ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ)، މިހާރު ކުރިއަށްދާ ޔޮނެކްސް އިޓާލިއަން އޯޕަންގެ އަންހެން ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ބަލިވެއްޖެ އެވެ.
މިއީ، ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ ޔޫރަޕްގެ އެލީޓް މުބާރާތެއްގެ ކުއާޓާ ފައިނަލަށް ރާއްޖެ ދަތުރުކުރި ފުރަތަމަ ފަހަރެވެ. ކުއާޓާ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ބަލިވީ ތުރުކީގެ ޔާސްމީން ބެކްޓާސް އާއި ސިނެމް ޔިލްޑީޒްގެ ޕެއާ އަތުންނެވެ.
މުބާރާތުގައި ހަތަރު ވަނަ އަށް ސީޑުކޮށްފައިވާ، ދުނިޔޭގެ ރޭންކިން 87 ވަނައިގައި އޮތް ޔާސްމީން އާއި ސިނެމްގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-09، 21-10 އިންނެވެ.
ރިވައިވަލް އިން ޔޫރަޕް ޓުއާއެއްގައި ވާދަކުރަމުން އަންނައިރު، ނަބާ އާއި ނަބީގެ ޕެއާ، އިޓަލީ މުބާރާތުގެ އަންހެން ޑަބަލްސް ގަދަ 16 ބުރަށް ދަތުރުކުރީ މިސްރުގެ ފަރީދާ އެލްތަވީލް އާއި ނޫރު އެލްތަވީލް އަތުން ވަނީ 21-10، 21-07 އިން މޮޅުވެގެންނެވެ.
ގަދަ 16 ބުރުގައި ނަބާ އާއި ނަބީގެ ޕެއާ ކުޅުނީ ޔޫއޭއީގެ ތާބިއާ ހާން އާއި ސްރީޖިތު ޕަރޯލްއާ ދެކޮޅަށެވެ. އެ މެޗުން ނަބާ އާއި ނަބީ މޮޅުވީ 22-20، 24-22 އިންނެވެ.
ނަބީ އާއި ނަބާ ވަނީ ބައިނަލްއަގުވާމީ އެކި ލެވަލްގެ މުބާރާތްތަކުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖެ އަށް މެޑަލް ގެނެސްފަ އެވެ. އެ ގޮތުން، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބީ އާއި ނަބާގެ ޕެއާ އިން ވަނީ ޖުމްލަ 13 މެޑަލް ހޯދައިފަ އެވެ. ތަފްސީލަށް ބަލާއިރު، ނަބީ އާއި ނަބާގެ ޕެއާ އިން ވަނީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި، ހަތަރު ރަން މެޑަލް، ހަތަރު ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ.
އިޓަލީ މުބާރާތުގެ ގަދަ 16 ބުރުގައި، ރިވައިވަލް އާއި ގައުމީ ޓީމުގެ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު ވަނީ ފިރިހެން ޑަބަލްސްގައި ވާދަކޮށްފަ އެވެ. ގަދަ 16 ބުރުގައި، މުބާރާތުގެ ދެ ވަނަ އަށް ސީޑުކޮށްފައިވާ ޖަރުމަނުގެ މަލިކް ބޫރަކާދީ އާއި ކެނެތު ނެއުމަންއާ ކުޅެގެން، ނިބާލް އާއި ޒަޔާން ޒަކީގެ ޕެއާ ބަލިވީ، 21-08، 21-07 އިންނެވެ.
ރިވައިވަލްގެ ޔޫރަޕް ޓުއާގައި ކުޅުނު ފުރަތަމަ މުބާރާތް، ޗެކް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުގެ ގަދަ 16 ބުރުގައި ޒަޔާން އާއި ނަބާގެ ޕެއާ ވާދަކުރި އެވެ. އެ ބުރުގައި ބަލިވީ، ސްވިޒަލެންޑުގެ ހާޒެންމޯސާ އާއި މެޓްޒްގާ އަތުން 21-05، 21-14 އިންނެވެ.
ޔޫރަޕް ޓުއާގައި ދެން ރިވައިވަލް އަށް އޮތީ ފްރާންސްގައި ކުރިއަށްދާ މުބާރާތެވެ. އެއީ، ފްރާންސްގައި އަންނަ މަހުގެ 2-5 އަށް ކުރިއަށްދާ އެފްޒެޑް ފޯޒާ ފިއުޗާ ސީރީސް ނޯވެލް - އަކުއިޓޭއިން 2026 އެވެ.
އިޓަލީ މުބާރާތުގެ ކުއާޓާގައި ތުުރުކީ ޕެއާ އަތުން ނަބާ އާއި ނަބީ އަށް ނާކާމިޔާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ