ޕީޖީގެ އަމުރަކަށް ބަލާ މައްސަލަތައް އަވަހަށް ނިންމަން އޭސީސީގެ ގަވާއިދަށް ބަދަލު ގެނެސްފި

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އަމުރަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލާ މައްސަލަތައް ޚާއްސަ އިސްކަމެއް ދީގެން އަވަހަށް ނިންމަން ޖެހޭ ގޮތަށް 'އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު' މިއަދު އިސްލާހުކޮށްފިއެވެ. މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ދެ މަސް ދުވަސް ފަހުންނެވެ. މި ގަވާއިދަށް ޖުމްލަ ނުވަ އިސްލާހެއް ގެނެސްފައި ވާއިރު، އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ގަވާއިދުގެ 16 ވަނަ ބާބުގެ ތެރެއަށް 'ކޮމިޝަނުގެ މައްޗަށް އަންގާ އެންގުންތަކަށް އަމަލުކުރުން' ނަމުގައި އާ ބާބެއް އިތުރުކުރުމެވެ. މި ބާބުގައި ޕީޖީން ވަކި މައްސަލައެއް ބަލަން އަންގައިފިނަމަ އަމަލުކުރާނެ އިޖުރާއަތުތައް ވަނީ ތަފްސީލުކޮށްފައެވެ. އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، އޭސީސީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކުށެއް ޕީޖީން ތަހުގީގުކުރުމަށް އަމުރުކޮށްފި ނަމަ، އެ މައްސަލައަކަށް ޚާއްސަ އިސްކަމެއް ދީގެން ތަހުގީގު އަވަހަށް ނިންމަންވާނެއެވެ. އަދި އެއީ ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައި ނުވާ މައްސަލައެއް ނަމަ، ވަގުތުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. "އޭސީސީގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކުށެއް ޕީޖީން ތަހުގީގުކުރުމަށް އަމުރުކޮށްފި ނަމަ، އެ މައްސަލައަކަށް ޚާއްސަ އިސްކަމެއް ދީގެން އެ މައްސަލައެއްގެ ތަހުގީގު އަވަހަށް ނިންމަންވާނެ،" ގެޒެޓުގައި އާންމުކުރި މި ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. ޕީޖީގެ އެންގުމަކާ ގުޅިގެން އަމަލުކުރާނެ ވަކި މުއްދަތެއް ކަނޑައަޅާފައިނުވާ ނަމަ، އެ އެންގުމެއް އަންގާތާ ރަސްމީ މަސައްކަތު ހަތް ދުވަހުގެ ތެރޭގައި ޕީޖީއަށް ޖަވާބުދާރީ ވާންޖެހޭނެއެވެ. އެ މުއްދަތުގައި ޖަވާބުދާރީ ނުވެވޭ ނަމަ، އިތުރު ހަތް ދުވަހުގެ މުއްދަތަކަށް އެދި ލިޔުމުން ޕީޖީ އޮފީހަށް ހުށަހަޅަން ޖެހެ އެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލާ މިނިވަން މުވައްސަސާއެއްގެ ގޮތުގައި އޭސީސީ އޮތް ނަމަވެސް، މައްސަލަތައް ލަސްވުމާއި ބޮޑެތި މައްސަލަތައް ނުބަލާ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑެވެ. މި ގެނައި ބަދަލުތަކުގެ ދަށުން ހަދަންޖެހޭ ތަހުގީގުކުރުމުގެ އުސޫލުތައް، އިސްލާހުތަކަށް އަމަލުކުރަން ފަށާތާ އެއް މަސްދުވަސް ތެރޭގައި އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ