިއްކޮށެއް ނުލެވޭނެ.'' ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިއަދު ގައުމުން ވަރަށް ނޭދެވޭ ކަންތައްތަކެއް ފެންނަމުންދާ ކަމަށެވެ. އޭގެ ސަބަބުން މުޖުތަމައަށާއި ޅަދަރިންނަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުވަމުން އަންނަ މައްސަލައިގައި ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ފާޑުކިޔާއިރު ކިޔަންވާނީ ބިނާކުރަނިވި ފާޑުކިޔުންތަކެއް ކަމަށެވެ. އެއްގޮތަކަށްވެސް ޒާތީ ކަންކަމާ ބެހި އަބުރު ކަތިލުމުގެ ނިޔަތުގައި ފާޑު ކިޔައިގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖޭޕީއަށް މެންބަރުން އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، ޖޭޕީއަށް ކުނިތަކެއް ލައްވަމުންދާކަމަށް ބުނަމުން ދަނީ އެކަމާ ބަޔަކު މީހުން ހިތްދަތިވާތީ ކަމަށެވެ. ނަމަވެސް ޖޭޕީ އުވިގެން ނުދާނެ ކަމަށާއި ދިރިދެމި އޮންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ގާސިމް ވަނީ ރައްޔިތުންގެ މަޖަިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ގާސިމަށާއި ޖޭޕީއަށް ނިސްބަތްކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެއްގައި އެޕާޓީއަކީ ކުންފުންޏެއްގެ ގޮތުގައި ސިފަ ކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ.
''މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑާއި ޖޭޕީއަށް ނިސްބަތް ކުރައްވައި ''ޖޭޕީ ޕްރައިވެޓް ލިމިޓެޑް'' އޭ ކިޔައިގެން ބޭފުޅަކު ވާހަކަދައްކަމުން ދިޔަ. އެބޭފުޅަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު. ''ޖޭޕީ ޕްރައިވެޓް ލިމިޓެޑް'' އޭ ކިޔައިގެން ވާހަކަދެއްކެވީ. އަޅުގަނޑުމެންނަށް މިއަދު ފެންނަނީ އެމްޑީޕީގެ ރައީސް ކަމަށް ތިންވަނަ ހަތަރުވަނަ ދައުރަކަށް ނަޝީދު ކުރިމަތިލައްވައިގެން އުޅުއްވާތަން. އަޅުގަނޑު ނުދަންނަވަން އެމްޑީޕީ ޕްރައިވެޓް ލިމިޓެޑެކޭ. ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މީހެއްގެ ގައިގައި ޖަހަން އުޅެފިނަމަ، އޭގެ އަނެއް ދުވަހު އަނބުރާ އެ އެއްޗެއް އަންނާނީ އެމީހެއްގެ ގަޔާއި ދިމާއަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ