އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުއުފުލާ ޔޫރަޕުން ޣައްޒާއަކަށް އަޅައެއް ނުލާ: އދ
ބްރަސަލްސް (28 ޖޫން 2026): ޔޫރަޕްގެ ގައުމުތަކަކީ އިންސާނީ ހައްގުތަކުގެ ނަމުގައި އެންމެ އެންމެ ބޮޑަށް އަޑުއުފުލާ ގައުމުތައް ކަމަށް ވިޔަސް އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނާ މެދު ޔޫރަޕްގެ ގައުމުތަކުގެ އެއްވެސް އަޅާލުމެއް ނެތް ކަމަށް އދ އިން ހާމަކޮށްފިއެވެ. ޔޫރަޕްގެ އިއްތިޙާދުގެ ޕާލަމެންޓް ގައި ތަގްރީރު ކުރައްވަމުން އިންސާނީ ހައްގުތަކާބެހޭ އދ. ގެ ހައި ކޮމިޝަނަރު ވޮލްކާ ޓާކް ވިދާޅުވީ މިނިވަންކަމަށް ކުރާ މަސައްކަތުގެ ސަބަބުން ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލު ދެމުންގެންދާ އަނިޔާތަކަށް ޔޫރަޕުން އަޅައި ނުލަނީ ނުވަތަ އެކަން ހުއްޓުވަން މަސައްކަތް ނުކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ. އޭނާ ވަނީ މިކަމުގެ ސަބަބަކީ ކޮބައިތޯ ޔޫރަޕްގެ ޕާލަމެންޓާ ސުވާލު ކުރައްވާފައެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފާފައި ވާއިރު އެބިންތައް މިނިވަން ކުރުމަށް މަސައްކަތްކުރުމަކީ އދ. ގެ ޗާޓަރު ހުއްދަ ކުރާ ކަމެއްކަން ޔޫރަޕްގެ ޕާލަމެންޓް މެންބަރުންނަށް ވޮލްކާ ހަނދާން ކޮށްދެއްވިއެވެ. ވޮލްކާގެ ވާހަކައިގައި އިސްރާއީލުން ޣައްޒާގެ ރައްޔިތުން ހާލުގައި ޖައްސާފައިވާ މިންވަރު ވަރަށް އަސަރާއެކު ޔޫރަޕްގެ ޕާލަމެންޓް މެންބަރުންނަށް ހަނދާން ކޮށްދެއްވިއެވެ. މިއާއެކު ޣައްޒާގެ ރައްޔިތުންނާ މެދު ޔޫރަޕްގެ ގައުމުތަކުގެ އަޅާލުން ނެތީ ކިއްވެތޯ އޭނާ ސުވާލުކުރެއްވިއެވެ. އިސްރާއީލުން ފަލަސްތީނުގެ އަސީރުންނަށް ލާއިންސާނީ އަނިޔާތައް ދެނީ -- ދުނިޔޭގެ އެކި ގައުމުތަކުގެ 60 ސަރަހައްދެއްގައި މިހާރު ވެސް ހަނގުރާމަ އާއި ހަމަނުޖެހުންތައް ހިނގަމުންދާކަން ހާމަކުރައްވަމުން މި ސަރަހައްދުތަކުގެ ތެރެއިން ވެސް އެންމެ ގިނަ ވޭންތައް ތަހައްމަލް ކުރަމުންދަނީ ޣައްޒާގެ ރައްޔިތުންކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ސޫދާނާއި ޔަމަން ފަދަ ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ސަބަބަބުން އެ ދެ ގައުމުގައި ވެސް އެތައް މިލިޔަން ބަޔަކު ވަރަށް ދަތި ހާލުގައި އުޅެން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. ދަތި ހާލުގައި އުޅެން ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީއާއި އަޅާލުންތެރިކަން އެކަމަށް ބޭނުންވާ މިންވަރާ ގާތަށް ވެސް ނުދެވޭކަން އޭނާ ހާމަކުރެއްވިއެވެ. އެހީއާއި އަޅާލުން އެދެވޭ ގޮތެއްގައި ދެވޭނަމަ އެމީހުންގެ ހާލަތު މިހާރަށް ވުރެ އެތަށް ތަނެއް ރަނގަނޅު ކުރެވުނީސް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ނިކަމެތި ހާލަތަށް އާންމުން ވައްޓާލުމުގެ ޒިންމާ ނަގަންޖެހޭ އިސްރާއީލު ފަދަ ގައުމުތައް އެއްވެސް ވަރަކަށް ޖަވާބުދާރީ ނުކުރެވޭ ކަމަށް ވޮލްކާ ވިދާޅުވިއެވެ. ވޮލްކާ ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ހަނގުރާމަވެރި ޖަމާއަތްތަކަށް އަދަބު ދޭން ދަތި ނަމަވެސް އެފަދަ އަމަލުތައް ހިންގާ ގައުމުތަކަށް އަދަބު ދިނުމަކީ ކުރަން ޖެހޭ ކަމެކެވެ. އެެހެން ނޫނީ އޭގެ ނަތީޖާ ހިތިވާނެކަން މެދުއިރުމަތިން ދަނީ ފެންނަމުންކަން ވެސް ވިދާޅުވިއެވެ. އިސްރާއީލުގެ ނަން ވިދާޅުނުވެ އިސްރާއީލުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގާ ޖަރީމާތަކަށް އަދަބު ނުދެވޭކަމާއި މިކަމަށް ޔޫރަޕްގެ އެއްބާރުލުން ލިބޭމިންވަރުގެ ކުޑަކަން ވޮލްކާ ފާހަގަ ކުރެއްވިއެވެ. ވޮލްކާ ވިދާޅުވި ގޮތުގައި އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާތަކާއި ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގައި ހިންގާ ޖަރީމާތަށް ހުއްޓުވުމަށް ޔޫރަޕްގެ ގައުމުތަކަށް މުހިއްމު ފިޔަވަޅުތަކެއް އެޅިދާނެއެވެ. ނަމަވެސް މިފަދަ އެއްވެސް ފިޔަވަޅެއް އެޅުމަށް ޔޫރަޕް ވަރަށް ބޮޑަށް ފަސްޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޚާއްސަކޮށް ޣައްޒާގެ ރައްޔިތުންގެ ވޭންތަކާއި ކެކުޅުންތަކާއި އާދޭސްތަކަށް ޔޫރަޕް ފުރަގަސްދޭކަން އޭނާ ފާހަގަކުރެއްވިއެވެ. ޣައްޒާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކަށް ދުނިޔޭގެ ބޮޑެތި ބައެއް ބާރުތަކުން ބިރުދައްކައި ދަތިކުރުމުގެ ފިޔަޅުތައް އަޅާކަންވެސް އޭނާ ހާމަކުރެއްވިއެވެ. މިއީ ނުސީދާ ގޮތެއްގައި އެމެރިކާއަށް ކުރެއްވި އިޝާރާތެއް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ