ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ގާސިމްގެ އިސްތިއުނާފްގެ މައްސަލާގައި 13 ކަމެއް ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި ގާސިމްގެ ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި މައްސަލަ ސާބިތުކުރެވޭ ވަރުގެ ހެކި ނެތި ހުކުމްކުރުން ފަދަ ކަންކަން ހިމެނެއެވެ.
ގާސިމްގެ މައްޗަށް ޖަލު ޙުކުމެއް އައީ 27 މާރޗު 2017 ދުވަހު، ނެގުމަށް ހަމަޖެހުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމާއި ގުޅުވައިގެން 26 މާރިޗު 2017 ދުވަހުގެރޭ މ.ކުނޫޒުގައި ބޭއްވުނު ޖަލްސާގައި އެހެން ދާއިރާތަށް ތަމްސީލުކުރައްވާ މެންބަރުން ޢަބްދުالله މަސީހް ބޭރުކުމަށް ވޯޓް ދެއްވައިފިނަމަ އެމެންބަރުން ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓުދޭނެ ކަމަށާއި، އެހެން ހުރިހާ ގޮތަކުންވެސް އެހީތެރިވެދާނެ ކަމަށް ބުނެ، ވާހަކަ ދައްކާފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ށ) ހަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން ޤާސިމްގެ މައްޗަށް ދައުލަތުން ކުރި، ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
ގާސިމްއަށް ކުރި ހުކުމުގައި އޭނާ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވާތީ އޭނާ ވަނީ ސިންގަޕޫރަށް ދާދިފަހުން ފުރުވާލާފައެވެ.
ކަރެކްޝަނަލް ސާވިސް އިން ގާސިމް އަށް ހުއްދަ ދީފައި ވަނީ ދިހަ ދުވަހަށް ސިންގަޕޫރަށް ދިއުމަށެވެ. ނަމަވެސް މިމުއްދަތު އިތުރު ކުރަން ގާސިމް އެދިއްޖެ ނަމަ މުއްދަތު އިތުރު ކުރުމުގެ ހުއްދަ ދިނުން އެކަށީގެންވެއެވެ.
ގާސިމް މިދިޔަ މަހުގެ 24 ގައި ހަތަރުވަނަ ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ ކްރިމިނަލް ކޯޓުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުންނެވެ. ގާސިމް އެ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓް ކުރި ފަހުން މިހާތަނަށް އޮންނެވީ ހޮސްޕިޓަލްގައެވެ.
ގާސިމް ތިން އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ