"ރިފޯމް" މަސައްކަތް ނިމުމުން އެތެރޭގެ ދަރަނި ކުޑަވާނެ ކަމަށް ސަރުކާރުން ބުނެފި

މި ސަރުކާރުގައި އެތެރޭގެ ދަރަނި އިތުރުވާ މިންވަރާ މެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރުމުން، ސަރުކާރުން ކުރިއަށް ގެންދާ "ރިފޯމް" މަސައްކަތް ނިމުމުން އެތެރޭގެ ދަރަނި ކުޑަވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އިއްޔެ ވިދާޅުވެއްޖެ އެވެ. 
މުންދު ހޯސްޓުކުރައްވާ "ޕްރެސާ ވިތު ދަ ސްޕޮކްސް" ޕޮޑްކާސްޓުގައި އެތެރޭގެ ދަރަނީގެ މައްސަލައިގައި ސަރުކާރުން ދެކޭ ގޮތް ހާމަކުރައްވަމުން އޭނާ ވިދާޅުވީ، ބޭރުގެ މާލީ އިދާރާތަކުގެ ލަފާ ސަރުކާރުން ބަލައިގަތަސް އެއާ އެއްގޮތަށް އަމަލުކުރަން އުނދަގޫ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ސަރުކާރުން މާލިއްޔަތު މެނޭޖުކުރަމުން އިގުތިސޯދުގެ ހިންގުންތެރިކަން ވެސް ކަަށަވަރުކުރަން ޖެހުމެވެ. 
އެ ގޮތުން މި ދެ ކަންތައް އެއް ފަހަރާ ކުރަމުން، ސަރުކާރު އިސްކަން ދިނީ އެތެރޭގެ ދަރަންޏަށް ވުރެ ބޭރުގެ ދަރަނި މެނޭޖުކުރަން ކަމަށް މުންދު ވިދާޅުވި އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ބޭރުގެ ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި ނިކުންނާނެ ނަތީޖާ މާ ގޯސް ވުމެވެ.
އެއާ ހިލާފަށް އެތެރޭގެ ދަރަންޏަކީ ސަރުކާރުން އިސްލާހުތަކެއް ގެނެސްގެން އޭގެ ނަތީޖާ ވަރަށް ފަސޭހައިން ދެއްކޭނެ ބާވަތުގެ ދަރަނި ކަމަށް މުންދު ވިދާޅުވި އެވެ. އަދި، މާލީ އިދާރާއަކުން ނޫނީ އެހެން ބަޔަކު ބުންޏަސް ސަރުކާރަށް ނުކުރެވޭނެ ނޫނީ ހުއްޓާނުލެވޭ ކަންކަން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 
"މިސާލަކަށް، އަޅުގަނޑުމެން މުސާރަ ދޭން ޖެހޭ ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް. އަޅުގަނޑުމެން ރާއްޖެއަށް ތެޔޮ އެތެރެކުރަން ޖެހޭނެ، އެ ތެލުގެ ބިލު އަޅުގަނޑުމެން ދައްކަން ޖެހޭނެ. އަޅުގަނޑުމެންގެ އާސަންދައިގެ ނިޒާމުގެ ތެރެއިން ކުރާ ހަރަދުތަކާ ގުޅިގެން އަޅުގަނޑުމެން އެއަށް ފައިސާ ދައްކަން ޖެހޭނެ،" މުންދު ވިދާޅުވި އެވެ. 
ސަރުކާރުގެ ދަރަނި ނެގުން ދިފާއުކުރެއްވި ނަމަވެސް، އެތެރޭގެ ދަރަނި މަތި ކަމަށް ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށް މުންދު އިއުތިރާފުވެވަޑައިގެންނެވި އެވެ. އެކަމަކު، ބޭރުގެ ބޮޑެތި ދަރަނިތައް ދައްކަމުން އެތެރޭގެ ދަރަނި ކުޑަކުރަން މަސައްކަތް ކުރި ނަމަ، ކުރިއަށް ދާން އުނދަގޫވީސް ކަމަށް އޭނާ ވިދާޅުވި އެވެ. 
މުންދު ވަނީ ސަރުކާރުން ކުރި މަސައްކަތާ އެކީ ކުރިއާ އަޅާބަލާއިރު، ބޭރުގެ ދަރަނިީގެ މަންޒަރު ސާފުވެ، ކުރިއަށް އޮތް ތަނުގައި ދައްކަން ޖެހޭ ދަރަނި ދަައްކައި ދަރަނި މެނޭޖުކުރަން ގޮތްތަކެއް ހޯދިފައިވާ ކަމަށް މުންދު ފާހަގަކުރެއްވި އެވެ. އަދި، މިއާ އެކީގައި އެތެރޭގެ ދަރަނި ހަމައަކަށް އަޅުވަން ސަރުކާރަށް ފުރުސަތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 
"ޑޮމެސްޓިކް ޑެޓް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް މެނޭޖުކުރެވޭނެ އަޅުގަނޑުމެންގެ ކަރަންޓް [އެކްސްޕެންސަސް] ކުޑަކޮށްގެން. ކަރަންޓް [އެކްސްޕެންސަސް] ވަރަށް ބޮޑަށް ކުޑަވާނެ މިހާރު މި ހިނގާ ރިފޯމް މަސައްކަތް ނިމޭއިރު. އެއީ އޭރަށް އަޅުގަނޑުމެން ކުރާ ހަރަދު ނިސްބަތުން ކުޑަ ވެގެން އެބަދޭ،" މުންދު ވިދާޅުވި އެވެ. 
އެތެރޭގެ ދަރަނި އިތުރުވާ މައްސަލައިގައި މުންދު މިހެން ވިދާޅުވިޔަސް، އެތެރޭގެ ދަރަނި މިހާ ބޮޑަށް އިތުރުވީ ސަރުކާރުން ރޭވި ގޮތަށް ބަޖެޓަށް ފައިނޭންސް ނުލިބުމާއި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނޭޅުމުންނާއި، ވަކިން ހާއްސަކޮށް މި ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުނުކުރުމުން ކަމަށް މާލީ ތަޖުރިބާކާރުންނާއި މާލީ އިދާރާތަކުން ވެސް ގަބޫލުކުރެ އެވެ. 
މިހާރު ސަރުކާރުން އެ ފަށައިގެން އުޅޭ ކަމަށް ބުނާ ރިފޯމް މަސައްކަތަކީ، ކައުންސިލު އިންތިހާބާއި ރިފަރެންޑަމް ވޯޓުން ބަލިވީ ފަހުން އިރާނު ހަނގުރާމައާ ގުޅުވާ ފެށި މަސައްކަތެކެވެ. ނަމަވެސް މި ރިފޯމްތަކުގައި ހިމެނޭ ކަންކަމުގެ ތަފުސީލެއް މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެނގިގެން ހިނގަމުންދާ ހަމައެކަނި ރިފޯމަކީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަސް ފެށުނުއިރު އެތެރޭގެ ދަރަނި ހުރީ 95.6 ބިލިއަން ރުފިޔާގަ އެވެ. ރެކޯޑުތަކުން ދައްކާ ގޮތުގައި މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.8 ބިލިއަން ރުފިޔާގެ ދަރަނި ނަގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ