އިންޑިއާގެ ޗަންދީގަރުގައި ކުރިއަށްދިޔަ ފުރަތަމަ އިންޓަނޭޝަނަލް އިންވިޓޭޝަނަލް ރިލޭ މުބާރާތުގެ 100x4 މީޓަރު މިކްސްޑް ރިލޭ އިވެންޓުން ރާއްޖޭގެ ގައުމީ ޓީމު ތިންވަނަ ހޯދައި، ލޯ މެޑަލް ކާމިޔާބުކޮށްފި އެވެ.
މި ކާމިޔާބީ ހޯދި ރާއްޖޭގެ ޓީމުގައި ހިމެނެނީ އަހުނަފް ރައްޔާން، ހަސަން ސާއިދު، ޒިވާ މޫސާ އަދި އަހުނާ ނިޒާރު އެވެ. ރާއްޖޭގެ ޓީމުން ރޭސް ނިންމާފައިވަނީ 44.53 ސިކުންތުންނެވެ. މިއިވެންޓުގެ އެއްވަނަ އަދި ދެވަނަ ހޯދާފައިވަނީ އިންޑިއާގެ ދެ ޓީމެވެ. ރާއްޖެއަށް ތިންވަނަ ލިބުނީ ދެވަނައަށް ދިޔަ ޓީމަށްވުރެ 2.19 ސިކުންތު ފަހުން ރޭސް ނިންމައިގެންނެވެ.
މީގެ އިތުރުން މިއަދު ހެނދުނު ބޭއްވި 400x4 މީޓަރުގެ އެހެން އިވެންޓެއްގައިވެސް ރާއްޖޭގެ ޓީމު ވަނީ ވާދަކޮށްފައެވެ. އެ ޓީމުގައި ހިމެނެނީ ހުސައިން ޒީކް ސުއާދު، އާދަމް ރިފްއަތު، ލަޔާނާ މުހައްމަދު އަދި ހައްވާ މުޒްނާ ފާއިޒް އެވެ. މިއިވެންޓުގައި ވާދަކުރި އަށް ޓީމުގެ ތެރެއިން ރާއްޖެއަށް ލިބުނީ ހަވަނަ އެވެ. ރާއްޖޭގެ ޓީމުން ރޭސް ނިންމީ 3:45.81 (3 މިނެޓު 45 ސިކުންތު 810 މިލިސިކުންތު) އިންނެވެ.
މި މުބާރާތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ދުވުންތެރިންގެ ހުނަރު ދައްކާލުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހިމެނޭ ގޮތަށް މިކްސްޑް ރިލޭ ޓީމުން ހޯދި މި ކާމިޔާބީއަކީ ދިވެހި އެތުލެޓިކްސްއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.
އިންޑިއާގެ އިންވިޓޭޝަނަލް ރިލޭ މުބާރާތުން ރާއްޖޭގެ މިކްސްޑް ރިލޭ ޓީމު ލޯ މެޑަލް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ