ޒިއުރިކް، ސްވިޒަލެންޑް (ޖޫން 28) - ފީފާ އިން ރަޝިއާ އަށް ދީފައިވާ ސަސްޕެންޝަން އުވާލުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔޫކްރެއިނާ ދެކޮޅަށް ރަޝިއާ އިން ހަނގުރާމަ ފަށާފައިވަނީ ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ރަޝިއާ ސަސްޕެންޑްކުރަން ނިންމީ، ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. އޭގެ ފަހުން، މި ވީ ހަތަރު އަހަރަށް ވުރެން ދިގު މުއްދަތުގައި، ރަޝިއާ އަށް ފީފާގެ އެއްވެސް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިިބިފައިނުވެ އެވެ.
މި އަހަރުގެ ކުރީކޮޅުގައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ރަޝިއާ އަށް ފީފާ އިން ދީފައިވާ ސަސްޕެންޝަން މި އަހަރު ތެރޭ އުވާލުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ޔޫކްރެއިނާ ދެކޮޅަށް ރަޝިއާ އިން ކުރާ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް އަދިވެސް އައިސްފައިނުވި ނަމަވެސް، ފުޓްބޯޅައިގައި ރަޝިއާ އަށް ދީފައިވާ ސަސްޕެންޝަން އުވާލަން ފީފާ އިން ނިންމަނީ ސަބަބެއް ވެސް އޮތުމާ އެކުކަން އިންފަންޓީނޯ ފާހަގަކުރެއްވި އެވެ.
"މިކަން (ސަސްޕެންޝަން އުވާލަން) ކުރަން އެބަޖެހޭ. އެއީ، މިކަމުން ހާސިލްވި އެއްވެސް ކަމެއް ހަގީގަތުގައި ނެތް. މި ކަމުން މީހުންގެ މެދުގައި ނުތަަނަވަސްކަން ވީ އިތުރު ހިތްހަމަނުޖެހުންތައް ވީ ބޮޑު. ރަޝިއާގެ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ފުޓްބޯޅަ ކުޅެވޭނެ ގޮތް ވާން އެބަޖެހޭ،" އިންފަންޓީނޯ ވިދާޅުވި އެވެ.
ރަޝިއާ އިން 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހޯސްޓްކުރިއިރު، އެންމެ ފަހުން ދެ ވޯލްޑް ކަޕް އަައިއިރު ވެސް އެ ޓީމު އޮތީ ސަސްޕެންޝަނުގަ އެވެ. ފީފާ އިން ދިން އަދަބު ފުޅާކޮށް ޔޫތު މުބާރާތްތަކުގައި ވެސް ރަޝިއާ އަށް ނުކުޅެވޭ ގޮތް ހެދުމުން، 17 އަހަރުން ދަށަށް ފީފާ އާއި ޔުއެފާ އިން ބާއްވާ މުބާރާތްތަކުން ވެސް ރަޝިއާ ނުފެނެ އެވެ. މިއީ، އެ ގައުމުގެ ފުޓްބޯޅަ ވަރަށް ފަހަތަށް ގޮސްފައިވާ ސަަބަބެކެވެ.
ރިޕޯޓްތައް ބުނާގޮތުން، ފީފާ އިން ރަޝިއާގެ ސަސްޕެންޝަން އުވާލަން ނިންމާފައި އޮތީ އޮކްޓޫބަރު މަހު، އަޒަރުބައިޖާންގެ ބަކޫގައި ކުރިއަށްދާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް ފެސްޓިވަލާ ދިމާކޮށެވެ. އެ މުބާރާތުގައި ރަޝިއާގެ ޓީމެއް ވާދަކުރާނެ ކަަމަށް ބެލެވެ އެވެ.
އޮކްޓޫބަރު 21 އިން 31 އަށް ކުރިއަށްދާ އެ މުބާރާތުގައި ވާދަކުރާ ގަައުމުތަކުގެ ލިސްޓުގައި ރަޝިއާގެ އިތުރުން، ބެލަރޫސް ވެސް ހިމެނެ އެވެ. ޔޫކްރެއިން/ރަޝިއާ ހަނގުރާމައިގައި ސިޔާސީ ވިސްނުމުގައި ވަކި ކޮޅެއް ނެގުމުން، ބެލަރޫސަށް ވެސް އެކި ފިޔަވަޅުތައް އަޅާފައިވެ އެެވެ.
ފީފާ އިން ރަޝިއާގެ ސަސްޕެންޝަން އުވާލަން ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ