މި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ޤައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ޤައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަންގު ޓިވީގެ ޕްރޮގްރާމް "އެސްޕްރެސޯ ވިތު ރައީސް" ގައި މިރޭ، ޒުވާނުންނާ މުޚާޠިބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ސަރުކާރުގެ އިޞްލާޙީ އެޖެންޑާގައި ހިމަނުއްވައިގެން، ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ހުށަހަޅުއްވާ އިޞްލާޙުތަކާ މެދު ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ރައީސަކު އިންތިޚާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވުމަށް އެ ރައީސަކަށް އިތުބާރުކޮށްފައި ކަމަށެވެ. އަދި މި އިޞްލާޙުތަކަކީ ދުރާލާ ރޭވިގެން، ޤައުމަށް އެންމެ ފައިދާ ހުރި ކަންކަން އިސްކުރުމުގެ ނިޔަތުގައި ހުށަހަޅުއްވައި ތަންފީޒުކުރައްވަމުންގެންދަވާ ކަންތައްތަކެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިރޭގެ ޕްރޮގްރާމުގައި އެމަނިކުފާނު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިސްލާޙާއި، އެޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން، ފުޅާދާއިރާއެއްގައި މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން، މަޖިލީހުގެ އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިޞްލާޙަކީ، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާގެ މައްޗަށް ބަރޯސާވާނޭ އިޞްލާޙެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުން އިޞްލާޙުކުރެއްވުމަށްވެސް ހުށަހަޅުއްވަން ވިސްނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިހާރުއްސުރެވެސް، އެ ހުށަހެޅުންތަކާމެދު ފިކުރު ހިންގައި، އެ ކަންކަން ބައްޓަންކުރެވިދާނޭ ގޮތްތަކާމެދު ޒުވާނުންގެ މެދުގައި މަޝްވަރާކޮށް، ޒުވާނުންގެ އަޑު އިއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ކުރިއަށްއޮތް ފެންނަ ނުފެންނަ ވޯޓާ ބެހޭގޮތުން، ޕްރޮގްރާމުގެ ބައިވެރިންނާއި އޯޑިއަންސުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ޙިކުމަތާމެދު ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ކޮންމެ ސަރުކާރެއްވެސް އަލަށް އެކުލަވާލުމަށްފަހު އެ ވޭތުވާ ފުރަތަމަ ހަ މަސްދުވަހު، ސަރުކާރު ލިމްބޯއެއްގައި އެ އޮންނަ އޮތުން، މިކަމުގެ ސަބަބުން ނިމުމަކަށް ގެނެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިޚާބުގައި އެލިބޭ ފައިދާ ނުލިބި، މިހާރަށްވުރެ މިނިވަންކަމާއި އަދުލުވެރިކަމާއެކު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމުގެ ފުރުޞަތު އިތުރުވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް އިންތިޚާބު ބޭއްވުމުން، ވޯޓުލާ މީހުންގެ ޢަދަދު އިތުރުވެ، އިންތިޚާބުކުރެވޭ މަޤާމުތަކުގައި ތިބޭ މީހުން ޖަވާބުދާރީކުރާނޭ ފުރުޞަތުވެސް އިތުރުވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާނުންނާ ގުޅުންހުރި ސިންދަފާތު ދާއިރާތަކުން، ސަރުކާރުން ރާވާފައިވާ އަދި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދާހަމަ ތަފާސްހިސާބުވެސް، ހިއްސާކުރައްވާފައެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ، ޒުވާނުން ބާރުވެރިކޮށްގެން، ޒުވާނުންގެ އެއްބާރުލުމާއި ބައިވެރިވުމާއެކު ޤައުމު ކުރިއަށްގެންދަވަންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކުން، މި ބާރުވެރިކަމާއި ބައިވެރިވުމަށް ދޮރުތައް ހުޅުވިގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިރޭގެ ޝޯގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ