ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، މަޖިލީހުގެ ސުޕަ މެޖޯރަޓީ ވަކި ބަޔަކަށް ލިބުމުގެ ފުރުސަތު ކުޑަވެ، މަޖިލީހުގައި ހުރިހާ ޕާޓީތައް ހަމަހަަމަކަމާ އެކު ތަމްސީލުކުރަން ލިބޭ ފުރުސަތު ބޮޑުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން އަންނަ މަހުގެ 4ގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައީސް މުއިއްޒުގެ ގަރާރަކުން ވަނީ އަންގަވައިފަ އެވެ.
މި ވޯޓުގައި ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން އާނއެކޭ ބުނެފި ނަމަ 2029ގައި އޮންނަން ޖެހޭ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ، 2028ގެ ރިޔާސީ އިންތިހާބާ އެކު އެވެ.
ދެ އިންތިހާބު އެއްކޮށްލަން މަޖިލީހުން ފާސްކުރި އިސްލާހުގައި ވާ ގޮތުން، ރައްޔިތުންގެ ތާއީދު އެކަަމަށް ލިބިއްޖެ ނަމަ ރައީސް އެ ބިލު ތަސްދީގުކުރެއްވުމުން، މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން، ފަސް އަހަރުދުވަހަށެވެ. އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ އެވެ.
ބުނީ ކީކޭ؟ - 'އެކްސްޕްރެސް ވިތު ރައީސް'ގެ ނަމުގައި މިރޭ ޒުވާނުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިހާރު މަޖިލިސް އިންތިހާބު ކުރާ ގޮތަށް ބަލާއިރު، މަޖިލީހުގެ ގޮނޑިތައް ބެހެނީ 40 އާއި 50އާ ދެމެދު ނުވަތަ 40 އާއި 60އާ ދެމެދު، މައި ދެ ސިޔާސީ ޕާޓީގެ މެދުގައި ކަމަށެވެ.
އެކަމަކު ދެ އިންތިހާބު އެއް ދުވަަހެއްގައި ބޭއްވުމުން، މަޖިލީހުގެ ގޮނޑިތައް ހުރިހާ ޕާޓީތަކުގެ މެދުގައި ހަމަހަމަކަމާ އެކު ބެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއްވެސް ޕާޓީއަކަށް %75 ނުވަތަ %80 ހޯދުމަށް ފުރުސަތު ވަރަށް ކުޑަވެގެންދާނެއޭ އެއް ދުވަހެއްގައި އިންތިހާބު ބޭއްވުނީމަ. އެއީ ކީއްވެގެން؟ އިންސާފުވެރިކަމާ އެކު، އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރުވި ހަމަހަމަކަމާ އެކު ކުރިމަތިލެވޭނެ. ވެރިކަންކުރާ ޕާޓީ ވެސް އެބަ ކުރިމަތިލާ. އެކަމަކު އެމީހުންނަށް ކޮން ގެރެންޓީއެއް އޮތީ ހޮވޭނެ ކަމުގެ؟ އެހެންވީމާ ހޮވިގެން ސަރުކާރުގައި ތިބެގެން މީހުން ކައިރިއަށް ދިއުމަށް ލިބޭ ފުރުސަތެއް [އެއް ދުވަހެއްގައި އިންތިހާބު ބޭއްވުމުން] ނުލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުން:
ދެ އިންތިހާބު އެއްކޮށްލުމުގައި ސަރުކާރުގެ އަމިއްލަ އެއްވެސް އެދުމެއް ނެތް
މިހާރު އޮތް ގޮތަށް ބާއްވައިގެން، 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާ ހާލަތުގައި ވެސް މަޖިލީހުގެ މެޖޯރަޓީ އޮންނާނީ ސަރުކާރަށް
އެކަމަކު އަޅުގަނޑު ބޭނުންވަނީ އެ ހުރިހާ ސިޔާސީ ބާރެއް ދޫކޮށްލާ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ގައުމަށް އެންމެ ރަނގަޅު ބަދަލު ގެންނަން
އެނގުން މުހިންމު - މަޖިލީހުގެ ސުޕަ މެޖޯރަޓީ މިވަގުތު އޮތީ ވެރިކަންކުރާ ޕީއެންސީގަ އެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް މަޖިލީހުގެ ސުޕަ މެޖޯރަޓީ އޮތީ އެމްޑީޕީގަ އެވެ. ވެރިކަމުގައި ތިބޭ ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރަޓީ އޮންނާތީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭކަމުގެ ޝަކުވާ ބޮޑެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ވަކި ބަޔަކަށް މަޖިލީހުގެ ސުޕަ މެޖޯރަޓީ ލިބުން ކުޑަވާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ