އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ތަހުގީގުތައް ހަރުދަނާކޮށް، އަވަސްކުރުމަށް އެކޮމިޝަނުގެ ޖިނާއީ އިޖުރާއަތުގެ ޤަވާއިދު އިސްލާހުކޮށްފިއެވެ.
މި އިޞްލާހަކީ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ނަތީޖާ ނެރެވޭނެ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމާއި، ތަޙުޤީޤުތަކުގެ އަވަސްކަން އިތުރުކުރުމުގެ މަގުސަދުގައި ގެނައި އިސްލާހުތަކެއް ކަމަށް އޭސީސީން ވިދާޅުވެއެވެ.
އޭސީސީން އެ ކޮމިޝަނުގެ ޖިނާޢީ އިޖުރާޢަތުގެ ގަވާއިދަށް ގެނައި އިޞްލާޙުގެ ދަށުން، ކޮމިޝަނަށް ހުށަހެޅޭ ކޮންމެ މައްސަލައެއް، ނިންމާނެ މުއްދަތެއް ކަނޑައެޅުމަށްޓަކައި، ތަޙުޤީޤު ފެށުމުގެ ކުރިން، އެ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، 'އެސެސްމަންޓެއް' ހެދުން ވަނީ ލާޒިމުކޮށްފައެވެ.
މައްސަލަތައް އެސެސްކުރުމުގައި މުޖުތަމަޢުގެ މަސްލަޙަތާއި މާލީ ގެއްލުމާއި ހެކި ނައްތާލުމުގެ އިހުތިމާލު އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު ފަދަ 10 މިންގަނޑަކަށް ބެލުމަށް ވަނީ ނިންމަވާފައެވެ. އަދި މައްސަލަތައް ކެޓަގަރީކޮށް، އެ ކެޓަގަރީތަކާ އެއްގޮތަށް މައްސަލަތައް ނިންމުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅަން މި އިސްލާހުގެ ދަށުން ވަނީ ލާޒިމުކޮށްފައެވެ.
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެން ކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.
އޭސީސީން ވިދާޅުވީ، މި އިޞްލާޙް ގެނެސްފައިވަނީ، ކޮމިޝަނުގެ އައު ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން، ތަޙުޤީޤުތައް ހަރުދަނާކޮށް، ތަޙުޤީޤު ލަސްވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި މި އިޞްލާޙާއެކު، އޭސީސީގެ ތަޙުޤީޤީ އޮނިގަނޑު އިތުރަށް ހަރުދަނާވެ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރާ އިޖުރާއަތުތައް މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
އޭސީސީގެ ތަޙުޤީޤުތައް ހަރުދަނާކޮށް، އަވަސްކުރުމަށް އިސްލާހުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ