މާލޭ ސަރަހައްދުގައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: އަމީން

މާލެ އާއި ހުޅުމާލެ ހިމެނޭހެން މާލޭ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި 7 ޕާކިން ބިލްޑިން އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅޭ ކުރެހުންތަކެއް އާންމުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ، މިއީ މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ފެށޭ އާ މަރުހަލާއެއް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އަޅާ ހަތް އިމާރާތުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2،600 އަށްވުރެ ގިނަ ޕާކިން ޖާގަ އަދި ސައިކަލުތަކަށް 1،000 ޖާގަ ލިބިގެންދާނެއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ ޕާކިންގެ ދަތިތަކަށް ހައްލު ހޯދައި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް މަގުމަތީގައި ޕާކުކުރުން ހުއްޓުމަކަށް އައިސް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން މިކަމުގެ ސަބަބުން އިތުރުވެގެންދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ. މާލެ އާއި ހުޅުމާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކުކުރާނެ ޖާގަ ނެތުމުގެ މައްސަލައެވެ. ހާއްސަކޮށް ގިނަ ބަޔަކު ހުޅުމާލެއަށް ހިޖުރަކުރަމުންދާތީ އެ ސަރަހައްދުގައި އުޅަނދުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މައި މަގުތަކުގެ ދެ ފަރާތުގައި ކާރާއި ސައިކަލުތައް ޕާކުކޮށްފައި އޮތުމުގެ ސަބަބުން ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މީގެ ކުރިންވެސް އެކި ސަރުކާރުތަކުން މާލޭ ސަރަހައްދުގައި ޕާކިން ބިލްޑިންތައް އަޅާނެ ކަމަށް ބުނެފައިވީ ނަމަވެސް، މިހާތަނަށް އެކަމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުން މިހާރު ވަނީ މި މަޝްރޫޢުގެ ތަފްސީލުތައް ހާމަކޮށް، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ