ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުއްލި ނުރައްކަލުގެ 15 ހާދިސާއެއް ރިޕޯޓުކޮށްފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 21 އިން 27 ގެ ނިޔަލަށް ހިނގި މި ހާދިސާތަކުގެ ތެރޭގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން، ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި އަލިފާނުގެ 9 ހާދިސާއެއް ރިޕޯޓުކޮށްފައިވެއެވެ.
މީގެއިތުރުން، ނުރައްކާތެރި މާއްދާތަކާގުޅޭ 1 ހާދިސާއާއި ކާރިސީ 1 ހާދިސާގެ އިތުރުން ކަނޑުމަތީގައާއި އެއްގަމުގައި މީހުން ސަލާމަތްކުރުމުގެ 2 ހާދިސާއެއް ހިނގާފައިވާކަމަށް އެމްއެންޑީއެފްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހަމައެއާއެކު، ޞިއްޙީ އަވަސް ފަރުވާއަށް ބަލިމީހުން އުފުލުމުގެ 2 ހާދިސާއެއްގައި އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ސަރަޙައްދުތަކަށް ބަލާއިރު، އެންމެ ގިނަ ހާދިސާ ރިޕޯޓުކޮށްފައިވަނީ މާލެ އޭރިއާ ކޮމާންޑަށެވެ. އެގޮތުން، މާލެ ސަރަޙައްދުން އެކަނިވެސް 12 ހާދިސާއެއް ރިޕޯޓުކޮށްފައިވާއިރު، ސަދަން އޭރިއާ ކޮމާންޑަށް ރިޕޯޓުކޮށްފައިވަނީ 3 ހާދިސާއެކެވެ.
ކުއްލި ނުރައްކަލުގެ މިފަދަ ހާދިސާތައް މަދުކުރުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ކޯސްޓްގާޑުން އަންނަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. އަދި ކުއްލި ނުރައްކަލުގެ ހާދިސާތަކުގައި އެމްއެންޑީއެފްގެ ހޮޓްލައިން ނަންބަރު 118 އަށް ގުޅުއްވައިގެން އެހީތެރިކަން ހޯއްދެވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ ހަފުތާގައި ކުއްލި ނުރައްކާތަކުގެ 15 ހާދިސާ ރިޕޯޓުކުރި: އެމްއެންޑީއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ