ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބެލި މައްސަލަ ސާބިތު ނުވި
ޚާއްސަ އެހީއަށް ބޭނުންވާ ކުޑަކުއްޖަކަށް، ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، ސާބިތުނުވާ ކަމަށް ކަނޑައަޅައި، ބަންދުކޮށްފައި ހުރި މީހަކު ދޫކޮށްލައިފިއެވެ. މިއީ މާލޭން ދެކުނުގެ ރަށެއްގައި 2023 ވަނަ އަހަރު، އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މި މައްސަލައިގައި އެ ކުއްޖާއާ އާއިލީ ގުޅުމެއް އޮންނަ މީހެއްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. ދައުލަތުން އެ މީހާގެ މައްޗަށް ކުރި ދެ ދައުވާއަކީ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކުރުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ. ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ދައުލަތުން ދައުވާ ކުރި މި ދެ މައްސަލަވެސް ސާބިތު ނުވާ ކަމަށް ނިންމައި އެ މައްސަލައިގައި ހިމެނޭ މީހާވަނީ އެ ރަށު ކޯޓުން ދޫކޮށްލާފައެވެ. އެ މީހާ ހުރީ މި މައްސަލައިގެ ތުހުމަތުގައި ޝަރިއަތް ނިމެންދެން ބަންދުކޮށްފައެވެ. މި ދެ މައްސަލައިގެ ކުށް އެ މީހާގެ މައްޗަށް ސާބިތުވި ނަމަ، މަދުވެގެން 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް ރެކޯޑްތަކުން ދައްކާ ގޮތުގައި، މި މައްސަލައިގެ ޝަރިއަތުގެ މަރުހަލާގައި ބައެއް ނިންމުންތައް އެ މައްސަލައިގައި ދައުވާ ލިބޭ މީހާގެ ފަރާތުން އިސްތިއުނާފު ކުރިއެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓަށް ބަލައިގެންފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ