ގިރާވަރުފަޅު ހިއްކުން ކުރިއަށް ގެންދާ ގޮތް ރައީސް ބައްލަވައިލައްވައިފި
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވައިލައްވައިފިއެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރައީސާއެކު، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބާއި އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގިރާވަރުފަޅު ހިއްކުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ބައްލަވައިލައްވައިފައެވެ. ރައީސް އޮފީހުން ބުނީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ވަޑައިގަތުމުން، އެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ރައީސާ ހިއްސާކުރިކަމަށެވެ. އެއާޕޯޓުތަކާ ބެހޭ ސަރުކާރު ކުންފުނި އެމްއޭސީއެލާ ހަވާލުކޮށްގެން ކުރިއަށް ގެންދާ، ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޖުމުލަ 97 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ގިރާވަރުފަޅު ހިއްކުމަށް ބޭނުންކުރާ ހައިމާކެއް --- ފޮޓޯ: ރައީސް އޮފީސް ރައީސް އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އޭގެ ތެރެއިން 35 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. އަދި ފަންޑު މެނޭޖްމަންޓް ކުންފުނީގެ ދަށުން، ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށްވެސް އެ ތަފާސްހިސާބުތަކުގައިވެއެވެ. އެހެންކަމުން، ރައީސް އޮފީހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ގިރާވަރުފަޅުން ހިއްކަން ފަށާފައިވާ 167 ހެކްޓަރުގެ ބިމުގެ ތެރެއިން 105 ހެކްޓަރު ވަނީ ހިއްކައި ނިމިފައެވެ. ގިރާވަރުފަލު މަތިން ފެންނަ ގޮތް --- ފޮޓޯ: ރައީސް އޮފީސް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ރައީސް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، މި ފެށޭ އޭޕްރިލް މަސް ނިމުމުގެ ކުރިން ގިރާވަރުފަޅު ހިއްކައި އެއްކޮށް ނިމި، އެ ތަނުން ޖޫން މަހުން ފެށިގެން ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށެވެ. https://x.com/MMuizzu/status/2035241667444580573 ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 35،000 ކޮޑި މީޓަރުގެ "ކުއީން އޮފް ދަ ނެދަލޭންޑްސް"، އަދި 22،000 ކޮޑި މީޓަރުގެ "އޮރެންޖް" ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެންނެވެ. ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ފުރަތަމަ ނިންމީ 2،000 ގޯއްޗެވެ. އެކަމަކު، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅުމަށް އޭޕްރީލް ހަތެއް، 2024 ގައި ހުޅުވާލިއެވެ. https://sun.mv/217908 އެ ފުރުސަތުގައި ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް 2210 މީހުން އެދުނެވެ. އެ މީހުންގެ މެދުގައި ޖޫން މަހު ވަނީ ގުރު ނަގައިފައެވެ. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ހުޅުމާލޭ ފޭސް ތިނަކާއި ގުޅީފަޅުގެ އިތުރުން އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް އިތުރު ތިން ޑްރެޖަރު ގެންނާނެ ކަމަށް، މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ