މެސީ ބެންޗަށް ލީ އޭނަ އެދިގެން: ސްކަލޯނީ

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 28) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އިން ކުޅުނު ފަހު މެޗުގައި ޖޯޑަންއާ ދެކޮޅަށް ލިއޮނަލް މެސީ ބެންޗުން ފަށަން ނިންމީ އަމިއްލަ އަށް ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ. 
އުމުރުން 39 އަހަރުގެ މެސީ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން ފަސް ގޯލު ޖަހައިފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ހެޓްރިކް ހެދިއިރު، ދެ ވަނަ މެޗުގައި އޮސްޓްރިއާ ކޮޅަށް ދެ ލަނޑު ޖެހި އެވެ. ޖޯޑަން މެޗުގެ ކުރިން ވެސް އާޖެންޓީނާ އަށް އެެއް ވަނައިގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ލިބިފައި އޮތުމުން، މެސީ އެ މެޗުގައި ފުރަތަމަ އެގާރައިގައި ނުހިމެނެ އެވެ. 
އެކަމަކު، މެޗުގެ ފަހު ބައިގަނޑިއިރަށް މެސީ ވަނީ ކުޅެން ނުކުމެފަ އެވެ. އަދި، ހިލޭ ޖެހުމަކުން ލަނޑު ޖަހައި، ވޯލްޑް ކަޕްގައި އިތުރު ރެކޯޑެއް ހެދި އެވެ. އެއީ، ޖެހިޖެހިގެން ހަތް މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑެވެ. ވޯލްޑް ކަަަޕްގެ ހަ ވަނަ މުބާާރާތުގައި ކުޅޭ މެސީ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ރެކޯޑްތަކެއް ހަދައިފަ އެވެ. 
ޖޯޑަން މެޗަށް މެސީ ފުރަތަަމަ އެގާރައިގައި ނުހިމެނުމަކީ، އެ މެޗަށް ދުރާލާ ޓިކެޓް ގަނެގެން މެސީ ކުޅޭތަން ބަލަން އަންނަ ސަޕޯޓަރުންނަށް އިންސާފުވެރި ނިންމުމެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސްކަލޯނީ ބުނީ މެޗުގެ 90 މިނިޓް ވެސް މެސީ އަށް ހަގީގަތުގައި ކުޅެވޭނެ ކަމަށެވެ. 
"މެޗު އެއްކޮށް ވެސް މެސީ އަށް ކުޅެވޭނެ ހަގީގަތުގައި. ކުޅެގެން، އެ ރެކޯޑްތައް އިތުރަށް ވެސް ފުރިހަމަަ ކުރެވޭނެ. އެކަމަކު، މެސީ ނިންމީ ފުރުސަތު ނުލިބި ތިބި ކުޅުންތެރިންނަށް ކުޅެން ޖާގަ ދޭން. އެއީ ޓީމަށް ފައިދާވާނެ ގޮތް. ބެންޗުން އަރަން ނިންމީ މެސީ އަމިއްލަ އަށް، އެއީ، ކުރިއަށް ހުރި މެޗުތަކަށް ވެސް ވިސްނާފައި،" ސްކަލޯނީ ބުންޏެވެ. 
އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން، އާޖެންޓީނާ އަކީ މި ފަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ފުރިހަމަަ ރެކޯޑަކާ އެކު، ތިން މެޗުން މޮޅުވެގެން ނޮކައުޓަށް ނުކުންނާނެ ތިން ވަނަ ޓީމެވެ. ދެން، ގްރޫޕްގައި ސައްތަ އިން ސައްތަ ރެކޯޑެއް އޮތީ މި ފަހަރުގެ ވޯލްޑް ކަޕްގެ އެއް ހޯސްޓް، މެކްސިކޯގެ އިތުރުން، ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސް އެވެ. 
ގަދަ 32 ޓީމުގެ މެދުގައި ކުޅޭ ނޮކައުޓް ފުރަތަމަ ބުރުގައި އާޖެންޓީނާ އިން ކުޅޭނީ މުޅިން އަލަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ކޭޕް ވާޑް އެވެ. ކޭޕް ވާޑުން ވަނީ ސްޕެއިނާއި އުރުގުއޭ އަދި ސައުދީ އަރަބިއްޔާއާ އެއްވަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ