މޮންޓެވީޑޯ، އުރުގުއޭ (ޖޫން 28) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި އުރުގުއޭ ޓީމު އެނބުރި ގައުމަށް ގެންދިއުމަށް ހަމަޖައްސާފައި އޮތް ޗާޓަރު ފްލައިޓް ކެންސަލް ކުރަން އުރުގުއޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭޔޫއެފް) އިން ނިންމި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ދެ ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އުރުގުއޭ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި 48 ގައުމުގެ ތެރެއިން، ގްރޫޕް ސްޓޭޖަށް ފަހު ކެޓި 16 ގައުމަށް ބަލާއިރު، ފީފާ ރޭންކިންގެ އެންމެ މަތީގައި އޮތް ގައުމެވެ. އުުރުގުއޭ، މި ފަހަރުގެ ވޯލްޑް ކަޕުން ކެޓީ މޮޅެއް ނުލިބި އެވެ.
އުރުގުއޭ އިން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއާ 1-1 އިން އެއްވަރުވިއިރު، ދެ ވަަނަ މެޗުގައި ކޭޕް ވާޑާ ކުޅެގެން ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި އެ ޓީމު ވަނީ ސްޕެއިން އަތުން 1-0 އިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. މިއީ، އުރުގުއޭ ފުޓްބޯޅަ އަށް ބޮޑު ވެއްޓުމެކެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅުނު އުރުގުއޭ މި ވަނީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕްެގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
އުރުގުއޭގެ ބްރޯޑްކާސްޓަރެއް ކަމަށްވާ ޓެންފީލްޑުން ރިޕޯޓްކުރާގޮތުގައި އުރުގުއޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މެކްސިކޯ ސިޓީން މޮންޓެވީޑޯ އަށް އުރުގުއޭ ޓީމު ގެންނަން ހަމަޖެއްސި ޗާޓަރު ފްލައިޓް ކެންސަލްކޮށްލައިފަ އެެވެ. އަދި، އެ އަށް ފަހު، ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އައިސްފައިވަނީ ކޮމާޝަލް ފްލައިޓްތަކުގައި އަމިއްލަ ހަރަދުގައި ޓިކެޓް ނަގައިގެން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ސްޕެއިން އަތުން ބަލިވި މެޗަށް ފަހު، އުރުގުއޭގެ ކޯޗު، އާޖެންޓީނާގެ މާސެލޯ ބިއެލްސާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުތަކަށް ޖަވާބުދެމުން ވަރަށް ހިތްހަމަނުޖެހި، ރުޅިގަދަވެފައި ހުރެ ވާހަކަ ދައްކައިފަ އެވެ. އަދި، ގްރޫޕް ސްޓޭޖުގައި އުރުގުއޭ އިން ކުޅުނު ފަހު މެޗުގެ ކުރިން، ޓީމު ތެރޭގައި ބޮޑު މައްސަލަތަކެއް ޖެހިފައިވާ ކަމަށް މީޑިއާގައި ރިޕޯޓްްކޮށްފައި ހުރުމުން އެކަމާ ވެސް ބިއެލްސާ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އުރުގުއޭގެ ކޯޗުކަން ބިއެލްސާ ދޫކޮށްލިއިރު، 2023 ވަނަ އަހަރު އޭނާ އެ ޓީމާ ހަވާލުވި ފަހުން ދަނޑުބޭރުން ގިނަ މައްސަލަަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި، އުރުގުއޭ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވާޑް، ލުއިސް ސުއަރޭޒާ ޖެހުނު މައްސަލަތައް ގިނަ އެވެ. އިންޓަ މިއާމީ އަށް ކުޅޭ ސުއަރޭޒް، ރިޓަޔަމެންޓް އުވާލައި، ގައުމީ ޓީމަށް އެނބުރި އައިސް މި ވޯލްޑް ކަޕްގައި ކުޅެން އަމިއްލަ އަށް އެދުނު ނަމަވެސް ބިއެލްސާ ނިންމީ، ސުއަރޭޒަށް ފުރުސަތު ނުދޭށެވެ. ސުއަރޭޒް، ގައުމީ ޓީމުން ރިޓަޔަކުރީ ވެސް ބިއެލްސާއާ ދެމެދު ޖެހުނު މައްސަލަތަކަކަށް ފަހު އެވެ.
ވޯލްޑް ކަޕުން ކެޓުމުން އުރުގުއޭ ޓީމުގެ ޗާޓަރު ފްލައިޓް ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ