މާލީ ދާއިރާގެ އެންމެ ފަހުގެ އުފެއްދުންތަކާއި ޑިޖިޓަލް ހިދުމަތްތަކުގެ އިތުރުން ދާއިރާއަށް އަންނަމުންދާ އާ ބަދަލުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ލިބިގެންދާނެ އެވެ.
މި އަހަރުގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ މާލީ ދާއިރާއަށް ތައާރަފުކުރެވޭ އާ އީޖާދުތަކެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި މާލީ މުއައްސަސާތަކުން އެ ފަރާތްތަކުގެ އާ އުފެއްދުންތައް ތައާރަފުކޮށް، ޑިޖިޓަލް ހިދުމަތްތައް ދައްކާލުމުގެ އިތުރުން، އާންމުންގެ މާލީ ކަންކަން މެނޭޖުކުރުމަށް އެހީތެރިވެދޭނެ ފަސޭހަ ހައްލުތައް ހުށަހަޅާނެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން އިންތިޒާމުކުރާ މި އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 2 އިން 4އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ކޮންމެ ދުވަހެއްގެ ހަވީރު 3 އިން ރޭގަނޑު 10އަށް ކުރިއަށްދާ މި ހަރަކާތުގައި ވިޔަފާރި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން، ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާނެ އެވެ.
މި އެކްސްޕޯއަކީ މާލީ މުއައްސަސާތަކުން އެ ފަރާތްތަކުގެ އެންމެ ފަހުގެ ހިދުމަތްތައް ބާޒާރަށް ނެރުމަށް ބޭނުންކުރާނެ މުހިންމު މައިދާނަކަށް ވެގެންދާނެ އެވެ. މީގެ ސަބަބުން، އެ ހިދުމަތްތައް ފަރުމާކުރި ފަންނީ މާހިރުންގެ ފަރާތުން ސީދާ މައުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު ޒިޔާރަތްތެރިންނަށް ފަހިވެގެންދާނެ އެވެ. އަދި ހިދުމަތްތައް ދައްކާލުމަށް ބާއްވާ ހަރަކާތްތަކާއި ވަކިވަކި ފަރާތްތަކާ އެކު ކުރެވޭ މަޝްވަރާތަކުގެ އެހީގައި، އަމިއްލަ މާލީ ކަންކަމާއި ވިޔަފާރީގެ ބޭނުންތަކަށް އެ ހިދުމަތްތައް ބޭނުންކުރެވޭނެ ގޮތްތައް އާންމުންނަށް ސާފުވެގެންދާނެ އެވެ.
ދުނިޔޭގެ މާލީ ދާއިރާއަށް ޑިޖިޓަލް ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ މާލީ މުއައްސަސާތަކުން ވެސް އަންނަނީ ޑިޖިޓަލް ވަސީލަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހިދުމަތްތައް ލިބިގަނެވި، ބޭންކުތަކަށް ދާންޖެހޭ މިންވަރު ވަނީ މަދުވެފަ އެވެ. މިއީ ވަސީލަތްތައް މަދު ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
މި އަހަރުގެ އެކްސްޕޯގެ ޝިއާރު ކަމަށްވާ 'ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު' މި ޝިއާރުގެ ދަށުން އީޖާދީކަމަށް ނުވަތަ އިނޮވޭޝަނަށް ވަނީ ބޮޑު އިސްކަމެއް ދީފަ އެވެ. މީގެ އިތުރުން، އެމްއެމްއޭން އަލަށް ތައާރަފުކުރި 'މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރު އެވޯޑްސް'ގައި ޑިޖިޓަލް ފައިނޭންސް އަދި އިނޮވޭޝަނަށް ހާއްސަ އެވޯޑެއް ހިމަނާފައިވުމަކީ، މާލީ ދާއިރާ ތަރައްގީކުރުމުގައި ޓެކްނޮލޮޖީއަށް ދެވޭ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
މި އެކްސްޕޯއަކީ މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތައް، އެއްވެސް ހުރަހެއް ނެތި އޮޅުންފިލުވާލުމަށް ލިބޭ ތަފާތު ފުރުސަތެކެވެ. ޑިޖިޓަލް ވޮލެޓް، ވިޔަފާރި ފައިނޭންސިން، އިންވެސްޓްމަންޓް ނުވަތަ އިންޝުއަރެންސްގެ ހިދުމަތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް، ހަލުވިކަމާ އެކު ކުރިއަރަމުންދާ މި ދާއިރާގެ މައުލޫމާތު މި މައިދާނުން ފަސޭހަކަމާ އެކު ލިބިގެންދާނެ އެވެ.
އެމްއެމްއޭގެ އުންމީދަކީ، މި ހަރަކާތުގެ ސަބަބުން ޒަމާނީ މާލީ ހައްލުތަކަށް އާންމުން ހޭލުންތެރިވެ، ހުރިހާ ފަންތިއެއްގެ އަދި ހުރިހާ އުމުރުފުރައެއްގެ މީހުން މިފަދަ ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވެގެންދިއުމެވެ.
މިއަހަރުގެ ފައިނޭންޝަލް އެކްސްޕޯގައި އާ އީޖާދުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ