ނ. މާފަރުގައި އެއާޕޯޓެއް އަޅަން ނިންމާ އެކަން އިއުލާންކޮށްފައިވާތާ އެތައް އަހަރުތަކެއްވެފައި ވަނިކޮށް، އެއަތޮޅުގެ ވެރިރަށް، މަނަދޫ ރައްޔިތުން ސިއްސުވާލީ އެރަށުގައި އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސައިން ވިދާޅުވުމުންނެވެ.
މަނަދޫ ރައްޔިތުންނަށް ސިހުން ލިބުނީ އެންމެ ހަތް ކިލޯ މީޓަރު ކައިރީގައި އޮތް މާފަރުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މަނަދޫގައި އެއާޕޯޓެއް ތަރައްގީކުރަން އުޅޭ ވާހަކަ މެމްބަރު ވިދާޅުވުމުންނެވެ. އާދައިގެން އިންޖީނު ދޯންނެއްގައި 30 މިނެޓުން ދެވޭ ވަރު ކައިރީގައި އޮތް މާފަރުގައި އެއާޕޯޓެއް ތަރައްގީކުރަމުގެ މަސައްކަތް ކުރާއިރު ހަތް ކިލޯ މީޓަރު ކައިރީގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރާ ވާހަކަ ދެއްކުމުން ވީ މަނަދޫ ރައްޔިތުންނަށް ހަމަ ބޮޑު ސިހުމަކަށެވެ.
އެއީ މީގެ ދެ އަހަރާއި ފަސް މަސް ކުރިން، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ މަނަދޫގައި ހުންނަ ނ.އަތޮޅު މަދަރުސާގައި ބޭއްވި އެ ބައްދަލުވުމުގައި ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން މެންބަރު އުމަރު ހުސައިން ވިދާޅުވީ މަނަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަކީ ސަރުކާރުގެ ވިސްނުން ފުޅެއްކަމަށެވެ.
"މާފަރުގައި ތައްރައްގީކުރަން ހަމަޖެހިފައިވާ އެއާޕޯޓް މަނަދުއަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން އުމަރު ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް. މާފަރުގައި ތަރައްގީކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ 1800 މީޓަރުގެ ރަންވޭ ހިމެނޭ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ދާނެ. އެއީ ތަފާތު ޕްރޮޖެކްޓެއް،" އަތޮޅު މަދަރަސާއަށް އެއްވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުންނާ މުހާތަބުކުރައްވާ މެމްބަރު އުމަރު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި މެމްބަރު އުމަރު ވަނީ ވަރަށް ވާހަކަ ދައްކަވާފައެވެ. އެއާޕޯޓުގެ މަސައްކަތް ފެށޭނެ ތާރީހެއްވެސް ދެއްވި އެވެ. އެ ތާރީހު ދެއްވީ ބައްދަލުވުމުގައި ބައިވެރިވި މީހަކު ކުރި ސުވާލަކާ ގުޅިގެންނެވެ. އެބައްދަލުވުމުގައި މެމްބަރާ ކުރެއްވި ސުވާލުގެ ޖަވާބުގައި މެމްބަރު ވިދާޅުވި އެވެ.
މަނަދޫގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮންއިރަކުންތޯ އެބައްދަލުވުމުގައި ބައިވެރިވި މީހަކު ސުވާލުކުރުމުން މެންބަރު ވިދާޅުވީ "ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ މިފެށޭ ޖެނުއަރީމަހު ސާވޭ ކުރުމުގެ މަސައްކަތް ފެށޭނެ،" އެވެ.
އެބައްދަލުވުމުގައި ވަނީ މަނަދޫގައި އެއާޕޯޓް އަޅާނެގޮތާއި ގުޅޭގޮތުން މަނަދޫ ކައުންސިލުން ކުރަހާފައިވާ ކުރެހުންތަކެއްވެސް ބައްދަލުވުމުގައި ރައްޔިތުންނާއި ހިއްސާ ވެސް ކޮށްފައެވެ. މިހުރިހާ ކަމެއްކޮށް ނިމުނު ފަހުން އެއާޕޯޓް އެޅުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާއެއްގެގޮތުން ސާވޭ ކުރުމަށް ކަމަށް ބުނެ ޓީމެއްވެސް މަނަދޫ އަށް ޒިޔާރަތްކުރި އެވެ.
މަނަދޫ އާއި މަނަފަރުގައި ހުރި ދުރުމިން ދައްކުވައިދޭ ޗާޓް
ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން ހިމެނިވަޑައިގަންވާ ޓީމަކުން ސާވޭކުރަން ކަމަށް ބުނެ މަނަދޫ އަށް ޒިޔާރަތްކުރި އެވެ. ނަމަވެސް ފަހުން ވީގޮތެއް ނޭނގެއެވެ. ސާވޭ މަސައްކަތަށް ވީގޮތް ނޭނގި ދިޔަގޮތަށް މަނަދޫގައި އަޅަން ބުނި އެއާޕޯޓުގެ ވާހަކަ ވެސް މަޑުވާން ފެށި އެވެ. އެކަމާ ގުޅިގެން ރަށުތެރޭގައި ތަފާތު ވާހަކަތައް ދައްކަން ފެށި އެވެ. އެހިސާބުންވެސް އެއް ކަމެއް މަނަދޫ މީހުން ގަބޫލު ކުރި އެވެ. އެއީ އެވަރުގެ ވާހަކައެއް މަނަދޫ ދާއިރާގެ މެމްބަރު އަމިއްލައަށް އިސްނަގައިގެން ނުވަތަ ހަދައިގެން ދައްކަން ނުކުރެވޭނެކަމެވެ. ސަބަބުތައް ވެސް އެމީހުން ކިޔައިދިނެވެ.
" މެމްބަރު އުމަރަކީ އެ ފަދަ ވާހަކައެއް އަމިއްލަ އަށް އައިސް ދައްކަން ކެރޭވަރުގެ ބޭފުޅެއްކަމަކަށް އެއްވެސް މީހަކު ގަބޫލެއްނުކުރާނެ. އެއީ އުމަރުގެ މިޒާޖު ހުންނަގޮތް މިރަށުގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެތީ. އެހެންވެ އޭރުވެސް އަޅުގަނޑަށް ޔަގީންވީކަމެއް އެއީ މެމްބަރު އަމިއްލަ ވިސްނުމުގައި ދެއްކެވި ވާހަކައެއް ނޫން ކަން،" މަނަދޫ ކައުންސިލް މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މަނަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ސަރުކާރުގެ ވިސްނުން ހުރިކަމަށާއި އެމަސައްކަތް 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު މަސައްކަތް ފެށޭނެކަމަށް މެމްބަރު އުމަރު ވިދާޅުވި ވިދާޅުވުން މިހާރުވަނީ ވަރަށް ބޮޑު ވާހަކަ އަކަށްވެފައެވެ. ސަބަބަކަށްވީ އެފަދަ ވާހަކައެއް ވިދާޅުވެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކޮށް ހެދުމުގެ އެންމެ އިސް މޭސްތިރިއަކަށް މެމްބަރު އުމަރު ވުމެވެ.
"އެންމެ ފަހުން މިހާރު މިވީގޮތަކީ އެއާޕޯޓް އަޅާ ވާހަކަ ދެއްކި މީހާ ގޯސްވާ ހިސާބަށް މިއާދެވުނީ. އެކަމުގެ ސަބަބުން މެމްބަރު އުމަރަށް ފާޑު ކިޔުން އަމާޒުވަނީ. އެހެން އެވަނީ މެމްބަރު އުމަރު އެހުރިހާ ވާހަކައެއް ދެއްކުމުން،" ކުރިން ވާހަކަ ދެއްކި ކައުންސިލަރު ވިދާޅުވިއެވެ.
ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު ސާވޭ ކުރަން ކަމަށް ބުނެ ޓީމެއް މަނަދު އަށް ޒިޔާރަތްކުރި އެވެ. ސާވޭ ކުރުމުގެ ނަމުގައި ބައެއް މަސައްކަތް ވެސް ކޮށްފައިވީ ނަމަވެސް އަދިވެސް އަލި މަގެއް ނުފެނެއެވެ.
"އެމީހުންނަށް ކުރުނބާ ތައްޔާރުކުރަން އަހަރެން އުޅުނިން. އިރު އޮއްސުނު ފަހުން ކުރުނބާ އަޅަން ރުކަށް އެރީވެސް އަހަރެން. ނަމަވެސް ފަހުން ހަބަރެއްނުވޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މަނަދޫ ޒުވާނާ ކިޔައިދިނެވެ.
އެ ޒުވާނާ ބުނިގޮތުގައި ސާވޭ ޓީމުން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރި ނަމަވެސް ފަހުން އެއްވެސް ހަބަރެއްނުވެއެވެ. އެކަމުގެ ސަބަބެއްވެސް ނޭނގެ އެވެ. އޭގެ ފަހުން މެމްބަރު އުމަރު ވެސް އެފަދަ ވާހަކައެއް މާ ބޮޑަށް ނުދައްކާ ކަމަށްވެ އެވެ.
މަނަދޫގައި ތަރައްގީ ކުރަން ސަރުކާރުން ބޭނުންވާ ކަމަށް ބުނާ އެއާޕޯޓުގެ މަސައްކަތް ނުފެށި ލަސްވަމުންދާދިއުމާ މެދު މަނަދޫ ޒުވާނުން ޖޯކް ހަދައިގެން ތަފާތު ވާހަކަތައް ދައްކައެވެ. އެހުރިހާ ވާހަކައެއް އެންމެ ފުރަތަމަވެސް އަމާޒުވަނީ ސަރުކާރުގެ ބަސްހިފައިގެން މަނަދުއަށް ގޮސް ރައްޔިތުންނާ ބައްދަލުކުރި މަނަދޫ ދާއިރާގެ މެމްބަރަށެވެ. ނަމަވެސް މެމްބަރަށް އެހުރިހާ ވާހަކައެއް އަމާޒުވި ނަމަވެސް އެރަށު މީހުން ގަބޫލުކުރާ އެއްކަމެއް އަބަދުވެސް އޮވެއެވެ. އެއީ އެފަދަ ބޮޑު ވާހަކައެއް މެމްބަރު އަމިއްލަ އަށް ދައްކަން ނުކުރޭނެކަމެވެ.
"އުމަރުގެ އަމިއްލަ ހިޔާލަކަށް މަނަދޫގައި އެއާޕޯޓެއް އަޅާނެ ވާހަކައެއް ނުދައްކާނެ. އެފަދަ ވާހަކައެއް އޭނާ ދައްކާނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން ނުވަތަ އެފަދަ ޔަގީންކަމެއް ރައިސް ދެއްވުމުން. އުމަރަކީ އަޅުގަނޑު ދަންނަ ބޭފުޅެއް. އަޅުގަނޑު ދަންނަ އުމަރު އެފަދަ ވާހަކައެއް އަމިއްލަ ހިޔާލަކަށް ވިދާޅެއްނުވާނެ" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގު ވިދާޅުވި އެވެ.
އެއީ ތޯރިގުގެ އެކަނި ވާހަކަ ހުރިގޮތެއް ނޫނެވެ. އެރަށުގެ އެތައް ބަޔަކުވެސް މެމްބަރު އުމަރާ މެދު ބުނަނީ ހަމަ އެއް ވާހަކަ އެކެވެ. އެއީ ތޯރިގު ވިދާޅުވި ގޮތަށް އުމަރުގެ އަމިއްލަ ހިޔާލަށް އެފަދަ ބޮޑު ވާހަކައެއް ނ. އަތޮޅުގެ ވެރިރަށުގެ ރައްޔިތުންގެ ކުރިމަތީގައި ބުނަން ނުކުރޭ ކެމެވެ.
އުމަރު އެވާހަކަ ދެއްކެވި އިރު ވެސް އަވަށްޓެރި މާފައިރުގައިވެސް އެއާޕޯޓެއް ތައްރަގީކުރުމަށް ސަރުކާރުން ވަނީ މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ކުންފުންޏާއި ހަވާލުކޮށްފައެވެ. ކުރީގެ ނާއިބު ރައިސް އަހުމަދު އަދީބުގެ އަރިސް ބޭފުޅެއްކަމަށްވާ މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ ހިއްސާ އޮތް އެކުންފުނިން ދިޔައީ މާފަރު އެއާޕޯޓުގެ މަސައްކަތް ކުރަމުންނެވެ.
މެމްބަރު އުމަރުގެ އެވާހަކަ އާ ގުޅިގެން މަނަދޫ ކައުންސިލުގެ އިތުރު މެމްބަރަކުވެސް ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި އެވެ. އޭނާ ބުނިގޮތުގައި މެމްބަރު އުމަރު ދެއްކެވި ވާހަކައިގެ ސަބަބުން ހުރިހާ ގެއްލުމަކާއި ދެރައެއް ލިބިގެންދިޔައީ މެމްބަރު އުމަރަށެވެ.
" މެމްބަރު އުމަރު ހުސައިން ވިދާޅުވީ މިއީ ރައީސް ޔާމީން ވިދާޅުވި ބަސްފުޅެކޭ މަނަދޫ ރައްޔިތުންގެ ކައިރީގައި މިދަންނަވަނީ. އިރާދަކުރެއްވިޔާ މަނަދޫގައި އެއާޕޯޓެއް އޮންނާނެ ބުނީ، ކޮބާ އެއާޕޯޓް، ކޮބާ ތާރުމަގު. އެއީ މިހާރު މިރަށު މީހުން ގޮވާއެއްޗެއް، ދިމާލަށް ގޮވާ. މެމްބަރުގެ ސިޔާސީ ހަޔާތް ބަރުބާދުކޮށްލަން އޭނާ ލައްވާ ކުރިކަމެއް ކަމަށް ފެންނަނީ. އޭނާގެ ސޯޓް އަމިއްލައަށް ބޭލުވުން ފަދަ ކަމެއް އޭނާ ލައްވާ އެކުރުވީ." ނަން ޖަހަން ބޭނުންނުވާ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
" މެމްބަރު އުމަރު އަމިއްލަ އަގު ވެއްޓުން ނޫން ކަމެއް ނުވި އެ ވާހަކަ ދައްކައިގެން. އެކަމަކީ މެމްބަރުގެ އަގު ވައްޓާލުމަށް ކުރިކަމެއް ކަމަށް ފެންނަނީ. އަމިއްލައަށް އަމިއްލަ ސޯޓް އެބޭލުވީ. އެއީ ގަސްދުގައި މެމްބަރުގެ އަގު ވައްޓާލުމަށް ބަޔަކު ކުރުވި ކަމެއްކަމަށް ފެންނަނީ،" އެ ކައުންސިލަރު ވިދާޅުވި އެވެ.
ރީޖަނަލް އެއާޕޯޓްސް އިން ބުނަމުން އައިސްފައިވަނީ ނ. އަތޮޅުގައި އެއާޕޯޓް އަޅާ ރަށަކީ މާފަރު ކަމަށެވެ. މިހާރުވަނީ އެ ރަށުގެ އެއާޕޯޓް އެޅުމުގެ މަސައްކަތް ނ. އަތޮޅުގައި ވެސްް ފުޅާ ދާއިރާއެއްގައި ޓޫރިޒަމުގެ ވިޔަފާރިކުރާ ސަން ޓްރެވަލް ޗެއާމަން އަހުމަދު ސިޔާމުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން މަސައްކަތް ފަށާފައެވެ.
މަނަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ސަރުކާރުން ބޭނުންވާ ވާހަކަ އާއި މަނަދޫ ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ މިފެށޭ ޖެނުއަރީމަހު (2015) ސާވޭ ކުރުމުގެ މަސައްކަތް ފެށޭނެކަމަށް މެމްބަރު އުމަރު ވިދާޅުވި ވިދާޅުވުން މިހާރުވަނީ އަމިއްލަ ކުރިމަގަށް އެޅިފައިވާ ބޮޑު ހުރަކަށްވެ، މެމްބަރުގެ ސިޔާސީ ހަޔާތް ބަރުބާދުކޮށްލަން އަމިއްލަ އަށް ކޮށުނު މަގަކަށް ވެފަ އެވެ.
އުމަރު ލައްވާ އެއާޕޯޓް ވާހަކަ ދެއްކުވީ އޭނާގެ ސިޔާސީ ހަޔާތް ބަރުބާދުކޮށްލަން!؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ