މަދަދު ލިބޭނެ ކަމަށް ނަޝީދު ވިދާޅުވުމަކީ އޮޅުވާލުމެއް: ގާސިމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނާގެ މަދަދު ލިބޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ އޮޅުވާލުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމް ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުގެ މަދަދު ލިބޭނެ ކަމަށް ބުނުމަކީ އާދައިގެ މަތިން ރައްޔިތުން މަގުފުރެއްދުމަށް ކެނެރީގޭ ނަޝީދު ދައްކާ ވާހަކައެއް،" ޓުވިޓާގައި ގާސިމް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ޖަގަހައެއް ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ރޭ ވިދާޅުވެފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަދަދުވެރި ވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ހެންވޭރުގައި އެމްޑީޕީގެ "ކުޅިވަރު ޖަގަހަ" ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމަށާއި އަދި ދެވަނަ ބުރު ކާމިޔާބު ވުމުގެ ސަބަބަކަށް ގާސިމް އިބްރާހީމް ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މަސްލަހަތަށް މަސައްކަތު ބައެއް ނޫންކަން އަޅުގަނޑުމެން ސިޔާސީ ވާދަވެރިން ވެސް ގަބޫލު ކުރޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް އަޅުގަނޑުމެންނަށް މަދަދުވެރި ވާނެ. އަދި އަޅުގަނޑުމެނަށް މި އިންތިހާބު ކާމިޔާބު ވުމުގައި އެ ބޭފުޅާއަކީ ވެސް ސަބަބަކަށް ވާނެ." ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވުމުގެ ކުރިން ހުކުރު ވިލޭރޭ ވަނީ ގާސިމް އިބްރާހީމްގެ ގެކޮޅަށް ވަޑައިގެން އޭނާއާ ބައްދަލު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ