ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމުގައި 10 އިންސައްތަ ގޮނޑި މި ދެދައިރާއަށް ވަކިން ހާއްސަ ކުރެއްވުން ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވަނީ މިކަމުގައި ރައްޔިތުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
އެސްޕްރެސޯ ވިތު ރައީސް ހަރަކާތްތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ދިވެހިރާއްޖޭގެ ތިން ބާރުވަކިވެފައި އޮންނަ ނިޒާމުގެ ތެރޭގައި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮތް ނަމަވެސް، އެ މަޤާމުތަކަށް ނުހޮވުމުގެ ސަބަބުން ޒުވާނުން ނިޒާމުގެ ތެރޭގައި ތަމްސީލު ނުވާ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނުގެ ވިސްނުމަކީ ރައްޔިތުންގެ މަޖިލީހުގައި ވަކި ކޯޓާއެއް ޒުވާނުންނާއި އަންހެނުންނަށް ކަނޑައެޅިފައި އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމުގެ އިތުރު ތަފްސީލް ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިކަމަކީ މިވަގުތު މަޝްވަރާ ކުރެވޭ ކަމަކަށްވުމުން، އެކަމުގައި ރައްޔިތުންނާއި ޙާއްސަކޮށް ޒުވާނުން އަދި އެނޫންވެސް ފަރާތްތަކުގެ ވިސްނުން ބައްލަން ބޭނުންފުޅުވާ ކަމަށެވެ. އަދި މިގޮތަށް ކަނޑައެޅިއްޖެ ނަމަ މިއީ ޤައުމުގެ ކަންކަން ނިންމުމުގެ އެންމެ މުހިއްމު މުޢައްސަސާ ތެރެއަށް ވަދެވި ބާރުވެރިވެގެންދާނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ޚުދު އެމަނިކުފާނު ޚިޔާލުފުޅު މިކަމުގައި ހުންނެވި ގޮތް ހިއްސާކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނެ ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ 20 އިންސައްތަ ޒުވާނުންނާއި އަންހެނުންނަށް ޙާއްސަ ކުރެއްވުން ރަނގަޅެވެ.
"އަޅުގަނޑުގެ ވިސްނުމުގައި އޮތީ 10 އިންސައްތަ. 10 އިންސައްތަ އަންހެނުން ބޭފުޅުންނަށް. މިހާރުގެ މަޖިލީހުގައި 93 މެންބަރު އެބަތިބި. އަޅުގަނޑުގެ ރިފޯމް ޕްރޮސެސް ތެރޭ އެއަދަދު އިތުރުނުވާ ގޮތް ހަދަންވެސް ގަސްތުކުރަން. މިހާރު މިއޮތީ 93 ގޮންޑި، އޭގެތެރެއިން 9 މެންބަރުން ޒުވާން ބޭފުޅުން، އެއީ 30 އަހަރުން ދަށުގެ. 9 މެންބަރުން އަންހެން މެންބަރުން މިސާލަކަށް މިހެން ޑިސްކަސް ކުރަންޏާ ބުނަންވީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މިކަން ކުރެވޭނެ އެންމެ އިންސާފުވެރި ގޮތަކީ ކޮބާތޯ ބަލަންވެސް ޖެހޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް މިކަން ކުރުމަށް އެންމެ އިންސާފުވެރި ގޮތަކަށް ފެނިވަޑައިގަންނަނީ ގުރުއަތު ނަގައިގެން ދާއިރާތައް ކަނޑައެޅުން ކަމަށެވެ.
"ބޭނުންވަނީ ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުގެ %10 ޚާއްޞަކުރަން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ